19 Apr 2012, 13:55
މިދިޔަ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހުގެ ރޭ ތޫނު އެއްޗަކުން ހަމަލާދީ ގ. ވޭރު، އަބްދުލް މުހީތު، 21 މަރާލި މައްސަލައިގެ ތަހްގީގު ނިންމުމަށް ފަހު ޕޮރޮސެކިއުޓާ ޖެނަރަލް އޮފީހަށް ފޮނުވާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
އިސްކަންދަރު ކޮށީގައި މިއަދު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ދާވޫދު ވިދާޅުވީ މުހީތުއަށް ތޫނު އެއްޗަކުން ހަމަލާދިން ކަމުގެ ތުހުމަތުކުރެވޭ، 5 މީހެއްގެ މައްސަލަ ޕީޖީއަށް މިމަހުގެ 17 ވަނަ ދުވަހު ފޮނުވާފައިވާ ކަމަށެވެ.
އަދި އެ މީހުންގެ ތެރޭގައި މުހީތުއަށް ހަމަލާ ދިނުމުގައި އިސްކޮށް އުޅުނު ކަމަށް ތަހުގީގަށް އެނގިފައިވާ 18 އަހަރުން ދަށުގެ ކުޑަ ދެ ކުދިން ވެސް ހިމެނޭ ކަމަށް ދާވޫދު ވިދާޅުވި އެވެ.
"ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވާ 18 އަހަރުން ދަށުގެ ދެ ކުދިންނަކީ މުހީތުއަށް ހަމަލާ ދިނުމުގައި އިސްކޮށް އުޅުނު ކަމަށް ފުލުހުންގެ ތަހްގީގުގައި ތުހުމަތުކުރެވޭ ދެ ކުދިން. " ދާވޫދު ވިދާޅުވި އެވެ.
ފިނޭންސް މިނިސްޓްރީ ކައިރިން ތޫނުއެއްޗަކުން ހަމަލާދިނުމާ ގުޅިގެން ސީރިއަސް އަނިޔާތަކަކަށް ފަހު އައިޖީއެމްއެޗުގައި ފަރުވާ ދެމުން ދަނިކޮށް މަރުވި މުހީތުއަކީ އެއްވެސް ކުށެއްގެ ރެކޯޑް އޮންނަ މީހެއް ނޫން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
އަދި ހަމަލާދީފައި ވަނީ ދެ ގްރޫޕްގެ ދެމެދުގައި ހިނގި ހަމަނުޖެހުމެއްގެ ތެރޭން ކަމާށާއި އެހެން ނަމަވެސް މުހީތު އާއި އެ ފަރާތްތަކާ އެއްވެސް ގުޅުމެއް ނެތް ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.