24 Mar 2023, 11:14
"މައިންބަފައިން ތިބާ ބޭނުންހާ ދުވަހަކަށް ދުނިޔޭގައި އުޅޭނެކަމަށް ހީނުކުރާށެވެ. އެމީހުން ވަކިވެ ދިޔުމުން އެމީހުނާއި ދޭތެރޭ ކަންތައް ކުރެވުނު ގޮތާއިމެދު ހިތާމަކުރުމުގެ ބަދަލުގައި ދުނިޔޭގައި ތިބިއިރު ހެޔޮކޮށް ހިތާ އިހުސާންތެރިވެ އަޅާލާ ވަގުތު ދޭށެވެ. "
***
ހިބާ ނުކުތުމާއެކު ކާއިނާތު ދޮރު ލައްޕާލުމަށްފަހު ހިނގައިގަތީ ދެފައި ދަމަމުންނެވެ. ކޮޓަރިއަށް ވަދެފައި އޭނަ ކަރުފަޅައިގެންދާހާ ބާރަށް އެތައް ފަހަރަކު ހަޅޭއްލެވިއެވެ. ތަކުރާރުކޮށް ހަޅޭއްލެވުމުން ކަރުން ހަންގޮސް ކަރުގައި ލޭރަހަވެސް ލިއެވެ. ހުރިތަނަށް ތިރިވެ ކާއިނާތު ބިންމަތީގައި ދެއަތުން ތަޅަމުން ދިޔައީ އަމިއްލަ ނަފުސަށް އަނިޔާދޭން އެވަގުތު ބޭނުންވެހުރެއެވެ. އޭނަގެ ކަންފަތަށް އިވުނު ޚަބަރުތައް ނަގައިގަތުން އެބަލިކަށި ނަފުސަށް ކުޅަދާނައެއްނުވިއެވެ. ހަޅޭއްލަވަމުންގޮސް އަޑު ކެނޑުމުން ދެން ބިންމަތީގައި ބޯ ޖައްސައިލިއިރު ވަރުބަލިވެގެންގޮސް މޫނަށް އަނދިރިވެ ތަންދޮރު ނޭގޭވަރުވިއެވެ. މަޑުމަޑުން ހަނދާނުގެ ސްކްރީނަށް ފިލްމެއްގެ މަންޒަރު ފަދައިން އަރަންފެށީ އޭނަގެ އެކަނިވެރި މަންމައާއި އޭނަގެ މާޒީގެ އެކި ހަނދާންތަކެވެ. އެ މަންމަ އޭނައަށްޓަކާ ކުރި ބުރަ މަސައްކަތާއި ވީ ގުރުބާނީތަކެވެ. އޭނަ އަރާމުކޮށް ކޮޓަރީގައި ބާއްވައިގެން މަންމަ ތަފަތު ވައްތަރުގެ މީރު އެއްޗެހި ތައްޔާރުކޮށް ކާންދީ ގޭގައި ޖެހޭ ހުރިހާ މަސައްކަތެއްކޮށްދިނެވެ. ދެއަތުން އޭނަގެ ހެދުންތައް ދޮވެ އިސްތިރިކޮށް ކޮޓަރި ސާފުކޮށްދީ ހަދަނީ އެއްވެސް ޝަކުވާއެއް ނެތިއެވެ. އޭނަގެ ފައިމައްޗަށް ކޮޅަށް ތެދުވެ މިހިސާބަށް އައުމުގެ ހަގީގީ މޭސްތިރިއަކީ އޭނަގެ ލޯބިވާ މަންމައެވެ. ނަމަވެސް އޭނަ އެ މަންމައަށްޓަކާ ކޮށްދިނީ ކޮންކަމެއްހެއްޔެވެ؟
ކާއިނާތު ސައިރަސްއަށް ގުޅަން ކުރިހާ މަސައްކަތް ބޭކާރުވިއެވެ. އޭނަ ހިބާއަށް ގުޅާ ގެނެސް ހުވާކުރުވީ އެވާހަކަ ސިއްރުކޮށްދިނުމަށެވެ. ހިބާއަށް އެތައް ފައިސާއަކާއި އަތުގައި އޮތް އައިފޯނުދީގެން ހިބާގެ އަނގަ ބަންދުވިއެވެ.
