ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

ޖޭޕީގެ އަސާސީ ގަވާއިދުގައިވާ ގޮތުން، ރިޔާސީ އިންތިޚާބުގައި އެ ޕާޓީގެ ފަރާތުން ކުރިމަތިލާނެ ކެންޑިޑޭޓަކު ކަނޑައަޅާނީ ޕާޓީގެ ހުރިހާ މެމްބަރުންނަށް އާންމުކޮށް ހުޅުވާލައިގެން އެކަމަށް ޝައުގުވެރިވާ ފަރާތްތަކުގެ މެދުގައި ބާއްވާ ޕްރައިމަރީ އަކުންނެވެ.

އެހެންކަމުން މި އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ކުރިމަތިލުމަށް ޝައުގުވެރިވާ އެ ޕާޓީގެ މެމްބަރުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ ކިބައިގައި ހުންނަންވާނެ ކަމަށް ގާނޫނު އަސާސީގައި ކަނޑައަޅާފައިވާ ޝަރުތުތައް ފުރިހަމަވާ މެމްބަރުންނަށް އެ ފުރުސަތު މިމަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށް ޖޭޕީން މިއަދު ބުންޏެވެ.

މި ޕްރައިމަރީގައި ވާދަ ކުރުމަށް އެދި ފޮނުވާ ސިޓީއާއެކު އެ މީހާގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ސާފު ކޮޕީއަކާއި، އެމީހާގެ ވަނަވަރު މި މަހުގެ 30 ވާ ބުރާސްފަތި ދުވަހު މެންދުރު 12:00ގެ ކުރިން ޕާޓީގެ މައި އޮފީސް މ.ކުނޫޒް އަށް ހުށަހަޅަން ޖެހެއެވެ.

ރިޔާސީ އިންތިހާބުގައި ޖޭޕީން ކެންޑިޑޭޓެއް ނެރެގެން ވާދަ ކުރުމަށް ހުށަހެޅުމުން ކައުންސިލްގެ ފުރިހަމަ އަގުލަބިއްޔަތުން އެގޮތަށް ފާސްކުރީ މިދިޔަ އަންގާރަ ދުވަހުއެވެ. ކައުންސިލުން ނިންމީ އެ ޕާޓީގެ ފަރާތުން ރިޔާސީ އިންތިޚާބުގައި ވާދަކުރާނެ ކެންޑިޑޭޓަކު ނެރުމަށެވެ. އަދި ކެންޑިޑޭޓެއް ކަނޑައަޅާނީ ޕްރައިމަރީއަކުން ކަމަށެވެ.

ރިޔާސީ އިންތިހާބު އޮންނަނީ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހުއެވެ.