16 Mar 2023, 12:50
ސްޓޫޑެންޓް ލޯނަށް އެދި 1،507 އެޕްލިކޭޝަން ލިބިފައިވާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީއިން ބުނެފިއެވެ.
ރާއްޖެ އާއި ރާއްޖެއިން ބޭރުން މަތީ ތައުލީމު ހޯދުމުގެ ގޮތުން ލޯނަށް އެދުމަށް ހުޅަވާލާފައިވަނީ 720 ފުރުސަތަށެވެ. މިއީ މީގެ ކުރީ އަހަރުވެސް ލޯނަށް އެދުމަށް ހުޅުވާލާފައިވާ ފުރުސަތުތަކުގެ އަދަދެވެ.
މިކަމާ ގުޅިގެން މީގެ ކުރިން ބޭއްވި ބައްދަލުވުމެއްގައި ހަޔާ އެޑިއުކޭޝަން މިނިސްޓާ ޑރ އިބްރާހިމް ހަސަން ވިދާޅުވީ ކުރީ އަހަރަކޭވެސް އެއްގޮތަށް މި އަހަރު ވެސް 720 ފުރުސަތު ހުޅުވާލަނީ އިދާރީ ފީގެ ގޮތުގައި އެއް ޕަސެންޓް ޗާޖު ކުރުމާއެކު ކަމަށެވެ. އަދި ދަރިވަރުން ލޯނު ނަގާއިރު ޖުމްލަ ލޯނަށް އަރާވަރު ދަރިވަރުންނަށް އެނގޭނެ ކަމަށާއި އެ އަދަދު ފަހުންވެސް ބަދަލެއް ނުވާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން މިއަހަރުގެ ސްޓޫޑެންޓް ލޯނުވެސް އެކުލަވާލާފައިވަނީ ޓްރެއިނިން ނީޑް ރިކުއާމެންޓްއަށް ފެތޭ ގޮތަށް ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާ އަދި ގައުމަށް މީހުން ބިނާކުރުމަށް ބޭނުންވާ އެކި ދާއިރާތަކަށް މަގުފަހިކޮށްދިނުމަށް ކަމަށް މިނިސްޓާ ވަނީ ވިދާޅުވެފައެވެ.
ވޭތުވެދިޔަ އަހަރުތަކުގައި ޑިމާންޑް އެންމެ ބޮޑު ދާއިރާތަކަށް ޖާގަ އިތުރުކޮށްފައިވާއިރު މި އަހަރު ޕައިލެޓް ޓްރެއިނިން ހަދަން ބޭނުންވާ މީހުންނަށް 60 ފުރުސަތު ވަނީ ހުޅުވާލާފައެވެ. މިދިޔަ އަހަރު އެ ދާއިރާއަށް ހުޅުވާލާފައިވަނީ 10 ފުރުސަތެވެ.
ޑިގްރީ ފެންވަރަށް އެމްބީބީއެސް ހެދުމަށް ރާއްޖެއިން ބޭރުން 55 ފުރުސަތު ހުޅުވާލާފައިވާއިރު މާސްޓާސް ފެންވަރުގައި ޕޯސްޓް ގްރެޖުއޭޓް މެޑިސިން ހެދުމަށް ރާއްޖެއިން ބޭރުން 20 ފުރުސަތު ވަނީ ހުޅުވާލާފައެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި ދާއިރާތަކުން ފުރުސަތުތައް އިތުރުކޮށްފައި ވަނީ ވޭތުވެދިޔަ އަހަރުގެ ތަޖުރިބާއަށް ބަލާފައިކަމަށެވެ. އަދި އެއީ އާދަޔާ ޚިލާފަށް ގިނަ ދަރިވަރުން މިދާއިރާތަކުން ލޯނު ހޯދަން ބޭނުންވާތީ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.
ދަރިވަރުންނަށް ލޯނު ލިބިގެން އެކަން އަންގާ ފޮނުވާ އީމެއިލްއާއެކު އެޓޭޗްމަންޓެއް ލިބޭނެއެވެ. މި އެޓޭޗްމަންޓުގައި ޕޭމަންޓް ޕްރޮސެސް ކުރުމަށް ހުށަހަޅަން ޖެހޭ ހުރިހާ ލިޔެކިޔުންތަކުގެ ލިސްޓެއް އޮންނާނެއެވެ. އަދި ލިސްޓުގައިވާ ހުރިހާ ލިޔެކިޔުންތައް ހަމަކޮށްފިނަމަ، އެއްވެސް ދަތިކަމެއް ނެތި ޕޭމަންޓް ޕްރޮސެސް ވާނެއެވެ.
އެ މިނިސްޓްރީން ބުނީ ގިނަ ފަހަރު ޔުނިވާސިޓީއަށް ޕޭމަންޓު ދައްކަން ގާތްވުމުން ޕޭމަންޓު ހޯދުމަށް ދަރިވަރުން މަސައްކަތް ކުރާ ކަމަށެވެ.
ޕޭމަންޓުތައް ލަސްވާ ކަމުގެ ޝަކުވާ ބައެއް ކުދިންގެ ފުށުން ލިބުނު ނަމަވެސް، ގިނަ ކުދިން ދުރާލާ އެ ޒިންމާ ނަގައިގެން ޑޮކިއުމަންޓުތައް ހަމަ ކޮށްގެން ހުށަހަޅާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.