ބޮލީވުޑްގެ ގިނަ ފިލްމުތަކުން ފެނިފައިވާ ބަތަލާ ކިރަން ކޭރް ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

ކިރަން ކޮވިޑަށް ޕޮޒިޓިވްވިކަން ހާމަކުރީ އޭނާގެ އަމިއްލަ ސޯޝަލް މީޑިއާ އެކައުންޓް މެދުވެރިކޮށެވެ. އޭނާ ވަނީ، އޭނާއާއެކު މަސައްކަތްކޮށްފައިވާ މީހުން ވެސް ޓެސްޓު ކުރުމަށް އެދިފައެވެ.

ކިރަންގެ ޕޯސްޓާއެކު، ގިނަ ބަޔަކު ވަނީ އޭނާއަށް އަވަސް ޝިފާއަކަށް އެދޭ ކަމަށް ބުނެ މެސެޖުކޮށްފައެވެ.

ފިލްމު "ދޭވްދާސް"އިން ގިނަ ބައެއްގެ ސަމާލުކަން ހޯދި ކިރަން އަކީ ގިނަ ފިލްމުތަކެއްގައި ސަޕޯޓިން ރޯލް ކުޅެފައިވާ ބަތަލާއެކެވެ. މީގެ އިތުރުން ކަލާސް ޓީވީގެ ޝޯ "އިންޑިއާސް ގޮޓް ޓެލެންޓް"ގެ އެންމެ މަގުބޫލު ފަނޑިޔާރުންގެ ތެރޭގައިވެސް ކިރަން ހިމެނެއެވެ.

އެކްޓަރު އަނޫޕަމް ކޭރްގެ އަންހެނުން ކިރަންއަކީ، ފިލްމީ ދާއިރާގެ އިތުރުން ސިޔާސީ މައިދާނުގައިވެސް ހަރަކާތްތެރިވާ ފަރާތެކެވެ. މީގެ އަހަރެއް ކުރިން ކިރަން ވަނީ ލޭގެ ކެންސަރު ޖެހިގެން، އެބައްޔަށް ފަރުވާވެސް ހޯދާފައެވެ.

ކެންސަރު ބައްޔަށް ފަރުވާ ހޯދާފައިވުމާއެކު އޭނާ ކޮވިޑަށް ޕޮޒިޓިވްވި ޚަބަރާއެކު ގިނަ ބަޔަކުވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ކޮވިޑް-19އިގެ ކޭސްތައް އިންޑިއާގެ އެކި ސްޓޭޓްތަކުން މަދުން ފެންނައިރު މިދިޔަ ހޯމަ ދުވަހު އިންޑިއާގެ މަހާރަޝްތްރާ ސްޓޭޓްއިން ބައްޔަށް ޕޮޒިޓިވްވި ކަމަށް ރިޕޯޓުކޮށްފައި ވަނީ 128 މީހުންނެވެ.