03 Aug 2010, 10:05
14:30
ދިރާގު ތްރީޖީ ޚިދުމަތް މެދުވެރިކޮށް ގޭތެރޭގެ މާހައުލު ބަލާލެވޭ ގޮތަށް "ދިރާގު ހޯމް ގާޑް"ގެ ނަމުގައި އާ ޚިދުމަތެއް ތަޢާރަފްކޮށްފި އެވެ.
"ދިރާގު ހޯމް ގާޑަކީ" ގޭތެރޭގައި ކުރާ ކަންތައްތައް ބަލާލުމަށް ދިރާގު ސިމެއް ލައްވައިގެން ބަލާލެވޭ ގޮތަށް ތައްޔާރުކޮށްފައިވާ ކުޑަކުޑަ ކެމެރާއެކެވެ. އެ ކެމެރާއަށް ދިރާގުގެ ޕޯސްޓް ޕެއިޑް އަދި ޕްރީޕެއިޑް ސިމް ބޭނުންކުރެވޭނެ ކަމަށް ދިރާގުގެ ޕްރޮޑަކްޓް މެނޭޖަރ މަރިޔަމް ޝިޒްލީން ވިދާޅުވި އެވެ.
ޝިޒްލީން ވިދާޅުވީ 180 ޑިގްރީ އަށް އަނބުރާލެވޭ ގޮތަށް ތައްޔާރުކޮށްފައިވާ އެ ކެމެރާ އަށް މެމޮރީ ކާޑެއް ލައްވައިގެން ވީޑިއޯ ރެކޯޑް ވެސް ކޮށްލެވޭނެ ކަމަށެވެ. އަދި ކަރަންޓުން ޗާޖްކުރެވޭ ގޮތަށް ތައްޔާރުކޮށްފައިވާ އެ ކެމެރާ ބޭނުންކުރެވޭނީ ހަމައެކަނި ވެރިފަރާތް ބޭނުންވާ ފަރާތްތަކަށް އެކަނި ކަމަށާއި ވެރިފަރާތް ބޭނުންވާ ނަމަ ޕާސްވޯޑެއް ޖަހައިގެން ވެސް ކެމެރާ ގެންގުޅެވިދާނެ ކަމަށް ވެސް ޝިޒްލީން ވިދާޅުވި އެވެ.
ދިރާގުގެ މާކެޓިން ކޮމިއުނިކޭޝަން އެންޑް ޕަބްލިކް ރިލޭޝަން މެނޭޖަރ މުހައްމަދު މިރުޝާން ހަސަން ވިދާޅުވީ ދިރާގުގެ ތްރީޖީ ނެޓްވޯކް ލިބޭ ކޮންމެ ހިސާބަކަށް ވެސް އެ ޚިދުމަތް ބޭނުންކުރެވޭނެ ކަމަށެވެ. އެގޮތުން ދިރާގު ތްރީޖީ ލިބޭ ރަށެއްގައި ހުރި މީހަކަށް ވެސް އެ ކެމެރާ ބޭނުންކޮށްގެން މާލޭގައި ހިނގާ ކަންތައްތައް ވެސް ބަލާލެވޭނެ ކަމަށް މިރުޝާން ވިދާޅުވި އެވެ.