ދިވެހި ސަރުކާރަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ދުނިޔޭގެ ގައުމުތަކަށާއި ކޮމަންވެލްތަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ގޮވާލައްވައިފި އެވެ.

ސަރުކާރަށް ދަތިކުރުމުގެ ގޮތުން އަޅަން ފެނިވަޑައިގަންނަވާ ފިޔަވަޅުތަކެއްގެ ގޮތުގައި ސަރުކާރުގެ އިސް ފަރާތްތައް އެ ގައުމުތަކަށް ދަތުރުކުރެއްވުން މަނާ ކުރުމަށް ނަޝީދު ވަނީ ގޮވާލައްވާފައިވެ އެވެ.

"ބައިނަލް އަގުވާމީ މުޖުތަމައުން އަޅަން އަޅުގަނޑުމެން އެދޭ އެއް ފިޔަވަޅަކީ ސަރުކާރުގެ މެމްބަރުން އެ ގައުމުތަކަށް ދަތުރުކުރުން މަނާކުރުން،" ރައީސް ނަޝީދު ވިދާޅުވި ކަމަށް އޭއެފްޕީގައިވެ އެވެ.

ރައީސް ނަޝީދު އަދި ވިދާޅުވެފައި ވަނީ ސަރުކާރުގެ ގިނަ ބޭފުޅުންގެ ގެތައް ޔޫރަޕްގައިވާ ކަމަށެވެ.

"މިހާރަށް ވުރެ ވަރުގަދަ އަދި އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަން ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫޕް (ސީމެގް) އިން ދެނެގަންނަން ވެއްޖެ" ރައީސް ނަޝީދު ވިދާޅުވެފައިވެ އެވެ.

އޭއެފްޕީ އަށް ދެއްވި އިންޓަވިއުގައި ރައީސް ނަޝީދު ތުހުމަތު ކުރައްވާފައިވާ ގޮތުގައި އަވަސް އިންތިހާބު ބޭއްވުމަކީ އިލެކްޝަންސް ކޮމިޝަން ކަމަކަށްވާ އިރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވަނީ އެކަމުގެ ތެރެއަށް ވެދެވަޑައިގެންފައި ކަމަށް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު މިހާރު އިންޑިޔާ އަށް ވަޑައިގެން އުޅުއްވަނީ އަވަސް އިންތިހާބަކަށް އިންޑިޔާގެ ތާއީދު ހޯއްދެވުމަށެވެ.