މިދިޔަ އަހަރުގެ ތޭރޭގައި ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކު ރައްޔިތުންގެ ކޯޓްގެ ނަމުގައި ކޯޓެއް ހަދައިގެން އެކި މީހުންނަށް ޣައިރު ގާނޫނީ ގޮތުން ހުކުމް ކުރަމުންގެންދިޔަ މައްސަލަ ފުލުހުންނަށް މިއަދު ހުށައަޅައިފި އެވެ.

ޕީޕީއެމްގެ އެކުޓިވިސްޓް މާޒް އަހުމަދު ސަލީމް އިސްކޮށް ހުންނަވައިގެން ފުލުސް އޮފީހަށް މިއަދު މައްސަލަ ހުށައެޅުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ރީކޯ މޫސާ މަނިކު އަމިއްލަ ކޯޓް ހައްދަވައިގެން ރައްޔިތުންގެ އެތައް ފަރުދުންނަކަށް އޭނާގެ ހިތުގައި އުފެދިފައިވާ ހުޅުގަނޑުގެ ތެރެއިން ތަފާތު ބިރުވެރި ހުކުމްތައް އިއްވާފައިވާތީ އެމައްސަލަ ތަހުގީގް ކުރުމަށް ހުށައެޅީ ކަމަށެވެ.

"މޫސާ މަނިކު ޣައިރު ގާނޫނީ ހުކުމްތައް އިއްވާފައި ވަނީ ރާއްޖޭގައި ގާނޫނު އަސާސީއާ ހިލާފަށް، ރާއްޖޭގެ އަދުލުއިންސާފު ހިންގުމުގެ ބާރުގެ އަގުވައްޓާލައި ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފައްދައި ގައުމުގެ ސިޔާދަތާއި އިސްތިގުލާލަށް ގެއްލުން ލިބޭ ފަދަ ގޮތަކަށް،" ފުލުހުންނަށް ހުށައެޅި މައްސަލާގައިވެ އެވެ.

ސަލީމް ވިދާޅުވީ މޫސަ ހިންގާފައިވާ މައްސަލައަކީ ޖީނާއީ މައްސަލައެއް ކަމަށް ފެންނާތީ އެ މައްސަލަ ފުލުހުން ތަހުގީގްކުރުމަށް ހުށައެޅުއްވީ ކަމަށެވެ.

އެ މައްސަލައާ ގުޅޭ ގޮތުން ގާނޫނީ ވަކީލު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑޭ) ވިދާޅުވީ ޖިނާއީ އެ މައްސަލަ ހުށައަޅީ އަދުލުއިންސާފުގެ ދާއިރާ އާއި ކޯޓްތަކުގެ ހުރުމަތް ކަނަޑާލުމަށް ރީކޯ މޫސަ މަސައްކަތް ކޮށްފައިވާތީ އެކަމަކީ ޖިނާއީ ދައުވާ ކުރެވޭ ފަދަ މައްސަލައަކަށް ވާތީ ކަމަށެވެ.

މިދިޔަ އަހަރުގެ މެއިމަހުގެ ތެރޭގައި ޝަރުއީ ދާއިރާ އާއި ކޯޓްތައް ފޭލްވެފައިވާ ކަމަށް ބުނެ މޫސާ މަނިކު ވަނީ ރައްޔިތުންގެ ނަމުގައި ކޯޓް ހައްދަވައި އެ ކޯޓުން އޭނާ ބޭނުންވާ ފަރާތްތަކާ މެދު ހުކުމް ކުރީ ކަމަށް އިލާންކޮށްފަ އެވެ.
މޫސާއާ ބެހޭ ގޮތުން ހުށަހެޅި މައްސަލާގައި އޭނާގެ ބަހެއް ހޯދުމަށް ގުޅި އިރު ފޯނު ނިއްވާލާފައި ހުރުމުން އޭނާގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.