19 Apr 2012, 18:14
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ބައި އިލެކްޝަން ކާމިޔާބުކުރެއްވި ޖުމުހޫރީ ޕާޓީގެ ނާއިބު ލީޑަރު އަބުދުﷲ ޖާބިރު މަޖިލީހުގެ މެމްބަރު ކަމުގެ ހުވާ މިއަދު ކުރައްވައިފި އެވެ.
ޖާބިރު ހުވައި ކުރެއްވުން އޮތީ މިއަދު ހަވީރު 5:00 ޖެހިއިރު މަޖިލީހުގެ އިދާރާގަ އެވެ. އެ ރަސްމިއްޔާތުގައި މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދާއި ނާއިބު ރައީސް އަހުމަދު ނާޒިމުބައިވެރިވެ ވަޑައިގެންނެވި އެވެ.
ހުވައި ކުރެއްވުމަށް ފަހު ޖާބިރު ވަނީ ރައްޔިތުންގެ މަޖިލިހަށް ހުށައަޅުއްވާ ގަރާރު މަޖިލިސްގެ އަމީން އާންމު އަހުމަދު މުހައްމަދާ ހަވާލުކުރައްވައިފަ އެވެ. މީޑިޔާތަކަށް ވެސް ކޮޕީލިބިފައިވާ އެ ގަރާރަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ގާނޫނާއި ހިލާފަށް ކޮށްފައިވާ ކަންކަން ގާނޫނޫ އަސާސީގެ 99ވަނަ މާއްދާގެ ދަށުން އެކަންކަން ތަހުގީގު ކޮށްދެއްވުމަށް އެދި ޖާބިރު ހުށައެޅި ގަރާރެވެ.
އެގަރާރުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކޮށްފައިވާ ގާނޫނާ ހިލާފަށް ކަންކަންތަކުގެ ތެރޭގައި ފާހަގަކޮށްފައިވާ ކަންތައްތަކަކީ އަދުލްއިންސާފު ގާއިމްކުރުމުގެ ބާރަށް ބިރުދައްކައި ނުފޫޒު ފޯރުވުމައި ސުޕްރީމް ކޯޓް ބަންދުކޮށް ތަޅުއެޅުވުމާއި ކޯޓްތަކުން ކޮށްފައިވާ އަމުރުތަކާއި ހިލާފަށް އަމަލުކުރުމަށް ޣައިރު ގާނޫނީ އަމުރުކުރުމާއި ރައީސް ކަމުގެ މަގާމުގައި ހުންނަވައިގެން ގާނޫނާއި ހިލާފަށް ފަނޑިޔާރުންނާ މެދު އަމަލުކުރުމަށް ޣައިރު ގަނޫނީ އަމުރުކުކޮށްފައިވުން ހިމެނޭ ކަމަށް ގަރާރުގައިވެ އެވެ.
އަދިވެސް ގަރާރުގައި ބުނެފައި ވަނީ ރައީސްކަމުގެ މަގާމާއި ސިފައިންގެ އެންމެމަތީ ވެރިޔާކަމުގެ މަގާމުގައި ނަޝީދު ހުންނަވައި ގާނޫނާ ހިލާފަށް މަޖިލިހުގެ ބައެއް މެންބަރުން ހައްޔަރުކުރުމާއި ގާނޫނީ ރައްކާތެރިކަމުން ނަގާލަން އަމުރުކުރުމާއި ދައުލަތުގެ ފައިސާ ގާނޫނާއި ހިލާފަށް ބޭނުންކުރުމާއި ނަހަމަ ގޮތުގައި ބޭނުންކުރުމާއި ރައްޔިތުންގެ މެދުގައި އޮންނަން ޖެހޭ ހަމަ ހަމަ ކަމާއި ހަމަޖެހުން ނައްތާލައި ވަކިބަޔަކަށް އަދި ސިޔާސީ ވަކި ފިކުރަކަށް ނިސްބަތްވާ ފަރާތްތަކަށް އިސްކަންދީ އެފަރާތްތަކަށް ފައިދާ ހުރި ގޮތަށް ކަންކަންކޮށް ރައްޔިތުންގެ މެދުގައި ފިތުނަވެރިކަމާއި ނަފުރަތު އުފެދުމަށް މަސައްކަތްކުރި ކަމަށް ވަނީ ގަރާރުގައި ބުނެފަ އެވެ.
"... އިސްވެ ދިޔަ ކަންތައްތަކަށް ބަލައި ތަހުގީގުކޮށް އެގޮތުން ލިބޭ މައުލޫމާތުގެ އަލީގައި ވަގުތީ ކޮމިޓީއެއް އެކުލަވާލައި ރިޕޯޓްގައިވާ ކަންތައްތަކާ މެދު ރައްޔިތުންގެ މަޖިލިހުން ދެކޭ ގޮތް ހާމަކޮށް އަދި ގަނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅު އަޅަން ޖެހޭ ކަންކަމާ ގުޅޭގޮތުން ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކާ އެކު މައުލުމާތު ހިއްސާކުރުން،" ގަރާރުގައިވެ އެވެ.
ޖާބިރު ވިދާޅުވީ އޭނާ މިއަދު ހުށައެޅުއްވި ގާރަރަކީ އޭނާ އަށް މަޖިލިސް މެންބަރުކަން ލިބި ހުވާކުރެއްވުމަށް ފަހު އެންމެ ފުރަތަމަ ހުށައަޅުއްވާނީ ރައީސް ނަޝީދު ގާނޫނާ ހިލާފަށް ކަންކަން ކުރިކަމުގެ ގަރާރުކަމަށް ކާށިދޫ އަދި ގާފަރުގެ ރައްޔިތުންގެ އަރިހު ދެންނެވި ކަމަށާއި އެގޮތުގެ މަތިން ގަރާރު ހުށައެޅެއްވީ ކަމަށް ވެސް ޖާބިރު ވިދާޅުވި އެވެ.