22 Mar 2023, 10:11
ކޮރެއަން ޑްރާމާތަކަށް ލޯބި ކުރާ މީހުންނަށް މިއޮތީ ވަރުގަދަ ޝޯއެއް ލިބިފައެވެ. މިސްޓްރީ އާއި ތުރިލާގެ ރަހަތައް ހިމެނޭ ބަދަލު ހިފުމުގެ ޑްރާމާ "ދަ ގްލޯރީ" އަކީ ކޮރެއާ ޝޯތައް ބަލާ މީހުންގެ އިތުރުން އެހެން ޝޯތައް ބަލާ މީހުންނަށް ވެސް ކަމުދާނެ ޝޯއެކެވެ. މިއީ ނުބަލާ ދޫކޮށްލެވޭ ވަރުގެ ޝޯއެއް ނޫނެވެ.
ނެޓްފްލިކްސްއިން މިއަހަރު ނެރުނު ކޮރެއާ ޝޯތަކުގެ ތެރެއިން ދާދި ފަހުން ނެރުނު މި ޝޯގެ ވާހަކަތައް ދައްކައި ނުނިމެއެވެ. ދެ ބަޔަކަށް ބަހާލައިގެން ނެރުނު ގްލޯރީގެ ދެވަނަ ބައި ނެރެފައިވަނީ މީގެ ދެ ހަފުތާ ކުރިންނެވެ.
ކޮރެއަން ޑްރާމާ ނުވަތަ ކޭޑްރާމާތަކުގެ ތެރެއިން އެހެން ޝޯތަކާ މި ޝޯއާ ތަފާތުތައް އެބަހުއްޓެވެ. ކޭޑްރާމާ ޝޯތަކުގެ ތެރެއިން ގިނައިން މަގުބޫލު ވަނީ ޑްރާމާ ޝޯތަކެވެ. ލޯބީގެ ތަފާތު ވާހަކަތައް މަގުބޫލުވާއިރު މިފަހަރު މަގުބޫލު ވެފައިވަނީ ބަދަލު ހިފުމުގެ ވާހަކައެކެވެ.
ދަ ގްލޯރީގައި ލީޑުން ފެންނަނީ މޫން ދޮން އޫން ނަމަކަށް ކިޔާ ކެރެކްޓާއެކެވެ. މި ވާހަކަ ފެށެނީ މޫންގެ ސްކޫލު ދުވަސްވަރު އޭނާއަށް ގަނާކޮށް އެކި ކަހަލަ އަނިޔާތައް ކޮށްފައިވާ މީހުންގެ އަމަލުތަކުންނެވެ. ސްކޫލުގައި އުޅޭ ފަސް ކުދިންގެ ގްރޫޕަކުން މޫންގެ ދިރިއުޅުން އެއްކޮށް ބަރުބާދު ކޮށްލައެވެ. އެކި ގޮތްގޮތުން ގަނާ ކުރުމުގެ އިތުރުން އެ ގްރޫޕު މެމްބަރުންގެ އެންމެ ބޮޑު އެއް ކަމަކީ މޫންގެ ގައިގައި "ކާލިން އަޔަން"އަކުން ޖައްސައި ފިއްސުމެވެ.
އެންމެފަހުން މޫން އަށް ކެތް ނުވެގެން އަމިއްލަ އަށް މަރުވާން ވެސް އުޅެއެވެ. ނަމަވެސް އެހާ ހިސާބުން އަޒުމު ކަޑައަޅަނީ އެ ހުރިހާ އެންމެންގެ ދިރިއުޅުން ބަރުބާދު ކޮށްލާށެވެ. އެހެންކަމުން އެތައް އަހަރެއް ވަންދެން ތަފާތު ރޭވުންތައް ރާވައިގެން، އޭނާއަށް އަނިޔާ ކުރި މީހުންނަށް ގެއްލުން ދެވޭނެ ގޮތްތައް ނިންމައެވެ.
މި ޝޯގައި މޫންގެ އިހުސާސްތައް ދެނެގަނެ، ގަނާ ކުރި މީހުންނަށް އަދަބު ލިބޭ ތަން ބެލުމަށް ބެލުންތެރިން ހަމަ ކެތް މަދުވާނެއެވެ. ޝޯގެ ދެވަނަ ބައިގައި، މި ސީރީސް ބަލާ މީހުން ދެކެން ބޭނުންވާ ގިނަ މަންޒަރުތަކެއް ފެންނާނެއެވެ.
އެހެންކަމުން، އާ ޝޯއެއް ބަލަން ބޭނުން ނަމަ މިއީ މިވަގުތު ބަލަން ވަރަށް ފުރިހަމަ ޝޯއެކެވެ. އަދި ބަދަލު ހިފުން ދައްކުވައިދޭ ޝޯތައް އާންމުކޮށް ކަމުދާނަމަ، އެ މީހަކަށް މި ޝޯ ވަރަށް ކަމުދާނެއެވެ.