ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ދިފާއުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، މުޙައްމަދު ނަޝީދު ސަރުކާރަށް ވަރުގަދަ އިންޒާރެއް ދެއްވައިފިއެވެ.

ރައީސް ނަޝީދު ޖުމްހޫރީ ޕާޓީގެ ދިފާއުގައި ނުކުމެވަޑައިގެންފައިވަނީ ރިޔާސީ އިންތިޚާބުގައި ޖޭޕީން ވަކިން ވާދަކުރުމަށް ނިންމުމުން، އެ ޕާޓީގެ ފަރާތުން އެކިއެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުން އިސްތިއުފާދޭން ޖެހޭނެ ކަމަށް އެމްޑީޕީގެ ބައެއް މެމްބަރުން ވިދާޅުވުމާ ގުޅިގެންނެވެ.

ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަކުނުދޫ ދާއިރާގެ މެމްބަރު މުޙައްމަދު ރާއީ ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ސްލޮޓްތަކުގައި ތިއްބެވި މެމްބަރުން އިސްތިއުފާ ނުދެއްވާ ނަމަ، 'ކަންބަޅިއެއް ހެން' އެ ބޭފުޅުން މަގާމުން ވަކިކުރައްވާނެ ކަމަށެވެ.

އެކަމާމެދު ކަންބޮޑުވުންފާޅުކުރައްވާ، ރައްޔިތުންގެ މަޖިލީހުގެ ވަޓްއެޕް ގްރޫޕްގައި ގާސިމް ވަނީ އެ މަންޒަރު ބަލަން ނިކަމެތި ކަމާއެކު ތިއްބެވި ކަމަށް ވިދާޅުވެފައެވެ. ގާސިމް އެފަދައިން މެސެޖު ކުރެއްވުމުން ރައީސް ނަޝީދު ވަނީ އެ ގްރޫޕުގައި ޖޭޕީގެ ދިފާއުގައި ވާހަކަދައްކަވާފައެވެ.

އެގޮތުން އެމަނިކުފާނު ވަނީ ޖޭޕީގެ މެމްބަރުން ވަކި ކުރެވޭނީ އެމަނިކުފާނާ އެމަނިކުފާނަށް ތާއީދުކުރައްވާ ބޭފުޅުން ފަހަނާއަޅައި ދިޔުމަށް ފަހުގައި ކަމަށް ވިދާޅުވެ ސަރުކާރަށް ވަރުގަދަ އިންޒާރެއް ދެއްވާފައެވެ.

"އަޅުގަނޑުމެން މަގުމައްޗަށް ނެރެން ސަރުކާރުން ބޭނުން ވަނީބާ؟ ޓިއާ ގޭސް ވެސް އަދި ކުޑަ ގޮޅިއާ އަނދަގޮޑި ވެސް ވަރަށް ރަނގަޅަށް ދަންނަން. އަދިވެސް އޮވެވިދާނެ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ޖޭޕީގެ ދިފާއުގައި ނުކުންނަވާފައިވާއިރު، ނަޝީދުގެ ފެކްޝަން ކަމަށްވާ ފިކުރެއްގެ ދިރުމާއި، ޖޭޕީގެ މަޖިލިސް މެމްބަރުންނާ ގުޅިގެން ޖޮއިންޓް ޕާލިމަންޓްރީ ގްރޫޕެއް އެކުލަވައިލުމުގެ މަސައްކަތް ވެސް ވަނީ ފަށާފައެވެ. އަދި ނަޝީދު ވަނީ ގާސިމަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައި، މިއީ އޭނާ ވެރިކަމަށް އައުމަށް ރަނުގެ ފުރުސަތެއް ކަމަށް ވިދާޅުވެ، އެ މަގުން މަސައްކަތް ކުރައްވަމުންނެވެ.