19 Apr 2012, 15:49
ހައުސިން މިނިސްޓްރީގެ އެންގުމަކަށް ހުރަވީ ބިލްޑިންގްގައި މާލޭ ސިޓީ ކައުންސިލުން ކުރަމުން އަންނަ މަސައްކަތްތައް ފުލުހުން ލައްވައި ހުއްޓުވުމަށް ފަހު، އަލުން މަސައްކަތް ކުރިއަށް ގެންދިއުމުގެ ފުރުސަތުދީ އެ އިމާރާތުގައި ފުލުހުން ފޯރިމަރަން ފަށައިފި އެވެ.
ސިޓީ ކައުންސިލުން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ ހައުސިން މިނިސްޓްރީ އިން އަންގައިގެން ފުލުހުން މިއަދު ހެނދުނު ހުރަވީ ބިލްޑިންގަށް ގޮސް، އެކައުންސިލްގެ އާބާދީއާ ބެހޭ ސެކްޝަނާއި ޓްރޭޑް ސެކްޝަނާއި ހެލްތު ސެކްޝަނުން ކުރަމުން އަންނަ މަސައްކަތްތައް ހުއްޓުވާފައިވާ ކަމަށެވެ.
ނަމަވެސް ލާމަރުކަޒީ ގާނޫނުގެ ދަށުން އެ ކައުންސިލުން ކުރަން ޖެހޭ ކަންތައްތައް ނުކުރެވޭ ގޮތަށް މުވައްޒަފުން ބައިތިއްބާނެ ތަނެއް ނެތިސް ހުރަވީ ބިލްޑިންގް ހުސްކުރުމަށް ހައުސިން މިނިސްޓްރީ އިން ލިޔުމަކުން އިއްޔެ އަންގާފައިވާ ކަމަށް ސިޓީ ކައުންސިލުން ނެރުނު ބަޔާނުގައިވެ އެވެ.
ސިޓީ ކައުންސިލުން ބުނީ ފުލުހުން އެ އިމާރާތަށް ގޮސް އަމަލުކޮށްފައި ވަނީ އެންމެ ރަނގަޅަށް ނޫން ކަމަށް އެތަނަށް ދިޔަ ފުލުހުންގެ ކައިރީގައި އެ ކައުންސިލުން ބުނުމުން މިއަދު 10:00ގައި މަސައްކަތް ހުއްޓުވި ތަންތަނުގެ މަސައްކަތް އަލުން ފެށުމުގެ ހުއްދަ އަލުންދީފައިވާ ކަމަށެވެ. ނަމަވެސް އެ ހުއްދަ ދިނީ އެ އިމާރާތުގައި ހިންގާ އެއްވެސް ސެކްޝަނަކުން އެއްވެސް އެއްޗެއް ބޭރަށް އަދި އެއްވެސް އެއްޗެއް އެ އިމާރާތަށް ނުވެއްދުމަށް ޝަރުތުކޮށެވެ.
ސިޓީ ކައުންސިލުން ބުނީ ފުލުހުން އަމަލުކުރަމުން އަންނަ ގޮތުން ރައްޔިތުންނަށް ދޭން ޖެހޭ ބައެއް ހިދުމަތްތައް މެދުކެނޑިގެންދާނެ ކަމަށެވެ. އެގޮތުން އިގްތިސާދީ މަސައްކަތް ކުރުމަށް ހުއްދަ ދިނުމާއި އިމާރާތްކުރުމަށް ހުއްދަ ދިނުމާއި ކާބޯތަކެތީގެ ރައްކާތެރިކަން ބެލެހެއްޓުމުގެ ކަންތައްތަކާއި ހޮޓާ ކެޕޭ ރެސްޓޯރެންޓް ކެފޭ ކޭޓަރިން ސާވިސް ހުޅުވައިގެން މަސައްކަތް ކުރުމުގެ ހުއްދަ ދިނުމާއި ޑެންގީ ފެތުރުނަ ނުދިނުމަށް މަދިރި ކޮންޓްރޯލްކުރުމާއި ރަށްވެހިންގެ ރަޖިސްޓްރީ ހެދުން ފަދަ ގިނަ ހިދުމަތްތަކެއް ދިނުމަށް ބުރޫއަރާނެ ކަމަށެވެ.
"މިކަމުގެ ސަބަބުން ހެލްތު ސެކްޝަންގައި ހުރި ބައެއް ފައިލްތައް ސިޓީ ހޯލަށް ގެނައުމުގައި ދަތިތަކެއް އެބަހުރި. އަދި އެކަމުގެ ސަބަބުން ސިޓީ ހޯލްގައި މަސައްކަތް ކުރާ، އިމާރާތް ކުރުމާ ބެހޭ ބަޔާއި ބިމާބެހޭ ބައިގެ މަސައްކަތްތަކަށް ވެސް ވަނީ ހުރަސްއެޅިފައި،" އެބަޔާނުގައިވެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ހުރަވީ ބިލްޑިންގް އަށް ބައެއް ތަކެތި ވައްދަމުންގެންދާ ކަމުގެ މައުލޫމާތު ލިބިގެން ހައުސިން މިނިސްޓްރީގެ އެދުމުގެ މަތިން ފުލުހުން ރޭ 11:00 އިން ފެށިގެން އެ އިމާރާތު ކައިރީގައި ފޯރިމަރަމުން އަންނަ ކަމަށާއި ފުލުހުން މަސައްކަތް ކުރާނީ އެ އިމާރާތުގެ ތެރެއަށް ކަމާ ނުބެހޭ އެއްޗެއް ވެއްދުމުގެ މަސައްކަތް ނުވަތަ ނެރުމުގެ މަސައްކަތް ބަޔަކު ކުރާ ނަމަ އެކަންތައް ހުއްޓުވުމަށް އެކަނި ކަމަށެވެ.
"އިމާރާތަށް ވަދެ ނިކުމެ އުޅުމަކަށް އެއްވެސް ހުރަހެއް ނެތް، ހަމައެކަނި ތަކެތި ވެއްދުމާއި ނެރުން މަނާމިކުރަނީ،" އޮފިޝަލް ވިދާޅުވި އެވެ. ނަމަވެސް އެ އިމާރާތުގެ ތެރެއަށް ނުވެއްދޭނެ އަދި ނުނުރެވޭނެ ތަކެއްޗަކީ ކޮބައި ކަމެއް ފުލުހުން ނުބުނެ އެވެ.
ފުލުހުން އެ އިމާރާތުގައި ފޯރިމަރަމުން އަންނަ އިރު ހުރަވީ ބިލްޑިންގްގެ ހުޅަނގު ފަރާތުގައި އެންމެ ތިރީބައިގައި ސިޓީ ކައުންސިލުން ގެންދަނީ އެ ކައުންސިލްގެ ހެލްތު ސެކްޝަންގެ މަސައްކަތްތައް އެތަނަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންނެވެ.
ހުރަވީ ބިލްޑިންގް ހުންނަ ސިޓީ ކައުންސިލްގެ އެކިއެކި ހިދުމަތްތައް ދެމުން އަންނަ އިމާރާތް މިއަދު 3:00ގެ ކުރިން ހުސްކުރުމަށް ފަހު، އެ އިމާރާތް ހައުސިން މިނިސްޓްރީއާ ހަވާލުކުރުމަށް އަންގައި އެ މިނިސްޓްރީ އިން އިއްޔެ ވަނީ އެކަންސިލަށް ނޯޓިސްދީފަ އެވެ.