22 Mar 2023, 09:52
އަކްޝޭ ކުމާރްއާއި ބަތަލާ ރާދިކާ މަދަންގެ އާ ފިލްމު ރިލީޒްކުރުން މިއަހަރުގެ ސެޕްޓެމްބަރު މަހުގެ އެއް ވަނަ ދުވަހަށް ތާވަލުކޮށްފިއެވެ.
އަކްޝޭއާއި ރާދިކާގެ އިތުރުން އެކްޓަރު ޕަރޭޝް ރަވަލް މުހިއްމު ރޯލަކުން ފެންނާނެ މިފިލްމުގެ މަސައްކަތް ފެށީ މިދިޔަ އޭޕްރީލް މަހުގައެވެ. އެއީ ތަމަޅަ ފިލްމު "ސޫރަރައި ޕޮއްޓަރު" ނަމަކަށްކިޔާ ފިލްމެއްގެ ރިމޭކްއެކެވެ. މިހާތަނަށް ވަކި ނަމެއް ދީފައިނުވާ ހިންދީ ރިމޭކްގެވެސް ޑައިރެކްޓަރަކީ ތަމަޅަ ފިލްމުގެ ޑައިރެކްޓަރު ސުދާ ކޮންގަރާއެވެ.
މިފިލްމަކީ، އިންޑިއާގެ ކުރީގެ އާމީ އޮފިސަރެއް ކަމަށްވާ ޖީއާރް ގޮޕީނަތު ކިޔާ ވިޔަފާރިވެރިއެއްގެ ހަޔާތުގެ މައްޗަށް ބިނާކޮށްފައިވާ ފިލްމެކެވެ. ވިޔަފާރީގެ ދާއިރާއަށް ތަޢާރަފްވެ ޖީއާރް ގޮޕީނަތު އުފެއްދި ބަޖެޓް އެއާލައިން ސިމްޕްލީފްލައި ޑެކަން ވުޖޫދަށް އައިގޮތް މިފިލްމުން ދައްކުވައިދެއެވެ. ހިންދީ ރިމޭކްއިން އެކްޓަރު ޕަރޭޝް ރަވަލް ފެންނައިރު ތަމަޅަ ފިލްމުގެވެސް ހަމަ އެރޯލްއިން އޭނާ ވަނީ ފެނިފައެވެ.
ތަމަޅަ ފިލްމު އެމޭޒަން ޕްރައިމްގައި ޕްރިމިއާކޮށްފައިވާއިރު މިއީ ހިންދީ ފިލްމުތަކަށް ލޯބިކުރާ ފަރާތްތަކުގެ މެދުގައިވެސް މަގުބޫލުވި ފިލްމެކެވެ.
އަކްޝޭ ކުމާރްއާއި ރާދިކާ މަދަން އެކީގައި ފުރަތަމަ ފަހަރަށް މަސައްކަތްކުރާ މިފިލްމަށް ކިޔާނެ ރަނގަޅު ރީތި ނަމެއް ހުށަހެޅުމުގެ ފުރުސަތު އަކްޝޭވަނީ ބެލުންތެރިންގެ އަތްމައްޗަށް ދޫކޮށްލާފައެވެ. ހިންދީ ރިމޭކް ރިލީޒްކުރާނެ ތާރީޚާއެކު ފިލްމުގެ ފުރަތަމަ ޕޯސްޓަރުވެސްވަނީ އާންމުންނަށް ދައްކާލާފައެވެ.
އަކްޝޭ އެންމެ ފަހުން ފެނިފައިވަނީ މިދިޔަ މަހުގެ 24ވަނަ ދުވަހު ރިލީޒްކުރި ފިލްމު "ސެލްފީ"އިންނެވެ. "ސޫރަރައި ޕޮއްޓަރު" ރިމޭކްގެ އިތުރުން އަކްޝޭ އަންނަނީ އިތުރު ހަތަރު ފިލްމެއްގައި މަސައްކަތްކުރަމުންނެވެ. އޭގެތެރެއިން ދެ ފިލްމެއް ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ ކުރިޔަށްއޮތް އަހަރުއެވެ.