ގދ. މަޑަވެލީގައި އަންހެނަކަށް އަނިޔާކުރި މައްސަލައިގައި ހައްޔަރުކުރި 33 އަހަރުގެ ފިރިހެން މީހާ ޝަރީއަތް ނިމެންދެން ބަންދުކުރަން އެ ރަށު މެޖިސްޓްރޭޓް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއެއްގެ ސަބަބުން، ގިނަ ބަޔެއްގެ ސަމާލުކަން ލިބިފައިވާ މި މައްސަލައިގައި ތުހުމަތުވާ މީހާ ހައްޔަރުކުރީ ހާދިސާ ހިނގި ތަނުން އިއްޔެގެ ވަގުތެއްގައެވެ.

އެ ވީޑިއޯގައި އަންހެން މީހާ ގެއިން ބޭރަށް ނެރެ އޭނާ މަގުމަތީގައި ދަމާކޫއްތާފައި ގެންދާ މަންޒަރު ފެނެއެވެ. އެ ހާދިސާ ހިނގި ވަގުތު އެތަނުގައި ކުޑަކުދިން ވެސް ތިއްބެވެ.

މި މައްސަލައިގައި އަނިޔާ ލިބުނު މީހާއަށް ފަރުވާ ދިނުމަށް ފަހު ދޫކޮށްލުމުން ޖެންޑާ މިނިސްޓްރީން ވަނީ އެ އަންހެން މީހާއަށް ހިމާޔަތް ދީފައެވެ. އަދި މިނިސްޓްރީގެ ފަރާތުން ވަނީ އެ މައްސަލަ ފުލުހަށް ހުށަހަޅާފައެވެ.