21 Mar 2023, 09:58
ފެޝަންގެ އެންމެ ބޮޑު އިވެންޓު "މެޓް ގާލާ"ގައި ކޮންމެ އަހަރަކުހެން އެންމެ ވަރުގަދަ ހުށަހެޅުންތައް ދައްކާލާ ތަރިން ކަމަށްވާ ކާޑޭޝިއަން އާއިލާ މިއަހަރުގެ އިވެންޓުން ނުފެނިދާނެ ކަމުގެެ އިޝާރާތްތަކެއް ކޮށްފިއެވެ.
ކޮންމެ އަހަރެއްގެ މެއި މަހުގެ ފުރަތަމަ ހަފުތާގައި ބާއްވާ މެޓް ގާލާ އަކީ ފެޝަންގެ އެންމެ ނުފޫޒުގަދަ ސްޓައިލްތަކާއި ޝަހުސިއްޔަތުތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ބާއްވާ އިވެންޓެކެވެ.
ވޯގްއިން އިންތިޒާމުކޮށްގެން ބާއްވަމުން އަންނަ މެޓް ގާލާގެ މި އަހަރުގެ ތީމްގެ ގޮތުގައި ކަނޑައަޅާފައި ވަނީ ވަރަށް ފަހަކާ ޖެހެންދެން ފެޝަން އިންޑަސްޓްރީއަށް ނުފޫޒު އޮތް ކާލް ލެގަފެލްޑްގެ ޑިޒައިންތަކެވެ. މިއަހަރުގެ މެޓް ގާލާގައި ދައްކާލާނީ ލެގަފެލްޑްގެ ޑިޒައިންތަކަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ހެދުންތަކެވެ.
ޑިޒައިންތައް އިއުލާނު ކުރުމާއެކު އެތައް ބަޔަކު އުއްމީދު ކުރީ މެޓް ގާލާގެ އެންމެ ފާހަގަކުރެވޭ ތަރިން އިވެންޓުން ފެންނާނެ ކަމަށެވެ. އޭގެތެރޭގައި ޒެންޑާޔާ އާއި ރިއާނާގެ އިތުރުން ކާޑޭޝިއަން އާއިލާގެ މެމްބަރުން ކަމަށްވާ، ކިމް، ކްލޯއީ، ކޯޓްނީ އަދި ކެންޑަލް އާއި ކައިލީ ޖެނާ ފެންނާނެ ކަމަށް އެމީހުން އުއްމީދުކުރެއެވެ.
ނަމަވެސް މިފަހަރުގެ މެޓް ގާލާގައި ކާޑޭޝިއަން އާއިލާއިން ބައިވެރި ނުވާނެ ކަމަށް ބޭރުގެ ބައެއް ނޫސްތަކުގައި ވަނީ ރިޕޯޓުކޮށްފައިވެއެވެ. ނަމަވެސް އެ އާއިލާއިން އެ ޚަބަރު ކަށަވަރުކޮށްދީފައި ނުވެއެވެ.
ކާޑޭޝިއަން އާއިލާއިން އިވެންޓުގައި ބައިވެރިވާން ފެށީ 2013 ވަނަ އަހަރުގައެވެ. އެއަށްފަހު ކޮންމެ އަހަރެއްގައި ވެސް އެ އާއިލާއިން އިވެންޓުގައި ބައިވެރިވެއެވެ. އެހެންވީމާ މިފަހަރު އިވެންޓުން ނުފެނިއްޖެ ނަމަ މިއީ 10 އަހަރުގެ ތެރޭގައި އެމީހުން އިވެންޓުން ނުފެންނާނެ ފުރަތަމަ ފަހަރެވެ.
ލެގަފެލްޑްގެ ޑިޒައިންތައް މި އަހަރުގެ ތީމް ކަމަށް ކަނޑައެޅުމުން އެތައް ބައެއްގެ ނުރުހުން އަންނަނީ މެޓް ގާލާ އަށް އަމާޒުވަމުންނެވެ. އަދި އޭނާގެ ޑިޒައިންތަކާ މެދު އެއްވެސް ވަރަކަށް ވާހަކަ ދެކެވިގެން ނުވާނެ ކަމަށް ގިނަ ބަޔަކު ބުނެއެވެ.
ލެގަފެލްޑް 2019 ވަނަ އަހަރު މަރުވިއިރު އޭނާ އާ ގުޅޭގޮތުން އެތައް ތުހުމަތުތަކާއި ވާހަކަތަކެއް ވަނީ ފެންމަތިވެފައެވެ. އިންޑަސްޓްރީގައި އުޅޭ މޮޑެލުންތަކަށް ޖިންސީ ފުރައްސާރަ ކުރުމުގެ އިތުރުން ރޭޕްގެ ތުހުމަތު ކުރެވޭ މީހުންނާއެކު އުޅުމާއި ފަލަ އަންހެނުންނާ ގުޅޭ ގޮތުން ހުތުރު ވާހަކަތައް ދައްކައި މުއާމަލާތް ކޮށްފައިވާ ކަމުގެ އެތައް މައްސަލަތަކެއް ވަނީ އޭނާ އާ ދެކޮޅަށް ފެންމަތިވެފައިވެއެވެ.