މޯލްޑިވްސް ޕޮލިސް ސާވިސް އިންދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް އަދި ފަސޭހައިން ހިދުމަތް ލިބޭނެ ގޮތް ހެދުމަށް ފުލުހުން ވަނީ "އީ ސާވީސް"ގެ ހިދުމަތް ތައާރަފްކޮށްފަ އެވެ.

ފުލުހުންގެ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ޑިޕާޓްމަންޓުން މިއަދު ބުނީ "އީ ސާވީސް"ގެ ދަށުން ފުލުހުން ޓޯ ކުރާ ވެހިކަލްތަކާ ބެހޭ މައުލޫމާތު ވެބްސައިޓް މެދެވެރިކޮށް ބެލޭނެ ކަމަށެވެ. އަދި ބުނީ ވެހިކަލްގެ ރަޖިސްޓްރީ ނަންބަރު ޖަހާލުމުން އެ ވެހިކަލެއް ޓޯ ކުރެވިފައިވޭތޯ ބެލޭނެ ކަމަށެވެ.

ފުލުހުންގެ ވެބްސައިޓްގައި އިތުރަށް ދިނުމަށް ފަށާފައިވާ އަނެއް ހިދުމަތަކީ ޕޮލިސް ސާވީސް އަށް ހުށަހަޅާ މައްސަލަތަކުގެ މައުލޫމާތު މައްސަލަ ހުށަހަޅާ އިރު ދޫކުރާ ސުލިޕްގައިވާ މައުލޫމާތުގެ އަލީގައި ލިބުމެވެ. އެގޮތުން މައްސަލަ ބަލާ ސެކްޝަނާއި ތަހްގީގު ކުރާ ފަރާތާ ބެހޭ މައުލޫމާތާއި މައްސަލަ ނިމިއްޖެތޯ އާއި އަދި މައްސަލަ ޕީޖީ އަށް ފޮނުވައިފިތޯ ވެބްސައިޓް މެދުވެރިކޮށް ސާފުކުރެވޭނެ ކަމަށް ފުލުހުން ބުންޏެވެ.

ހަމަ އެހެންމެ ޕޮލިސް ރިޕޯޓަކީ ސައްހަ އެއްޗެއްތޯ ބެލުމަށް ފޯނު ނުވަތަ ލިޔުމުން ހުށަހެޅުމުގެ ބަދަލުގައި ފުލުހުންގެ ވެބްސައިޓް ބޭނުންކޮށްގެން ޕޮލިސް ސެޓްފިކެޓްގެ ސައްހަކަން ބެލޭނެ ގޮތް ވެސް ވަނީ ހަމަ ޖައްސައިފަ އެވެ.
މީގެ އިތުރުން ކުށުގެ ތަފާސް ހިސާބުތަކާއި ކުރައިމް މެޕިންގެ އިތުރުން ފުލުހުނަށް ހުށަހަޅާ މައްސަލަތަކުގެ ތަފާސް ހިސާބުތައް ވެބްސައިޓް މެދުވެރިކޮށް މިހާރު ބެލޭނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ 2008 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތަފާސްހިސާބު ވެބްސައިޓުން ބެލުމުގެ ފުރުސަތު ލިބޭ އިރު ކުރައިމް މެޕިން މެދުވެރިކޮށް މާލޭތެރޭގައި ކުށްކުރާ ސަރަހައްދުތައް މާކް ކުރެވި، ވެބްސައިޓް މެދެވިކޮށް ފެންނާނެ ގޮތަށް ހަމަ ޖައްސާފައިވާ ކަމަށެވެ.

ފުލުހުންގެ ވެބްސައިޓް މެދުވެރިކޮށް ފުލުހުންގެ ހިދުމަތްތަކެއް ލުއި ފަސޭހަކަމާ އެކު ލިބިގެންދާ އިރު ފޭސްބްކް އަދި ޓްވިޓާ މެދުވެރިކޮށް ވެސް ފުލުހުންގެން ދަނީ މައުލޫމާތު ހިއްސާ ކުރަމުންނެވެ.