މި ވަގުތު ދުނިޔޭގައި ހުރި އެންމެ މަގުބޫލު ލަވަކިޔުންތެރިޔަކީ މަޝްހޫރު އޯލްޓަނޭޓިވް ލަވަކިޔުންތެރިޔާ "ދަ ވީކެންޑް"އަށް ވެއްޖެއެވެ.

އަސްލު ނަމުން ނަމަ އަބެލް ތެސްފޭ ނުވަތަ ވީކެންޑަކީ މިހާރު އެންމެ ގިނަ ބަޔަކު އަޑު އަހާ ލަވަކިޔުންތެރިޔާ ކަމުގައި ގިނެސް ބުކް އޮފް ވޯލްޑް ރެކޯޑުން ވަނީ ކަނޑައަޅައިފައެވެ.

ދުނިޔޭގެ ރެކޯޑު ފޮތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ތަފާސް ހިސާބުތަކަށް ބަލާއިރު ވީކެންޑުގެ މަގުބޫލު ކަމާ އެހެން އާޓިސްޓެއް ގާތް ވެސް ނުކުރާ ކަމަށެވެ.

އެ ގޮތުން އެންމެ ބޮޑު މިއުޒިކް ސްޓްރީމިން ޕްލެޓްފޯމް "ސްޕޮޓިފައި"ގައި އެކަނި ވެސް އޭނާގެ ލަވަތައް ސްޓްރީމް ކުރާ މީހުންގެ އަދަދު އެހެން އާޓިސްޓުންނަށް ވުރެ ގިނައެވެ. އެ ބަޔާނުގައި ބުނެފައިވާ ގޮތުން ސްޕޮޓިފައިގައި މަހަކު އެވަރެޖްކޮށް އޭނާގެ ލަވަތައް ސްޓްރީމް ކުރާ މީހުންގެ އަދަދު 111.4 މިލިއަނަށް އަރައެވެ.

އެ އަދަދާ އެކު ވީކެންޑް ވަނީ ރެކޯޑު ފޮތުން ވެސް ދެ ރެކޯޑެއް ހޯދާފައެވެ. އެ ގޮތުން އެއީ އެންމެ ގިނަ ބަޔަކު ސްޓްރީމްކުރާ އާޓިސްޓުގެ ރެކޯޑާއި މަހެއްގައި އޭނާގެ ލަވަތައް އަޑުއަހާ މީހުންގެ އަދަދު 100 މިލިއަނުން މައްޗަށް ދިޔަ ފުރަތަމަ އާޓިސްޓުގެ ރެކޯޑު އޮންނަ ލަވަކިޔުންތެރިއެވެ.

މިއުޒިކްގެ އެންމެ ބޮޑެތި އާޓިސްޓުން ވެސް ވީކެންޑާ ގާތްކުރަނީ 20 މިލިއަން އަޑުއެހުންތެރިންގެ ފަރަގަކާ އެކުގައެވެ. އެ ގޮތުން ލިސްޓުގެ ދެވަނަގައި އޮތީ މައިލީ ސައިރަސްއެވެ. އޭނާގެ ލަވަތައް އަޑު އަހާ މީހުންގެ އަދަދަކީ 82.4 މިލިއަނެވެ. ގާތްގަނޑަކަށް 81.6 މިލިއަނާ އެކު ލިސްޓުގެ ތިންވަނައިގައި އޮތީ ޝަކީރާއެވެ.