16 Mar 2023, 18:55
މާލެހިޔާގައި ދެމުންދިޔަ ގަލޮޅު ޕޮލިސް ސްޓޭޝަނުގެ ޚިދުމަތް، ކުރިން އެންސްޕާ ހިންގި އިމާރާތަށް ބަދަލުކޮށް, އެ އިމާރާތް ރަސްމީކޮށް ހުޅުވައި މިއަދު ޚިދުމަތް ދޭން ފަށައިފިއެވެ.
ގަލޮޅު ޕޮލިސް ސްޓޭޝަނުގެ އާ އިމާރާތް ރަސްމީކޮށް ހުޅުވައިދެއްވީ ކޮމިޝަނާ އޮފް ޕޮލިސް މުޙައްމަދު ޙަމީދުއެވެ.
މިކަމަށް ބޭއްވި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަލީ ރަޝީދު އާއި ފުލުހުންގެ އެގެޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑު އޮފިސަރުން އަދި ގަލޮޅު ޕޮލިސް ސްޓޭޝަނުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ގަލޮޅު ޕޮލިސް ސްޓޭޝަނުގެ ޚިދުމަތްތައް އާ އިމާރާތަކަށް ބަދަލުކޮށް، ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ ޕޮލިސް
ފުލުހުން ބުނީ ކުރިން އެންސްޕާ ހިންގި އިމާރާތް ގަަލޮޅު ޕޮލިސް ސްޓޭޝަން ހިންގުމަށް ހަމަޖެއްސީ މާލެހިޔާގައި ހިންގަމުން ދިޔަ ގަލޮޅު ޕޮލިސް އިމާރާތް ވަރަށް ބޮޑަށް ބާވުމާ ގުޅިގެން ކަމަށެވެ. އަދި އެތަނަކީ ރައްޔިތުންނަށް ފުރިހަމަ ޚިދުމަތެއް ދިނުމަށް އެކަށީގެންވާ ތަނެއް ނޫން ކަަމަށް ވެސް ފުލުހުން ފާހަގަކުރިއެވެ.
ގަލޮޅު ޕޮލިސް ހިންގަން އެންސްޕާ ހުރި އިމާރާތް ހަމަޖެއްސީ އިމާރާތެއް ހޯދަން އިއުލާނުކުރުމުން ކުރިމަތިލީ ތަންތަނުގެ ތެރެއިން ހޮވައިގެންނެވެ. ފުލުހުން މި އިމާރާތް ކުއްޔަށް ހިފާފައިވަނީ ދެ އަހަރާއި ބައިގެ މުއްދަތަށެވެ.
މި އިމާރާތުގައި ފުލުހުންގެ ޚިދުމަތް ދޭން ފެށުމާ އެކީ، ގަލޮޅު ޕޮލިސްގެ ރެސްޕޮންސް އޮފިސަރުންނާއި، އިންވެސްޓިގޭޝަން އޮފިސަރުން އަދި ނެއިބާހުޑް އޮފިސަރުން މަސައްކަތް ކުރާނީ އެއް އިމާރާތެއްގެ ތެރޭގައެވެ. ފުލުހުން ބުނީ މިކަމާ ގުޅިގެން އެ ސަރަހައްދުގެ ރައްޔިތުންނަށް ދެވޭ ޚިދުމަތް އިތުރަށް ފުރިހަމަވެގެން ދާނެ ކަމަށެވެ.

ގަލޮޅު ޕޮލިސް ސްޓޭޝަނުގެ ޚިދުމަތްތައް އާ އިމާރާތަކަށް ބަދަލުކޮށް، ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ ޕޮލިސް
މީގެ ކުރިން މާފަންނު ޕޮލިސް ވެސް ވާނީ މި މޮޑެލްއަށް ބަދަލުކޮށް، މާފަންނު ވެސްޓްޕާކު ސަރަހައްދުގައި ހުރި އިމާރާތަކަށް ބަދަލުކޮށްފައެވެ.