19 Apr 2012, 16:11
ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބުދުﷲ ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް އެމްޑީޕީން މަޖިލިހަށް ވައްދާފައި ވަނީ ހަގީގަތާ ހިލާފު ތުހުމަތެއްގެ މައްޗަށް ބިނާކޮށް ކަމަށް ޝާހިދު ވިދާޅުވެއްޖެ އެވެ.
މަޖިލިހުގެ ރައީސް ޝާހިދު މިއަދު ނެރުއްވި ނޫސްބަޔާނެއްގައި ބުނެފައި ވަނީ މަޖިލިހުގެ ރައީސް ކަމަށް ވަރަށް ތަނަވަސް އަޣުލަބިއްޔަތަކުން އިންތިހާބުކުރެއްވި ދުވަހުން ފެށިގެން މިހާތަނާ ޖެހެންދެން ވެސް މަސައްކަތް ކުރައްވާފައި ވަނީ ގާނޫނު އަސާސީ އާއި ގާނޫނޫތަކާއި މަޖިލިހުގެ ގަވާއިދާއި އެއްގޮތަށް ކަމަށާއި ކުރިއަށް އޮތްތަނުގައި ވެސް އެގޮތުގައި ދެމިހުންނަވާނެ ކަމަށެވެ.
"... ސަތާރަ އެޕްރީލް ވީ އަންގާރަ ދުވަހު މަޖިލިހުގެ އެމްޑީޕީ އަށް ނިސްބަތްވާ 27 މެންބަރަކު ސޮއިކުރައްވައި އަޅުގަނޑު އިތުބާރު ނެތް ކަމަށް ފޮނުވާފައިވާ މައްސަލައެއް މަޖިލިހުގެ ގަވައިދުގެ 175 ވަނަ މާއްދާގެ[ނ ] ގައިވާގޮތުގެ މަތިން މިއަދު މަޖިލިހުގެ އަމީން އާންމު އަޅުގަނޑަށް ފޮނުވައިފި. އެ މައްސަލާގައި އަޅުގަނޑާ މެދު އެ މެންބަރުން ކުރައްވާފައިވާ ތުހުމަތަކީ ހަގީގަތާއި ހިލާފު ތުހުމަތެއް،" ޝާހިދު ނެރުއްވި ބަޔާނުގައިވެ އެވެ.
ޝާހިދު ވިދާޅުވީ ހުށައެޅިފައިވާ މައްސަލައާ ގުޅިގެން އޭނާގެ ދިފާއުގައި ދައްކަވަން ހުރި ވާހަކަތައް މަޖިލިހުގެ ތަޅުމަށް ހުށައަޅުއްވުމަށް ޓަކައި މިހާރު ތައްޔާރަށް ހުންނެވި ކަމަށެވެ.
އެމްޑީޕީގެ ޕާލިމެންޓް ގުރޫޕްގެ މެންބަރުން ޝާހިދުގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލިހަށް ވަންދަން ފާސްކުރި މައިގަނޑު އެއްސަބަބެއް ކަމަށްބުނެފައި ވަނީ ރައީސްގެ ރިޔާސީ ބަޔާނަށް ރައްދު ދިނުން ފަދަ މުހިންމު މައްސަލައެއްގައި އާންމުކޮށް މަޖިލީހުގެ މެންބަރުންގެ ހިޔާލު ހޯދުމުގައި އަމަލުކުރެވެމުންދާ ގޮތާއި ބެސްޓް ޕްރެކްޓިސް އަށް ބެލުމެއް ނެތި މަޖިލީހުގެ ވޯޓެއްގައި މެންބަރުންގެ ހިޔާލުހޯދުމެއް ނެތި، މަޖިލީހުގެ ރައީސް އަމިއްލަފުޅަށް އެކަންތައް ނިންމަވާފައި ވާތީ ކަމަށް އެ މައްސަލަ ހުށައަޅަމުން އެޕާޓީން ވަނީ ބުނެފަ އެވެ.