ގަނޑުވެ ޝޮކެއްގައި ހުރުމަށްފަހު ކާއިނާތު ލޯ ދުޅަވާންދެން ރުއިމުން ސިކުނޑިއަށް ކޮންމެވެސް ވަރެއްހެ ލުޔެއްލިބުނެވެ. ނަމަވެސް ދޭތެރެއަކުން އެ މަންމަގެ ހަދާންތައް އޭނަ ރޮއްވައިލައެވެ. އޭނަގެ ސަބަބުން މަންމަ ދުނިޔެއައި ވަކިވެގެން ދިޔުމަކީ ދުވަހެއްގެ ކޮޅުންވެސް އަމިއްލަ ނަފުސަށް އޭނަ މާފުނުދޭނެ ނުބައި ކުށެކެވެ. އަބަދަށްޓަކާ އޭނަގެ ހިތުގައި އެ ޒަޚަމް ތާޒާކޮށް ހުންނާނެއެވެ.
ކާއިނާތު ކިރިޔާވެސް ހަމަޔަކަށް އެޅި އެކުވެރިންނާއި ބަައްދަލުކުރަން ނިންމީ ހަފްތާއެއް ހާ ދުވަސް ފަހުންނެވެ. ހިތާމަތަކުން އަރައިގަންނަން އެންމެ ބޮޑު އެހީތެރިކަމެއް ލިބުނީ އާޔަގެ ފަރާތުންނެވެ. ﷲ އެކި އިންސާނުން އެކިގޮތްގޮތަށް އިމްތިހާނުކުރައްވައެވެ. ބަގަރާ ސޫރަތުގެ ސަތޭކަ ފަންސާސް ފަސްވަނަ އާޔަތުގައި މާތް ﷲވަހީކުރައްވާފައިވެއެވެ. "ހަމަކަށަވަރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުން އިމްތިހާނުކުރައްވާހުށީމެވެ. (އެއީ) ބިރުވެރިކަމާއި ބަނޑުހައިހޫނުކަމުގެ ތެރެއިން ކަމެއް މެދުވެރިކުރެއްވުމުންނެވެ. އަދި މުދާތަކާއި ފުރާނަތަކާއި މޭވާތައް އުނިކުރެއްވުމުންނެވެ. އަދި ކެތްތެރިންނަށް އުފާވެރިކަމުގެ ޚަބަރު ކަލޭގެފާނު ދެއްވާށެވެ."
އާޔާއާއި ލައިކާއާއިއެކު ޓެރެސްއަށް އަރާ ސޯފާއެއްގައި އިށީދެލައިގެންއިންއިރު ކުރިމަތީގައި ޖޫސްތަށިތަކާއި ކުކީސް އަދި ޕިއްޒާ ތަބަކެއް ހުއްޓެވެ.
"ސައިރަސް ދިޔައީ ކީއްވެ ކާއީ؟ އަހަރެމެންނާއި ބައްދަލުވެސް ނުކުރުވާ....."
"ސައިރަސް އިމަޖެންސީއެއްގައި ފުރަން ޖެހުނީ...ފަލަކީ ދަތުރުތައް އެކަހަލަ ގޮތަކަށް ހުންނާނީ..." ލަދުވެތިކަމުން އަމިއްލަ ނަފުސް ސަލާމަތްކުރަން ކާއިނާތު މަސައްކަތްކުރިއެވެ. ސައިރަސްގެ ލޮލަށް އެޅުނު ކުނިކޮޅެއްފަދައިން އޭނަ އެއްލާލައިފިކަން އެނގިއްޖެއްޔާ އެކުވެރިންގެ މަލާމާތްވެސް ރައްދުވާނެއެވެ. ސައިރަސް އޭނަ ނިކަމެތިކޮށްލީ ގެންގުޅޭ ކުއްތާއަކާއިމެދުވެސް އޭނަ އަމަލުނުކުރާނެ އުސޫލުންނެވެ.
"އައި ތޯޓް ވަރަށް ޕްލޭންކޮށްފައި ކަމަށް އެހެން ފުރަނީ.."
