އަލީ އަޝްފާގް (ދަގަނޑޭ)ގެ ހެޓްރިކާއެކު 4-0 އިން ޗެމްޕިއަން ވީބީ ބަލިކޮށް ނިއު ރޭޑިއަންޓް ދިރާގު ދިވެހި ލީގުގެ ފެށުން ރަނގަޅު ކުރި އިރު މާޒިޔާ އަތުން ވިކްޓަރީ ވެސް 3-2 ކުރި ހޯދައިފި އެވެ.

އަށް ޓީމު ވާދަ ކުރާ ލީގުގެ ހުޅުވި މެޗުގައި ނިއުގެ ފުރަތަމަ ލަނޑު އައީ ދަގަނޑޭ ޖެހުމުން ކެޕްޓަން އައްސަދު އަލީ (އަޑުބަރޭ)ގެ ބޮލުގައި ޖެހިފަ އެވެ. މި މެޗުގައި ނިއުއިން ދެން ލަނޑު ޖެހީ ކެޕްޓަން އަހުމަދު ތޯރިގް (ޓޮމް) އެވެ.
ވީބީގެ ކޮންޓްރެކްޓްގައި ބާކީ އެއް އަހަރު އޮއްވައި މިލިއަން ރުފިޔާގެ ޓްރާންސްފާފީ އެއްގައި ނިއު އަށް ބަދަލުވި ދަގަނޑޭ އަކީ ރޭގެ މެޗުގެ މޮޅު ކުޅުންތެރިޔާވެސްމެ އެވެ.

ދެ ޓީމުގެ ކުޅުންތެރިންތަކެއް އެއް ޓީމުން އަނެއް ޓީމަށް ބަދަލުވެފައިވުމުން ވަރަށް ބޮޑު ވާދަވެރި ކަމެއް ފެނިގެންދިޔަ މެޗުން ވީބީ ބަލިވި ނަމަވެސް ކީޕަރު ހުސައިން ހަބީބް ވަނީ މޮޅު ސޭވްތަކެއް ކޮށްފަ އެވެ.

މެޗަށް ފަހު އުފާވެފައި ހުރި ނިއުގެ ކޯޗު މުހައްމަދު ޝިޔާޒު (މޯހަން) ބުނީ މިއީ ފެށުމެއް ކަމަށާއި މުހިންމީ މި ނަތީޖާ ތަކުރާރުކުރުން ކަމަށެވެ.
ވީބީގެ ކޯޗު ޖޭން ވަންލީ ބުނީ ދެ ޓީމުގެ ތަފާތު އެންމެ ބޮޑަށް ފެނުނީ ދަގަނޑޭގެ ކިބައިން ކަމަށެވެ.

ވިކްޓަރީ އެގެއަކަށް ނިސްބަތްވާ ކެނެރީގެއިން ޓީމު ގަލޮޅު ދަނޑަށް ދިއުން ހުއްޓިފައި އޮތްއޮތުމަށް 16ވީ ފަހުން ފުރަތަމަ ފަހަރަށް އެގެއަށް ޖަމާވެގެން ގަލޮޅު ދަނޑަށް މެޗުގައި ވިކްޓަރީ މާޒިޔާގެ މައްޗަށް ކުރި މިއަދު ހަވީރު އެވެ. މިދިޔަ އަހަރު ވެލެންސިއާ އަށް ކުޅުނު ހަންސްލީ އަވީލޯގެ ގޯލުން ވިކްޓަރީ ލީޑް ހޯދި ނަމަވެސް އަހުމަދު ރަޝީދު (އައްމަޑޭ) އާއި ވެލެންސިއާއިން މާޒިޔާއާ ގުޅުނު އަސަދުﷲ އަބުދުﷲގެ ލަނޑުތަކުން މާޒިޔާ ކުރި ހޯދި އެވެ. ނަމަވެސް ފުރަތަމަ ހާފުގެ އެންމެ ފަހު ފަސްމިނިޓް ތެރޭގައި ނެގި ދެ ކޯނަރުން އަކުރަމްއަބުދުލްގަނީ އާއި މުހައްމަދު ޝައްފާޒު (ސައްޕޭ) ވަނީ ވިކްޓަރީ އަށް ލީޑު ހޯދައިދީފަ އެވެ. މާޒިޔާގެ ގޯލުތަކުގައި ވިކްޓަރީގެ ތުރުކީ ކީޕަރު ލެވަންޓް ވަންލީގެ ފަރާތުން ނޭދެވޭ ކަންތައްތަކެއް ފެނުނުއިރު ފަހު ހާފުގައި މާޒިޔާގެ ކުޅުންތެރިން ވަނީ އިތުރު ގޯލެއް ވެސް ޖަހައިފަ އެވެ. ނަމަވެސް ރެފްރީ އަހުމަދު އަސްލަމް އޮފްސައިޑް ދެއްކުމުން ބެންޗުން ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅު ކުރި އެވެ.