19 Apr 2012, 17:58
މާލޭ ސިޓީ ކައުންސިލުން ހިންގަނީ ގާތްގަނޑަކަށް ސަރުކާރެއް ކަމަށާއި ލާމަރުކަޒީ ގާނޫނުގެ ދަށުން ސިޓީ ކައުންސިލަށް ލިބިދީފައިވާ މަސްއޫލިއްޔަތުތައް އަދާކުރުމަށް އިމާރާތްތަކާއި ތަންތަން ބޭނުންވާ ކަމަށް މޭޔަރު މައިޒާން އަލި މަނިކު (އަލިބެ) މިއަދު ވިދާޅުވެއްޖެ އެވެ.
ސިޓީ ކައުންސިލުގެ ކުރީގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ދަރުބާރުގެ އާއި ރާޅުގަނޑު ސަރަހައްދާއި ހުރަވީ ބިލްޑިންގެ ބައެއް ސަރުކާރަށް ނެގުމަށް މަސައްކަތް ކުރަމުން އަންނަ މައްސަލާގައި މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަލިބެ ވިދާޅުވީ ސިޓީ ކައުންސިލަށް ގާނޫނުން ލިބިދީފައިވާ ބާރުތައް އަތުލައިގަތުމަށް އާ ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ސިޓީ ކައުންސިލަކުން ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ހިދުމަތްތަކަށް އިމާރާތްތަކާއި ބިން ބޭނުންވާ އިރު، ސިޓީ ކައުންސިލުން މީހާރު ވެސް ހިދުމަތް ދެމުން އަންނަ ތަންތައް ސަރުކާރުން އަތުލައިގަތުމަކީ ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތްތަކަށް ބުރޫއަރާނެ ކަމެއް ކަމަށެވެ.
"އަޅުގަނޑުމެން މިހިންގަނީ ގާތްގަނޑަކަށް ހަމަ ސަރުކާރެއް... ސަރުކާރެއް ހިންގުމޭ މިދެންނެވީ އެޑިއުކޭޝަން މިނިސްޓްރީގެ ބައެއް އަޅުގަނޑުމެން އެބަ ހިންގަން. އެއީ ޕްރީ ސްކޫލް ހިންގުމުގެ ކަންތައްތައް މިއޮތީ މިތާނގައި. މިސްކިތްތައް ބެލެހެއްޓުމާއި ކުނި އުކާލުމާއި ގޯތިގެދޮރުގެ ރަޖިސްޓްރީތައް ހަމަޖެއްސުން. ލާމަރުކަޒީ ގާނޫނުގެ ވިޔަނިތަކުން އިނގޭނެ އަޅުގަނޑުމެންގެ މަސްއޫލިއްޔަތު،" އަލިބެ ވިދާޅުވި އެވެ.
އަލިބެ ވިދާޅުވީ ސަރުކާރާއި ސިޓީ ކައުންސިލާ ދެމެދުވާ މައްސަލަތައް ހައްލު ކުރުމަށް އަދި މިހާތަނަށް އެއްވެސް މަޝްވަރާއެއްކޮށްފައި ނުވާ ކަމަށެވެ. އަދި ސިޓީ ކައުންސިލާއި މިނިސްޓްރީތަކާ ދެމެދު ޖެހޭ މައްސަލަތައް ހައްލު ކުރުމަށް މަޝްވަރާއަށް އެދުމުން ބައެއް މިނިސްޓްރީތަކުން ސިޓީ ކައުންސިލާ ބައްދަލު ކުރުމަށް އިންކާރު ކުރާ ކަމަށް އަލިބެ ވިދާޅުވި އެވެ.
އަލިބެ ވިދާޅުވީ ސިޓީ ކައުންސިލްގެ ބެލުމުގައިވާ ތަނެއް ސަރުކާރުން ބޭނުންވާ ނަމަ ދޫކުރާނެ ކަމަށާއި ނަމަވެސް އެތަނަކުން ދެމުންގެންދާ ހިދުމަތް ދޭނެ އިތުރު ތަނެއް ސިޓީ ކައުންސިލަށް ހޯދައި ދޭންވާނެ ކަމަށެވެ.