"އޭނަގެ ބައްޕަމެންގެ ނާސާފަދަ އިދާރާއެއް ހުރޭ. އެމީހުން ޖައްވީ ދަތުރުތައް ހިތަށް އެރީމަ ކުރަނީ...."ކާއިނާތުއަށް ބަނޑުގައި އަތް ޖައްސައިލެވުނެވެ. ކިތަންމެ ސިއްރުކުރަން އުޅުނަސް ދުވަސްކޮޅެއްފަހުން ދަރިފުޅުގެ ބައްޕައެއްނެތްކަން ދުނިޔެއަށް ބޭޒާރުވާނެއެވެ.
"ކާއީ މިހާރު ބޭސްކެއީމަތަ އެއްކަލަ ގްރޭވްސް ބަލިިގަނޑު ރަގަޅުވީ؟" ލައިކާ އެހިއެވެ.
"އައި ތިންކް ޑޮކްޓަރ ނުބައިކޮށް ޑައިގްނޯސްކުރީ. މިހާރު އެކަންތައް އަމިއްލައަށް ހަމަޔަކަށް އެޅިއްޖެ. ބައެއްފަހަރު ވައިރަސްއެއްގެ ސަބަބުން ތައިރޮއިޑް ދުޅަވިޔަސް އެކަހަލަ އުދަގޫތައް މެދުވެރިވެދާނެޔޯ. މިހާރު އެގޮތަށް ބަނޑުހައިވުމުގެ އުދަގޫތަކެއްވެސް ނެތް. ކެއުމަށް އެހާ ފޯރިއެއްނެތް. މިއީ ގްރޭވްސް ޑިޒީސްއެއް ނޫން އަލްހަމްދުލިﷲ. އޮޓޯއިމިއުން ކަމަކަށް ވި ނަމަ އެހާ ފަސޭހައިން އެކަންތަކުން އަރައިނުގަނެވުނީސް....." ކާއިނާތުއަށް ނޭގުމުގެ ތެރޭގައި ބަނޑުގައި އަތްޖައްސައިލެވުނެވެ. ކުޑަ ކުޑަ ތަދެއް އެރުމުން ފިރުމައިލެވުނީއެވެ.
"މިހާރު ކުރިއަށްވުރެ ހިކި..އަހަރެންވެސް މިހާ ހިކިވާނެނަމަ. ކުރީ ދުވަހު ފިރިހެންކުދިންތަކެއް ފޮށުނު. ޗަސް ބަންކޭލެކޭ ކިޔާފައި. ދެރަވެގެންގޮސް ހަލާކުވި. އެދިޔަގޮތަށްގޮސް ކުރިއަށް ހުރިމީހާގެ މޫނުމަތީ ތަފާލެއް އަޅަން ހިތަށް އެރި.އެކަމަކު ނުކެރުނު. ކާއީ ހުރިނަމައޭ ހިތަށް އެރި..."
"އާނ. އަނގަމަތީ ޖަހާ ދަތެއް ދުއްވާލާނަން.."ކާއިނާތު މަޑުމަޑުން ބުނެލިއެވެ.
"ހެހެ...."ލައިކާ އަށް ހެވުމުން އަނގަމަތީގައި އަތް އެޅިއެވެ. "ސޮރީ ކާއީ........"
އަދިވެސް ހުންނަނީ ކާއިނާތުގެ ހާޟިރުގައި ހުނުމަކީ އިންސާނިއްޔަތާއި ޚިލާފުކަމެއްކަމަށް ދެކެގެންނެވެ. މަންމަ ނިޔާވުމަށްވުރެ ހިތްދަތި ތަޖުރިބާއެއް މީހަކު ކޮށްފާނެކަމަކަށް އޭނަ ނުދެކެއެވެ.
އެވަގުތު ފޯނު ރިންގްވާންފެށުމުން ކާއިނާތު އަވަސްވެގަތީ އެތަނުން ދުރަށް ދިޔުމަށެވެ. ދުވަހަކުވެސް ފޯނެއްގެ އިންތިޒާރުގައި މިހާ ބޭގަރާރުވިހެނެއް ހިޔެއްނުވެއެވެ.
