19 Apr 2012, 13:23
އިންތިހާބެއްގައި ވާދަކުރާ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ މުވައްޒިފުންނާއި ކޮމިޝަނުގެ މެންބަރުން ވަޒީފާ އިން ވަކި ނުކުރެވޭ ގޮތަށް ސިވިލް ސާވިސްގެ ގާނޫނަށް ހުށައަޅާފައިވާ އިސްލާހަށް އެކޮމިޝަނުން ތާއީދު ނުކުރާ ކަމަށް ބުނެފި އެވެ.
ސީއެސްސީގެ ރައީސް މުހައްމަދު ފަހުމީ ހަސަން މިއަދު ސަން އޮންލައިނަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ސިވިލް ސާވިސްގެ މުއައްޒަފުންނަށް ސިޔާސީ ކަންކަމުގައި ބައިވެރިވެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެނެސްފި ނަމަ އެ މުއައްސަސާއާ މެދު ކުރެވޭ އިތުބާރު ކުޑަވެ، ސަރުކާރު ބަދަލުވުމާ ގުޅިގެން އަރާ ލޮޅުންތަކުގެ ސަބަބުން ރައްޔިތުންނަށް ދެވޭ ހިދުމަތަށް ނުރަނގަޅު އަސަރުކޮށް ސިވިލް ސާވިސްއާ މެދު ކުރެވޭ އިތުބާރު ގެއްލި ހިދުމަތް ހޯއްދެވުމަށް އަންނަ ފަރާތްތަކަށް ވެސް ސިވިލް ސާވިސްގެ އިތުބާރު ގެއްލިގެން ދާނެ ކަމަށެވެ.
ފަހުމީ ވިދާޅުވީ ޕްރޮފެޝަނަލް ސިވިލް ސާވިސްއެއްގެ ގޮތުގައި ބަލައިގެނެވެނީ ވެސް ސިޔާސީ ނޫން މުއައްސަސާއެއްގެ ގޮތުގައި އެކޮމިޝަން ގާއިމް ކުރެވިގެން ކަމަށާއި މިހާރު ވެސް ސިވިލް ސާވިސްގެ ގާނޫނުގެ 53 ވަނަ މާއްދާ އަށް (ސިޔާސީ ހަރާކާތްތަކުގައި ބައިވެރިވުމުގެ މާއްދާ )އުވިގެން ދިއުމުން ސިވިލް ސާވިސްގެ މުއައްޒަފުން ސިޔާސީ ގޮތުން ހަރަކާތްތެރިވުމާ ގުޅިގެން ގޮންޖެހުންތައް ކުރިމަތިވަމުން އަންނަ ކަމަށެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި ސިވިލް ސާވިސްގެ މުވައްޒަފެއްގެ ގޮތުގައި ސިވިލް ސާވިސް ރޮނގުން ކުރިއަށް ދާން ބޭނުންވާ މީހުން ސިވިލް ސާވިސްގައި ދެމިތިބޭން ވާނީ، ސިޔާސީ ދާއިރާ އެއީ އެމީހުންގެ ދާއިރާ ނޫންކަމަށް ބަލައިގެން. ދެން ސިޔާސީ ދާއިރާ ހިޔާރުކުރާ މީހެއް ވިއްޔާމު ސިވިލް ސާވިސް ދޫކޮށް ސިޔާސީ ދާއިރާ ހިޔާރުކުރުން ރަނގަޅުވާނެ ކަމަށް ކޮމިޝަނަށް ގަބޫލް ކުރެވޭނީ،" ފަހުމީ ވިދާޅުވި އެވެ.
ފަހުމީ ވިދާޅުވީ ޑިމޮކްރަޓިކް މުޖުތަމައުތަކާއި ދުނިޔޭގެ ގިނަ ގައުމުތަކުގައި ވެސް ސިވިލް ސާރިވިސްގައި މަސައްކަތްކުރާ ފަރާތްތައް ސިޔާސީ ކަންކަމުން އެއްކިބާ ކުރެވިފައިވާ ފަރަތްތަކެއް ކަމަށާއި ހަމައެގޮތަށް ރާއްޖޭގައި ވެސް ސިވިލް ސާވިސްގައި މަސައްކަތްކުރައްވާ ބޭފުޅުން ސިޔާސީ ހަރަކާތްތަކުން އެއްކިބާ ވާން ޖެހޭ ކަމަށެވެ.
މަޖިލހަށް ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ހަސަން ލަތީފު އިސްލާހު ހުށަހަޅުއްވާފައި ވަނީ އިންތިހާބަކަށް ކުރިމަތިލައިފި ނަމަ ސިވިލްސާވިސް މުވައްޒިފުންނާއި ކޮމިޝަން މެންބަރުން ވަޒީފާ އިން ވަކިކުރަން ޖެހޭ ކަމަށް ސިވިލް ސާވިސް ގާނޫނުގައި ބުނާ، 16 ވަނަ މާއްދާގެ ހަތަރަކާއި 51 ވަނަ މާއްދަ އުވާލުމަށެވެ.
އެ ބިލުގައި ބުނެފައި ވަނީ ވަނީ 16 ވަނަ މާއްދާގެ ހަތަރެއް، ގާނޫނު އަސާސީގެ 187ވަނަ މާއްދާއާ ހިލާފުވައިވާ ކަމަށާއި 51 ވަނަ މާއްދާ ގަނޫނު އަސާސީގެ 26 ވަނަ މާއްދާ އާއި 30 ވަނަ މާއްދާއާ ހިލާފުވެފައިވާ ކަމަށެވެ.
ސިވިލް ސާވިސްގެ ގާނޫނުގެ 16 ވަނަ މާއްދާގެ ހަތަރެއްގައި ބުނެފައި ވަނީ ގާނޫނު އަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބު ކުރެވޭ ސިޔާސީ މަގާމަކަށް ކުރިމަތި ލައިފި ނަމަ ކޮމިޝަންގެ މެންބަރުކަމުގެ މަގާމު ހުސްވާނެ އެވެ.
ސިވިލް ސާވިސްގެ ގާނޫނުގެ 51 ވަނަ މާއްދާގައި ބުނެފައި ވަނީ ދިވެހި ރާއްޖޭގެ ޖުމުހޫރިއްޔާގެ ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ އާއްމު އިންތިހާބެއްގައި ވާދަ ކުރުމަށް ގަސްތުކުރާ ދިވެހި ސިވިލްސާވިސްގެ މުވައްޒިފުން އެ އިންތިހާބެއް ބާއްވާ ތަރީހުގެ މީލާދީ ހަ މަސް ދުވަސް ކުރިން އެ މުވައްޒަފަކު ހުރި ވަޒީފާ އިން އިސްތިއުފާ ދޭންވާނެ ކަމަށެވެ. އަދި މަގަމުން އިސްތިއުފާ ނުދީ އިންތިހާބަކަށް ކުރިމަތިލައިފި ނަމަ ވަޒީފާ އިން ވަކި ކުރެވޭނެ ކަމަށެވެ.