21 Mar 2023, 13:24
ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ސްލޮޓެއްގައި ކޮންޓްރޯލާ ޖެނެރަލްގެ މަގާމުގައި ހުންނެވި، މުހައްމަދު އަހްމަދު ހުސައިން (ހަނަފީ)، ޖޭޕީއިން ވަކިވެއްޖެއެވެ.
ހަނަފީ މިއަދު "ސަން" އަށް ވިދާޅުވީ އޭނާ ޕާޓީން ވަކިވީ ޖޭޕީގެ އަމާޒު މިހާރު ހުރީ ގައުމަށް އެންމެ ފައިދާހުރި ގޮތަށް ކަމަށް ގަބޫލު ނުކުރެއްވޭތީ ކަމަށެވެ.
ސިޔާސީ ގޮތުން ދެން ގުޅޭނެ ޕާޓީއެއް އަދި ތާއީދު ކުރައްވާނެ ބޭފުޅެއް ހަނަފީ ވިދާޅެއްނުވެއެވެ. ޕާޓީއިން ވަކިވި ނަމަވެސް އަދިވެސް ހުންނެވީ ކޮންޓްރޯލާ ކަމުގެ މަގާމުގައި ކަމަށް އޭނާ ވިދާޅުވިއެވެ.
ހަނަފީ ޖޭޕީއިން ވަކިވެފައި މިވަނީ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ އެޑްވައިޒަރުގެ މަގާމު އޭނާއަށް ދެއްވާފައި ވަނިކޮށެވެ.
އެންމެ ފަހުން ބޭއްވި ޖޭޕީގެ ކޮންގްރެސްގައި އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު ކަމަށް ހަނަފީ ކުރިމަތިލެއްވިއެވެ. ނަމަވެސް އެ އިންތިޚާބު އޭނާއަށް ކާމިޔާބެއް ނުވިއެވެ.
މިހާރުގެ ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖޭޕީއިން މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވަކިން ވާދަ ކުރަން ނިންމުމުން އެ ޕާޓީގެ ސްލޮޓެއްގައި ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމުގައި ހުންނެވި އަޙްމަދު ސަމީރު ވެސް ވަނީ އެ ޕާޓީއިން ވަކިވެ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާއީދު ކުރައްވަން ނިންމަވައިފައެވެ.