"ހެލޯ ސައިރަސް...."
"ހައި ކާއި ކިހިނެއް؟"
"ވަރަށް ޓްރައި ކުރިން ގުޅަންވެގެން. ވަރަށް ބޮޑު ވާހަކައެއް ބުނަން. ކަނޑާ ނުލައްޗޭ. ޕްލީޒް....ޕްލީޒް.."ކާއިނާތުގެ ލޮލަށް ކަރުނަ ޖަމާވިއެވެ. މަންމަގެ ކުށްވެރިޔާއަކީ ސައިރަސްކަމުގައިވިޔަަސް އޭނަ އަމިއްލަ ނަފުސާއި ސައިރަސްއަށް ދުވަހަކު މާފުނުދިނަސް ދުނިޔޭގެ ލަދަށްޓަކާ ސައިރަސްއަށް ސަލާމްޖަހަން ޖެހުނީއެވެ.
"އާނ އަހަރެންގެ ފޯނަށް މައްސަލައެއް ދިމާވީ..."
"އޯލްރައިޓް....މަންމަ ނިޔާވެއްޖެ..."
"ސޮރީ ބޭބީ. ކުރިންވެސް މޭރީ ބްރެއިން ހެމޮރެޖްއެކޭ ބުނީމަ ޒީރޯ ޗާންސްކަން އެނގުނު. އަހަރެންވެސް ކުއްލިއަކަށް ފުރަން ޖެހުނީމަ ދިޔައީ. މޭރީ އެމެރިކާއަށް ނުދެވިގެން އާދޭސްކުރީމަ އޭނަ ގެންދިޔައީ.."
"އަހަރެން ބުނާގޮތަކަށް ނަހަދާ. މާލެގޮސް ބުރުގާ އެޅީ. އަހަރެން ބުނެފީމެއްނު މަންމަމެންނަށް ތި ސްޓައިލް ކަމަކުނުދެއޭ. ފެމިލީއަށް ބިލޯންގްވަންޏާ ތި އުޅުން ބަދަލުކޮށްބަލަ. ފަހުން އެބަ ގުޅަން.މުހިއްމު ކޯލެއް އެބަ އާދޭ.........އައިމް ސޮރީ އެބައުޓް ޔޯ މަމް. މޭ ގޯޑް ގްރާންޓް ހާރ ޕެރެޑައިސް..."
ސައިރަސް ފޯނު ކަނޑައިލުމުން ކާއިނާތުގެ ހިތަށް އަސަރުކުރިއެވެ. އޭނަ ސައިރަސްގެ ފަރާތުން އުއްމީދުކުރަންވީ ކޮން ކަމަކަަށްކަން އޮޅޭ ހިސާބަށްވެސް ހިގައްޖެއެވެ.
***
" އެ މިލިއަން ޓައިމްސް އައިވް ނީޑެޑް ޔޫ އެމިލިއަން ޓައިމްސް އައިވް ކްރައިޑ،ް އިފް ލަވް އެލޯން ކުޑް ހޭވް ސޭވްޑް ޔޫ ޔު ނެވާ ވުޑް ހޭވް ޑައިޑް. އިން ލައިފް އައި ލަވްޑް ޔޫ ޑިއަލީ، އިން ޑެތް އައި ލަވް ޔޫ ސްޓިލް. އިން މައި ހާޓް ޔޫ ހޯލްޑް އެ ޕްލޭސް، ނޯވަން އެލްސް ކެން އެވާ ފިލް. އިޓް ބްރޯކް މައި ހާޓް ޓު ލޫޒް ޔޫ، ބަޓް ޔޫ ޑިޑްން ގޯ އެލޯން ޕާޓް އޮފް މީ ވެންޓް ވިތް ޫ، ދަ ޑޭ ގޯޑް ޓުކް ޔޫ ހޯމް..." ކާއިނާތުގެ ޕްރޮފައިލް ތަސްވީރަށް އެ ހިތާމަވެރި ޅެން ލާންވެގެން އެއަށް ބަލަހައްޓައިގެން އިންއިރު އެލޮލުން ފެންނަމުން ދިޔައީ ބަޔާން ނުކުރެވޭފަދަ ހިތްދަތިކަމެކެވެ.
އޭނަ ތަސްވީރު ބަދަލުކުރިތަނާހެން ސައިރަސްގެ ކޯލެއް އައެވެ.
"އަހަންނަށްވުރެވެސް ކާއިނާތުގެ މަންމަދެކެ ލޯބިވަނީ؟ އައި ތޯޓް އެންމެނަށްވުރެ މުހިއްމީ އަހަރެން ކަމަށް..."
ސައިރަސްގެ އެ ސުވާލުން ކާއިނާތު މޭނުބައިކުރިއެވެ. ސައިރަސް ހުންނަނީ އޭނަ ޕްރޮފައިލަށް ލާ ތަސްވީރަށްވެސް ބަލަބަލާހެއްޔެވެ؟ އޭނައާއި ވަކިވުމުން އެކަމާއިހެދި ޕޯސްޓެއްނުކޮށް މަންމަގެ ނިޔާވުމާއި ގުޅުން ހުރި އެއްޗެއް ލުމުން ސައިރަސްއަށް ކެތްނުކުރެވުނުއިރު ސައިރަސްގެ ނުބައިނުލަފާކަން އޭނަ ދުނިޔެއަށް އޮޅުވަން ކުރާ މަސައްކަތްވެސް ނުފެނުނެވެ. އޭނަ އެހާވަރުން ލޯބިވެގެން ދީވާނާވި ލޯބިވެރިޔާގެ ޒިންމާދާރުކަމާއި ހަރުކަން އަދި މާތްކަން އޮޔާލާ ދިޔައީ ކީއްވެކަމެއްވެސް ނޭގެއެވެ. މިހާރު ދައްކާވާހަކަތަކުން ދޭހަވަނީ އޭނަގެ މަންމައަށް ހަސަދަލައިގެން ޅަދަރިއެއް ހެންއުޅޭތަނެވެ. އޭނަގެ މަންމަ ނިޔާވެގެން އުޅޭއިރު ސައިރަސް ކުޑަކުއްޖެއްހެން ސަމާލުކަން ނުލިބިގެން ބޮޑާ ހާކަނީއެވެ. ލޯތްބަކީ އެކި މިންގަނޑުން އެތައް ގޮތަކަށް ވެވޭ އެއްޗެކެވެ. މައިންބަފައިންދެެކެ ވާ ލޯތްބާއި އިޝްގީ ލޯބިވެސް ތަފާތެވެ. ސައިރަސްއަށް އެކަން ނޭގުނީތީ އޭނަ ހިތާމަކުރިއެވެ.
"އޯ.....އައިމް ސޮރީ..އެކަމަކު އެއީ އަހަރެންގެ މަންމައޭ..."
"އަނެއްކާވެސް ގުޅާފައި ކައިވެނި ކުރާށޭ ކިޔާފައި އާދޭސްކުރާނަން ދޯ........................"ސައިރަސް ހިނިގަނޑެއް ޖަހައިލިއެވެ.
"ސައިރަސް....ޕްލީޒް..."
"މިހާރުވެސް އެފެށީނު..ޕްލީޒް ޕްލީޒް....ތިހެން އުޅޭތީއޭ ފޫހިވަނީ. އަހަރެންދެކެ ލޯބިވަންޏާ މަންމަ ބޭނުންވާގޮތަށް އުޅެންވީ. ރަމަޟާން ފުރަތަމަ ދުވަހު ބުރުގާއާއި ނުލާ ބޭރުގައި އުޅެމުން މަށަށް ފޮޓޯއެއް ފޮނުވާ. އޭރުން ރާއްޖެގޮސް ކައިވެނިކުރާނަން. އެއީ މިހާރު ކައިވެނީގެ ޝަރުތަކީ..ހޭވް އެ ގުޑް ޑޭ.........."ސައިރަސް ފޯނު ބޭއްވިއެވެ. ކޮންމެފަދަ އަގެއްދީގެންވެސް އޭނަ ލަދެއްގައި ނުބެދި ސަލާމަތްވާން ނިންމިއިރު ހަގީގަތުގައި ފާފަތަކަށް އަރައިގަނެގެން އިތުރަށް ލަނޑެއް ލިބިދާނެކަމަކަށް ކާއިނާތުއަށް ރޭކާނުލިއެވެ. މިވަގުތު އޭނަގެ ހުރިހާ ސަމާލުކަމެއް ހުއްޓިފައިވަނީ ކޮންމެވެސް ގޮތަކުން ސައިރަސްއާއި ކައިވެނިކޮށްގެން ދަރިފުޅަށް ގާނޫނީގޮތުން ބައްޕައެއް ހޯދަދިނުމަށެވެ. ރަށްމެދަށް ދަރިއެއް ވިހައިގެން މީހުންގެ ދޫތަކުން އުމުރު ދުވަހުވެސް ސަލާމަތްނުވާނެތީ އޭނަ މާބޮޑަށް ބިރުގެންފިއެވެ. ކުރެވުނު ކުށުން ތައުބާވެ ﷲގެ މަގަށް ރުޖޫއަވާވަރަށް ކާއިނާތުއަށް ހިދާޔަތެއް ނުލިބުނެވެ. ސައިރަސްގެ ލޯބީގެ އޮއިވަރުގައި ދުނިޔޭގެ ވަގުތީ އުފާތަކަށް އިސްކަންދެވި އާޚިރަތް މަތިންވެސް ހަނދާން ނެތިއްޖެއެވެ.
***
ކާއިނާތުއާއިއެކު ބާޒާރުކުރަން އެކީ ދާންވެގެން އާޔާ އެގެއަށް އައިއިރު ކާއިނާތު ބުރުގާ ނާޅާ ތައްޔާރުވެގެން ހުރިތަން ފެނުމުން އާޔާ ބުމަ އަރުވައިލިއެވެ.
"ކޮބާ ޝޯލް؟"
ކާއިނާތު ގަދަކަމުން ހިނިތުންވެލަން މަސައްކަތްކުރިޔަސް ކުރީގައި އެހެރަ އުފާވެރި މަޖާ މިޒާޖުގެ ކާއިނާތު ވުޖޫދުން ނެތިގެން ދިޔަކަން އާޔާާއަށްވެސް ވިސްނުނެވެ.
"އެނބުރި ޔޫ އެސްއަށް ދާންވާއިރަށް ބުރުގާ އެއްކޮށް ނެގީ. އެތާ އިސްލާމްފޯބިއާ ވަރަށް އޮވޭ. ދިރިއުޅުން ދަތިވާވަރުވެސް ކުރޭ، އެހެންވެ އެންމެ ސޭފްވާނީ ބުރުގާ ނާޅާ ހުރިއްޔާ. ސައިރަސްގެ މަންމަ ބޭނުންވާގޮތް....."ކާއިނާތު އޭނަގެ ނިންމުން ދިފާއުކުރިއެވެ.
"ކާއީ. އެވަރުތަނަކަށް ދެން ނުގޮސް ރާއްޖޭގައި މަޑުކުރެވޭނެއްނު. ކީއްވެ ތާޣޫތުންގެ ތެރޭގައި ދިރިއުޅެންވީ؟ ބުރުގާ އެޅުމަކީ ﷲގެ ކޮމާންޑެއް. ނޫރު ސޫރަތުގައި އަންހެނާގެ އައުރައަކީ ކޮބާކަން އަންގަވާފައިވޭ."
"އެއީ އަރަބި ސަގާފަތެއް.."ކާއިނާތު ބުނެލިއެވެ.
"އެއީ އަރަބި ޓްރެޑިޝަނެއްނޫން ﷲގެ ކޮމާންޑެއް ކާއީ..އައިމް ޓެލިން ޔޫ....ސައިރަސްއާއި އެ ފެމިލީ ބޭނުންވިޔަސް ﷲގެ ހުކުމަކާއި ދެކޮޅު ހަދާކަށް ނުޖެހޭނެެ.ކާއީ ބުރުގާ ނާޅާ ހުރީމަ އެއްކޮށް ބޭރަށް ދާކަށް ނުކެރޭނެ. ސީރިޔަސްކޮށް އަބަދުވެސް ކާއީއަށް ފިރިހެނުންގެ ނަޒަރު ހުއްޓޭ ރީތި ކުއްޖަކަށްވީމަ. އެކަމަކު ތިހެދުމުގައި ކަނދުރާއާއި މޭމަތިވެސް ފެންނަން ތިހިރީ............" އާޔާ ކާއިނާތުގެ އަތުގައި ހިފާ ދޮރާށިން އެތެރެއަށް ވަދެ ލައްޕާލައިފިއެވެ."ހިނގާ ޝޯލް އަޅަން.."
