ވެރިކަން ކުރާ ކޯލިޝަނުގެ މައި ޕާޓީ އެމްޑީޕީގެ އެތެރޭގައި ދެ ފެކްޝަނެއް ނުހިންގޭނެ ކަމަށް އެ ޕާޓީގެ އެންމެ އިސް ލީޑަރު އަދި ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެ ރައީސް މުހައްމަދު ނަޝީދަށް ރައްދު ދެއްވައިފިއެވެ.

އެމްޑީޕީ ތެރޭގައި ދެ ފެކްޝަން އުފެދުމަކީ އެއް ފެކްޝަނެއްގެ ބަޔަކު ޕާޓީ ދޫކޮށް ދާން ޖެހޭ ސަބަބެއް ނޫން ކަމަށާއި، ދެ ފެކްޝަނާއެކު ކުރިއަށް ދެވޭނެ ގޮތެއް ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ހޯއްދަވަން ޖެހޭނެ ކަމަށް އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ މީގެ މަހެއްހާ ދުވަސް ކުރިން ވިދާޅުވެފައެވެ.

ނަޝީދު އެހެން ވިދާޅުވީ, އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ރައީސް ޞާލިހް ކާމިޔާބް ކުރެއްވުމުން ބަލި ގަބޫލުކުރެއްވުމަށް ދެކޮޅު ހެއްދެވުމަށްފަހުއެވެ. އަދި ނަޝީދާއި އެމަނިކުފާނަށް ތާއިދުކުރައްވާ މެންބަރުން އަންނަނީ 'ފިކުރެއްގެ ދިރުން' ނަމުގައި ސިޔާސީ ހަރަކާތް ހިންގަވަމުންނެވެ.

އެމްޑީޕީއާއެކު ކުރިއަށް ދިއުމަށް ނިންމާފައިވާ އަދާލަތު ޕާޓީ އަދި އެމްޑީއޭގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށްފަހު މުލިއާގެ ދޮރުމައްޗަށް ނިކުމެވަޑައިގަތް ނޫސްވެރިން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސް ޞާލިހް ވިދާޅުވީ, ޕްރައިމަރީއަށް ފަހު ރައީސް ނަޝީދާ އެކު މަޝްވަރާ ކޮށްފައި ނުވާ ކަމަށެވެ.

ވަކި ފެކްޝަނެއް ހައްދަވައިގެން ނަޝީދު މަސައްކަތް ކުރެއްވުމާ ގުޅޭ ގޮތުން ނޫސްވެރިއަކު ސުވާލު ކުރެއްވުމުން ރައީސް ޞާލިހް ވަނީ އެކަން އެގޮތަށް ނުކުރެވޭނެ ކަމަށް ވިދާޅުވެފައެވެ.

"އެކަމެއް(ވަކި ފެކްޝަނެއް ނުހިންގޭނެ) ނުކުރެވޭނެ ނޫންތޯ. އެކަމެއް ނުކުރެވޭނެ. އެއީ އެމްޑީޕީގަ އެބައޮތް އަމަލުކުރަން ޖެހޭ އަސާސްތަކެއް އުސޫލުތަކެއް ގަވާއިދުތަކެއް. އޭގެ ތެރެއިން އެމްޑީޕީ މަސައްކަތް ކުރަންވާނީ," ރައީސް ޞާލިހް ވިދާޅުވިއެވެ. ރައީސް ޞާލިހް އިތުރަށް ވިދާޅުވީ, އެމްޑީޕީގެ މެންބަރުން ވަނީ ގޮތް ނިންމާފައި ކަމަށެވެ.

"އެމްޑީޕީގަ މިހާރު މިއޮތީ ކެންޑިޑޭޓެއް އިންތިހާބްކޮށްފަ ޕާޓީ އޮންނަން ވާނީ އެ ނިންމުމާ އެކީގައި," ރައީސް ޞާލިހް ވިދާޅުވިއެވެ.

ކުރިއަށް އޮތްތަނުގައި ރައީސް ނަޝީދާ މަސްވަރާކުރައްވާނަންތޯ ނޫސްވެރިއަކު ސުވާލުކުރެއްވުމުން ރައީސް ޞާލިހް ވަނީ އިތުރަށް އެ މަނިކުފާނު އިސްވެ މަސްވަރާ ނުކުރައްވާނެ މޭރުމަކުން ވާހަކަ ދައްކަވާފައެވެ. އަދި ވިދާޅުވީ އެކަން ޕާޓީގެ ތެރެއިން ކުރާނެ ކަމަށެވެ.

"އަޅުގަނޑު ހިތުން ޕާޓީ ތެރޭގައި އެބަހުރި މަސްވަރާކުރެވޭނެ ސްޓްރަކްޗާތައް. އޭގެ ތެރޭގައި ދާނެ އެ ހުރިހާ ވާހަކަތަކެއް ވެސް," ރައީސް ޞާލިހް ވިދާޅުވިއެވެ.

އެމްޑީޕީގެ ތެރެއިން ވަކި ފެކްޝަނެއް ހަދައިގެން ކުރާނެ މަސައްކަތެއް ނެތްކަން ފާހަގަކޮށް ރައީސް ޞާލިހް ވިދާޅުވީ, ކުރަން އޮތް ކަމަކީ އެ ޕާޓީއަށް ރިޔާސީ އިންތިހާބް ކާމިޔާބް ކުރުމަށް މަސައްކަތް ކުރުން ކަމަށެވެ. އެކަން ޕާޓީގެ ހުރިހާ މެންބަރުން ވެސް ކުރެއްވުމަށް ރައީސް ޞާލިހް އެދިވަޑައިގަތެވެ.