19 Apr 2012, 15:38
މިދިޔަ އަހަރުގެ މާޗް މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރު ވެރިން ގެ އަދަދު މިދިޔަ އަހަރުގެ މާޗްމަހާ އަޅާބަލާއިރު 5.3 ޕަސެންޓް ދަށަށް ގޮސްފި އެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ މިދިޔަ މަހުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން މިދިޔަ އަހަރުގެ މާޗް މަހު 80732 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވާއިރު މި އަހަރު ޒިޔާރަތްކޮށްފައިވަނީ 76469 މީހުންނެވެ. އެއީ މިދިޔަ އަހަރާ އަޅާބަލާއިރު 5.3 ޕަސެންޓް ދަށް އަދަދެކެވެ.
ރާއްޖެ އަންނަ ޓޫރިސްޓުންގެ 71.4 ޕަސެންޓް ހިއްސާ ކުރާ ޔޫރަޕުން ރާއްޖެ އައި ޓޫރިސްޓުން ވަނީ 5.6 ޕަސެންޓް ދަށަށް ގޮސްފަ އެވެ. އަދި އޭޝިޔާއިން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދުވަނީ 10.9 ޕަސެންޓް ދަށްވެފަ އެވެ. އަދި އެފްރިކާއިން ރާއްޖެ އަންނަ ޓޫރިސްޓުން 14.3 ޕަސެންޓް ވަނީ ދަށަށް ގޮސްފަ އެވެ.
ފަހަކަށް އައިސް ރާއްޖެއަށް އެންމެން ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ޗައިނާއިން މިދިޔަ މަހު ފަތުރުވެރިން އައި ވަރު ވަނީ 28.4 ޕަސެންޓް ދަށަށް ގޮސްފަ އެވެ. ޗައިނާއަކީ ރާއްޖެ އަންނަ ޓޫރިސްޓުންގެ 8.4 ޕަސެންޓެވެ. ޓޫރިސްޓުންގެ 11 ޕަސެންޓް ހިއްސާ ކުރާ ޔޫރަޕުން އައި މީހުންގެ އަދަދުވަނީ 13 ޕަސެންޓް ދަށަށް ގޮސްފައިވާއިރު އިޓަލީން އަންނަ ޓޫރިސްޓުން ވަނީ 37.6 ޕަސެންޓް ދަށްވެފަ އެވެ. ނަމަވެސް ޖަރުމަނުން ރާއްޖެ އައި ޓޫރިސްޓުން ވަނީ 14.9 ޕަސެންޓަށް ދަށަށްގޮސްފަ އެވެ.
ފެބުރުއަރީ މަހުވެސް ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު ވަނީ 4.7 ޕަސެންޓަށް ދަށަށް ގޮސްފަ އެވެ. އަދި ޖެނުއަރީ މަހު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު ވަނީ 20.9 ޕަސެންޓް މައްޗަށް ގޮސްފަ އެވެ.
ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު ދަށަށް ގޮސްފައި ވަނީ ރާއްޖޭގައި އުފެދިފައިވާ ސިޔާސީ ހަލަބޮލިކަމާއި ރާއްޖެއާ ދެކޮޅަށް ހިންގުނު ނެގެޓިވް ކެމްޕޭނުތަކެއްގެ ސަބަބުންނެވެ. ނަމަވެސް ރާއްޖޭން މިހާރު ކަޑައަޅާފައިވަނީ އެއްމިލިއަން ޓޫރިސްޓުން ރާއްޖެ ގެނައުމަށެވެ. އަދި އެކަމަށްޓަކައި މިނިސްޓްރީން ހާއްސަ ކެމްޕޭންތަކެއް ވަނީ ފަށާފަ އެވެ.