"ސޮރީ. މިއީ އަހަރެންގެ ނިންމުން."ކާއިނާތު ހަށަން ބަދެލިއެވެ.
އާޔާ ގުރުއާނުގައި ހިޖާބާއި ބެހޭގޮތުން އޮތް އާޔަތް ދެއްކުމަށްފަހު ހަދީސްތަކާއި އިލްމުވެރިންގެ ވާހަކަ ދެއްކުމުންވެސް ކާއިނާތު އެއްބަސްވާގޮތެއްނުވިއެވެ. ގޮތުގައި ހިފަހައްޓައިގެން ހުރީއެވެ. އޭނަގެ މަންމަ ނިޔާވި ސަބަބުވެސް އާޔާއަކަށް ނޭގޭނެއެވެ. މިހާރު ކާއިނާތުގެ ވިސްނުން ހުރީ ލިބެން އުޅޭ ދަރިފުޅުގެ ނަން ބަދުނާމުން ސަލާމަތްކުރުމަށެވެ. އޭރުން ފަހަރެއްގައި އޭނަގެ މަންމަގެ ފުރާނައަށް ހަމަޖެހުމެއްލިބިދާނެކަމުގެ މޮޔަ ހީވެސް ކުރެވިފައިވިއެވެ. އާޔާއާއި ކާއިނާތުގެ ބަހުސް ހޫނުވެ ކާއިނާތުއަށް ވިސްނައިދޭން އެކުވެރިޔާ ކުރި މަސައްކަތްވެސް އޭނައަށް ފެނުނީ ހަސަދަލުން ކަމުގައެވެ. އޭނަގެ އުފާވެރި ދިރިއުޅުން ހަޔާއަށްވެސް ހަޖަމު ނުކުރެވުނީއެވެ. ކާއިނާތު ބުނީ އާޔާއާއި ދެން ވާހަކަދައްކަން ބޭނުންނުވާކަމަށާއި އޭނަގެ އެކުވެރިކަމުގެ ގުޅުން ނިމުނީކަމުގައެވެ. އާޔާގެ މޫނުމަތީ ދޮރު ޖެހުމަށްފަހު ކާއިނާތު އެކަނިމާއެކަނި ގެއިން ނުކުމެގެންގޮސް ސޯޝަލް މީޑިއާއަށް ފޮޓޯތައް ލިއެވެ. މިހުރިހާ ދުވަހު ޑީއެކްޓްވިވޭޓްކޮށްފައިވާ ފޭސްބުކްވެސް ހުޅުވުމަށްފަހު ފޮޓޯތައް ލުމާއެކު ލައިކާވެސް ހައިރާންވެފައި ކާއިނާތުއަށް ގުޅުމުން ފޯނު ބިޒީކޮށްލީއެވެ.
***
"ސައިރަސް. މިހިރީ ފޮޓޯތައް. މިކަމާއިހެދި އަހަރެން އާޔާމެންނާއިވެސް ގުޅުން ކަނޑާލައިފިން. ސައިރަސް ފިޔަވާ އަހަރެންގެ އެއްވެސް މީހެއްނެތް. އާދެބަލަ ޕްލީޒް......."ކާއިނާތު ގުޅައިގެން ހުރިއިރު އޭނަގެ އެސްފިޔަތަކުގައި ކަރުނަ ތިކިތައް ހަރުލާފައި ހުއްޓެވެ.
"ހޫމް އެބަދަން. ވެއިޓް ފޯ މީ..."
