16 Mar 2023, 18:46
ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި ޒުވާނަކު ހޯދުމުން އަންނަތާ މަސް ދުވަސްވީ އިރުވެސް ނުފެނިގެން، އޭނާ ހޯދަން ދެވަނަ ފަހަރަށް ފުުލުހުން މިއަދު އިއުލާންކޮށްފިއެވެ.
ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ އެ މައްސަލައާ ގުޅިގެން ހޯދަމުން އަންނަނީ ސ. މަރަދޫ، ރަށްދެބައިގެ، 25، އިބްރާހީމް ފައިޙު ނިޒާމެވެ.
ފައިޚު ނިޒާމް، ހޯދަން ފުލުހުން އެންމެ ފުރަތަމަ އިއުލާންކުރީ މިދިޔަ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހުއެވެ. ފުލުހުން ބުނީ އެ ދުވަހުން ފެށިގެން މިއަދާ ހަމައަށް ކުރި މަސައްކަތުން އޭނާ ހޯދިފައިނުވާ ކަމަށެވެ.
އޭނާ ފެނިއްޖެ ނަމަ ނުވަތަ އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ހުރި ނަމަ 9911099 ނުވަތަ ހޮޓްލައިން ނަންބަރު 3322111އަށް ގުޅާ އެ މައުލޫމާތު ހިއްސާކޮށްދޭން ރައްޔިތުންގެ ކިބައިން ފުލުހުން އެދިފައިވެއެވެ.
މިފަހަކަށް އައިސް މާލޭ ސަރަހައްދުގައި ހިންގާ ސިލްސިލާ މާރާމާރީތަކުގެ އަދަދު އިތުރުވަމުން އަންނައިރު އެފަދަ މާރާމާރީގައި ތޫނު ހަތިޔާރު ބޭނުންކުރުން ހުރީ ކަންބޮޑުވާންޖެހޭ މިންވަރުގައެވެ. އެގޮތުން ދާދި ފަހުން މާލޭގެ ފިހާރައެއްގެ ތެރޭގައި ވެސް ވަނީ ތޫނު ހަތިޔާރު ބޭނުންކޮށްގެން މީހަކު މަރާލާފައެވެ.