ދިރާގުގެ ސަބްމެރީން ކޭބަލް އަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށް ހަތަރު ވަރަކަށް ދުވަސް ވާނެ ކަމަށް ދިރާގުން މިއަދު ބުނެފި އެވެ.

ދިރާގުގެ މާކެޓިން އެންޑް ޕީއާރު އެގްޒެކްޓިވް އިބްރާހިމް އިމްޖާދު ޖަލީލް މިއަދު ވިދާޅުވީ ސަބްމެރިން ކޭބަލަށް ދިމާވެފައިވާ މައްސަލަ ހައްލު ކުރުމަށް އެކަމަށް ހާއްސަ ކުރެވިފައިވާ ބޯޓް އިންޑިއާގެ ކޮޗިންއިން ފުރައިގެން އެހިސާބަށް ދިއުމަށް ދަތުރު ކުރަމުން އަންނަ ކަމަށާއި މާދަމާގެ ވަގުތެއްގައި އެހިސާބާށް ބޯޓް ފޯރާނެ ކަމަށެވެ. އަދި ސަބްމެރިން ކޭބަލަށް މައްސަލަ ދިމާވީ ބޯޓެއްގެ ނަގިލި ޖެހިގެން ކަމަށް ވެސް އިމްޖާދު ވިދާޅުވި އެވެ.

"އަޅުގަނޑަށް ލަފާކުރެވެނީ މިކަން ދިމާވީ ބޯޓެއްގެ ނަގިލި ފަދަ އެއްޗަކުން ޖެހިގެން ކަހަލަ ގޮތަކަށް ދިމާވި މައްސަލައެއް ކަމަށް ބެލެވެނީ. ނަމަވެސް ޔަގީންކޮށް އެއްޗެއް ދައްނަވަން އެނގޭނީ ބޯޓަށް އެ ހިސާބަށް ދެވުމުން" އިމްޖާދު ވިދާޅުވި އެވެ.

ދިރާގުން ބުނީ ކޭބަލް ހަލާކުވެފައި ވަނީ ސްރީލަންކާއާ ގާތްގަނޑަކަށް 26 ކިލޯމީޓަރު ބޭރުން ކަނޑުގެ 40 މީޓަރު އަޑިން ކަމަށެވެ. އެ މައްސަލައާ ގުޅިގެން ރޭ 10:30 އެހާކަން ހާއިރު އިންޓަނެޓުގެ ހިދުމަތް ކުއްލިއަކަށް މެދުކެޑުނެވެ. އޭގެ ފަހުން އިންޓަނެޓް އަލުން ލިބުނު އިރު އިންޓަނެޓް ވަރަށް ބޮޑަށް ސުލޯވި އެވެ.