"ތެންކްސް...."ކާއިނާތު އުއްމީދުކުރީ ސައިރަސްގެ ހިތް މަޑުވެ އޭނަގެ ހާލާއިމެދު ހަމްދަރުދީވާނެކަމުގައެވެ. އޭނަގެ ލޯތްބަށް އިހުތިރާމް ކުރާނެކަމުގައެވެ.
***
ރަމަޟާންމަހުގެ ހަނދުފެނުމާއެކު އާއިލާ އަދި އެކުވެރިންނާއި ގްރޫޕްތަކުން ރަމަޟާންމަހުގެ ހެޔޮއެދުންތައް ފޮނުވަން ފެށުމުން ކާއިނާތުއަށް އިނދެވުނީ ފެންކަޅިވެފައެވެ. ސައިރަސްގެ ސަބަބުން އޭނަ ދީނާއި ދުރުވަނީތޯ ހިތާހިތުން ސުވާލުކުރެވުނެވެ. އޭނަ މިހިރީ ރަމަޟާންގެ ހެޔޮއެދުންތަކަށް ޖަވާބުދޭންވެސް ނުކެރިފައެވެ. ކާއިނާތު ފޯނު އެއްފަރާތުގައި ބޭއްވުމަށްފަހު ވަށައިގެން ހޯދައިލުމާއެކު މަންމަގެ ހަނދާންތައް ސިކުނޑީގައި ފުނި ޖެހިގަތެވެ. މަންމަ ހުރިއިރު މާ ގިނައެއްޗެއް ނުލިބުނަސް ވެވުނުވަރަކުން ގޭގެ އެއްޗެހި އާކޮށް މީރުވަސް ދުވާ ދުންއަޅާ ގެ ސާފުކުރެއެވެ. ހާރުކާން ކަނޑުކުކުޅު ކޮންމެހެންވެސް ހަދާނެއެވެ. ކާއިނާތު ރޯދަވީއްލަން އަންނައިރު ކަރާފަނި ނޫނީ އެހެން ފަންޏެއް ގިރާ މޭޒުމަތި ފުރުވައިލާނެއެވެ. މަންމަ ގަވާއިދުން ހުރިހާ ނަމާދެއްކޮށް ގުރުއާން ކިޔަވަން އިންނާނެއެވެ. ތަރާވީހާއި ތަހައްޖުދުނަމާދަށް އޭނަ ގޮވައިގެން ދާނެއެވެ.ސީރަތު އަޑުނާހާ އެންމެ ރޯދަމަހެއްވެސް ދިޔަކަމެއް ނޭގެއެވެ. ގުރުއާން ޖަހާފައި ހުންނަ ވަގުތު އެހާ ގިނައެވެ.ކާއިނާތުވެސް ރަމަޟާންމަހު އަޅުވެރިވަނީ މަންމަގެ ސަބަބުންނެވެ. އެހެންނޫނަސް ޝައިތާނުން ކަސްތޮޅު އެޅިފައިވުމުން ވަސްވާސްތަކާއި ދުރުވެސް ވެވެނީކަމަށް އޭނަ ގަބޫލުކުރިއެވެ. މަންމައާއެކު އެދުވަސްތަކަށްވެސް އަލްވަދާއު ކިޔަން ޖެހުނީއެވެ.
މަންމަ އުޅޭ ކޮޓަރިއަށް ވަނުމާއެކު ލޮލުގައި އަޅައިގަތީ މަންމަ ގުރުއާން ކިޔަވަން ގެންގުޅޭ ފޮތްގޮނޑިއާއި ރަންކުލައިގެ ބޮޑު މުސްހަފެވެ. އަދި އައިނެވެ. މުސްހަފް ނަގާ މޭގައި ޖައްސާ ބާރުކޮށްލެވުމާއެކު ކާއިނާތުގެ ލޮލުން ކަރުނަ އޮހިގަތެވެ.
"މަންމާ އެނބުރި އާދެބަލަ. އަހަރެންގެ ދިރިއުޅުން ބަރުބާދުވެއްޖެ..."
މީހަކު ޓަކިދޭން ފެށުމުން ކާއިނާތު އަވަހަށް ހިނގައިގަތެވެ. އޭރު އޭނަގެ ހިތް ބާރުބާރަށް ތެޅެމުން ދިޔައެވެ.
ނުނިމޭ