20 Apr 2012, 15:51
މިހާރު ކުރިއަށްދާ ދެވަނަ ކެރަމް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ފިރިހެން ސިންގަލްސް އަދި އަންހެން ސިންގަލްސް އިވެންޓުގެ ފައިނަލަށް ކުޅުންތެރިން ދަތުރު ކޮށްފި އެވެ.
ޖުމްލަ 49 ފިރިހެން ކުޅުންތެރިން ވާދަކުރި ފިރިހެން ސިންގަލްސް އިވެންޓުގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ސާދޫހު ސާމިއު ސީދާ ދެ ސެޓުން ބަލިކޮށް ފިރިހެން ސިންގަލްސް ފައިނަލްގެ ފުރަތަމަ ޖާގަ ކަށަވަރުކުރީ އާދަމް އަދީލެވެ.
ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ހަސަން ޝާމިން ސީދާ ދެ ސެޓުން ބަލިކޮށް ފިރިހެން ސިންގަލްސް ފައިނަލްގެ ދެވަނަ ޖާގަ ކަށަވަރުކުރީ ހުސެއިން އަލީއެވެ.
އަންހެން ސިންގަލްސް ސެމީފައިނަލް ފުރަތަމަ މެޗުގައި މިމުބާރާތުގެ މިދިޔަ އަހަރުގެ އަންހެން ސިންގަލްސް ޗެމްޕިއަން އައިޝަތް ޝަޒްނާ ތިން ސެޓު ދެ ސެޓުން ބަލިކޮށް އަންހެން ސިންގަލްސް ފައިނަލްގެ ފުރަތަމަ ޖާގަ ކަށަވަރުކުރީ އަފީފުއްނިސާއެވެ. ސެމީ ފައިނަލްގެ ދެވަނަ މެޗުގައި އައިމިނަތް ނިފާޝާ ސީދާ ދެ ސެޓުން ބަލިކޮށް އަންހެން ސިންގަލްސް ފައިނަލްގެ ދެވަނަ ޖާގަ ކަށަވަރުކުރީ މިދިޔަ އަހަރު މިމުބާރާތުގެ އަންހެން ސިންގަލްސް ރަނަރއަޕްކަން ހޯދާފައިވާ އައިޝަތް ފައިނާޒެވެ.
މި މުބާރާތުގެ އެންމެ ފޯރިގަދަ އަދި އެންމެ މުހިންމު އިވެންޓު ކަމުގައިވާ އޯޕަން ސިންގަލްސް އިވެންޓުގެ ކުޅުން އިއްޔެ ވަނީ ފަށައިފައެވެ.
އަންނަ އާދިއްތަ ދުވަހު ހަވީރު ހަތަރެއް ޖަހާއިރު ކުޅުމަށް ހަމަޖެހިފައިވާ އޯޕަން ސިންގަލްސް އިވެންޓުގެ ފައިނަލް މެޗް ޓީ.ވީ.އެމް އިން ވަގުތުން ދުރަށް ދެކުމަށް ވަނީ ހަމަޖެހިފައެވެ. އަދި ގަލޮޅު ބޯޅަ ދަނޑުގައި ހުންނަ ރަސްމީ ކެރަމް ހޯލުގައި ކުރިއަށްދާ މި މުބާރުތުގެ ކުޅިބެލުން ވެސް ވަނީ އާންމުކޮށް ހުޅުވާލެވިފައެވެ.