"އަޅުގަނޑުމެން ކިރިޔާ ވެސް ތަނެއް އޮތިއްޔާ ސަރުކާރުގެ ބޭނުމަކަށް އަޅުގަނޑުމެން ދޫކުރާނަން. އެއީކީ އަޅުގަނޑުމެން ހިފަހައްޓާނެ ތަނެއް ނޫން. އެހެންނަމަވެސް ތަނެއް ނެތިގެން އުޅޭ ބަޔަކު ބަލަން ޖެހޭނެ ކުރިއަށް އަޅުގަނޑުމެން ކުރަން ހުރި ކަންތައްތަކަށް ސްޕޭސް ހުރިތޯ،"
ހައުސިން މިނިސްޓަރު މުހައްމަދު މުއިޒަށް އިޝާރާތް ކުރައްވައި ސިޓީ ކައުންސިލްގެ މާފަންނު އުތުރު ދާއިރާގެ ކައުންސިލަރު ހަސަން އަފީފު (ޖަންބު ހަސަން) ވިދާޅުވީ "ކަޅު ބޮޑު މީހަކު އައިސް އަހަރެންނަކީ ހައުންސިން މިނިސްޓަރޭ ބުންޏަސް" އޭނާއަކީ ހައުންސިލް މިނިސްޓަރުގެ ގޮތުގައި ބަލައިނުގަންނާނެ ކަމަށެވެ.
"ކަޅު ބޮޑު މީހަކު، އިސްކޮޅުން ދިގު ނުރަ ޖަހާލާފައި ހުރި ވަރުގެ މީހެން އައިސް އަރެން މިއީ ހައުސިން މިނިސްޓަރޭ ކަލޭ މިތަނުން ނުކުންނާށޭ ބުނީމަ އެއީ އަޅުގަނޑުމެން ގަބޫލު ކުރާނެ ކަމެއް ނޫން. އަޅުގަނޑުމެންނަކީ އިންތިހާބުވެގެންތިބި ބައެއް. އެއީ ބަޣާވާތަކުން ވެރިކަމަށް އައި ބައެއް،" ޖަންބު ހަސަނު ވިދާޅުވި އެވެ.
ހައުސިން މިނިސްޓަރު މުއިޒު ވިދާޅުވީ ސިޓީ ކައުންސިލަށް ގާނޫނުން ލިބިދީފައިވާ ބާރުތަކަށް އަރި ގަތުމަށް އެ މިނިސްޓްރީ އިން އެއްވެސް މަސައްކަތެއްކޮށްފައި ނުވާނެ ކަމަށެވެ. އަދި ހުރަވީ ބިލްޑިންގައި ސިޓީ ކައުންސިލުން ހިންގަމުން ދިޔަ ތަނުގެ ބޮޑު ބަޔަކީ ހުސްކޮށް ހުރިތަނެއް ކަމަށް ވާތީ އެތަނުގައި އާ ދެ މިނިސްޓްރީ ހިންގުމަށް ރައީސް އޮފީހުގެ އެދުމަކަށް އެތަން ހުސްކުރުމަށް ސިޓީ ކައުންސިލަށް އެންގުމުން ޖެއްސުން ކުރުމުގެ ގޮތުން ވަރަށް ގިނަ ކަންތައްތައް އެ ކައުންސިލުން ކުރަމުން އަންނަ ކަމަށެވެ.
ސިޓީ ކައުންސިލާއި މިނިސްޓްރީއާ ދެމެދު ޖެހިފައިވާ މައްސަލަ ހައްލު ކުރުމަށް މަޝްވަރާގެ މޭޒަށް ދިއުމަށް ތައްޔާރަށް ހުންނެވި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.