ރާއްޖޭގައި މިހާރު އަވަސް ރިޔާސީ އިންތިހާބެއް ނުބޭއްވިއްޖެ ނަމަ ޕާކިސްތާނު ނުވަތަ ބަރުމާގެ ހާލަތަށް ރާއްޖެ ވެއްޓިދާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިހާރު އިންޑިޔާ އަށް ކުރައްވާ ދަތުރުފުޅުގައި އިންޑިއާގެ އެންޑީޓީވީ އަށް ދެއްވި އިންޓަވިއުއްގައި ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގައި މިހާރު އިންތިހާބެއް ނުބޭއްވިއްޖެ ނަމަ ކައިރި މުސްތަގުބަލެއްގައި ރާއްޖޭގައި އިންތިހާބެއް ބޭއްވިދާނެ ކަމާ މެދު ޝައްކު ކުރައްވާ ކަމަށެވެ. އަދި އޭރުން ރާއްޖޭގެ ހާލަތު ޕާކިސްތާނު ނުވަތަ ބަރުމާގެ ހާލަތަށް ވެއްޓޭނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.

"މިހާރު އިންތިހާބު ނުބާއްވައިފި ނަމަ އަޅުގަނޑަށް ހިއެއް ނުވޭ އަވަހަށް ކައިރި މުސްތަގުބަލެއްގައި ރާއްޖޭގައި އިންތިހާބެއް ބޭއްވިދާނެ ހެނެއް. އަދި އިންތިހާބެއް ކުރިއަށް ގެންދިއުން ވާނީ ވަރަށް ދަތި ކަމަކަށް. ފަހަރެއްގައި އަޅުގަނޑުމެން (ރާއްޖެ) ޕާކިސްތާނުގެ ހާލަތު ނުވަތަ ބަރުމާގެ ހާލަތަށް ހިނގައިދާނެ،" ކުރީގެ ރައީސް ނަޝީދު ވިދާޅުވި އެވެ.

ވެރިކަން ބަދަލުވުމުގެ ކުރިން އިންޑިޔާ އިން އެހީތެރިކަން ފޯރުކޮށްދޭން އެދުނުތޯ އަދި އެހީއެއް ހޯއްދެވުމާ ދެކޮޅު ހެއްދެވިންތޯ ސުވާލުކުރުމުން ރައީސް ނަޝީދު ވިދާޅުވީ، އިންޑިޔާ ސިފައިން ރާއްޖެ އައުމަށް އެދިވަޑައި ނުގަންނަވާ ކަމަށެވެ. ނަމަވެސް އިންޑިޔާގެ އެހީތެރިކަން ހޯއްދެވުމާ ދެކޮޅު ހައްދަވާފައި ނުވާނެ ކަމަށެވެ.

"މިލިޓަރީ އަންނާކަށް އަޅުގަނޑު ބޭނުމެއް ނުވި. އެހެން ނަމަވެސް އެހީތެރިކަން ހޯދުމާ އަޅުގަނޑު ދެކޮޅު ހަދާފައެއް ނުވާނެ. ހައިކޮމިޝަނަރަށް އަޅުގަނޑު ދެންނެވިން، އިންޑިޔާގެ މިލިޓަރީ އައިސް ފުލުހުންނަށް ހުއްޓުވުން އެއީ ރަނގަޅު ކަމެއް ކަމަކަށް އަޅުގަނޑު ނުދެކެމޭ. އަދި އެއީ އިންޑިޔާ ސަރުކާރަށް ވެސް ގަބޫލުކުރެވޭނެ ކަމަކަށް ނުވާނެ،" ނަޝީދު ވިދާޅުވި އެވެ.

އިންޑިޔާ ސަރުކާރުން އެފަދަ އެހީތެރިކަމެއް ދިނުމަށް ހުށައެޅިތޯ ސުވާލު ކުރުމުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ރައްޔިތުންގެ ރައްކާތެރިކަމަށް އިންޑިޔާ އިން އަބަދުވެސް އެހީތެރިވާނެ ކަމަށެވެ.

"އިންޑިޔާ ސަރުކާރުން އެކަން ހުށައެޅިތޯ؟ " ޕްރެޒެންޓަރު ސުވާލުކުރި އެވެ.

"އިންޑިޔާ ސަރުކާރުން ދިޔައީ ހުށައަޅަމުން، އަޅުގަނޑު މިދެންނެވީ އަޅުގަނޑަށް އަބަދު ވެސް އިނގޭ ރާއްޖޭގެ ރައްޔިތުންގެ ރައްކާތެރިކަން އިންޑިޔާ ސަރުކާރުން އަބަދުވެސް ހުށައަޅާނެކަން،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ރާއްޖެއާ މެދު އިންޑިޔާ އިން މިހާރު ގެންގުޅޭ ސިޔާސަތާ މެދު ހިތްހަމަ ޖެހިވަޑައިގަންނަވާތޯ ސުވާލުކުރުމުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގައި އަވަސް އިންތިހާބެއް ބާއްވަން ޖެހޭ ކަމަށް ވަރަށް ސާފުކޮށް އިންޑިޔާ ސަރުކާރުން ބުނަން ޖެހޭ ކަމަށާއި އެކަން ދިވެހި ސަރުކާރުން ގަބޫލުކުރަން ޖެހޭ ކަމަށެވެ.

ޕާކިސްތާނަކީ މަޒުހަބީ އަދި ސިޔާސީ ތަޅާފޮޅުންތަކާއި ޓެރަރިސްޓް ހަމަލާތައް ދިނުން އާއްމުވެފައިވާ ގައުމެކެވެ. އަދި ބަރުމާއަކީ ވަރުގަދަ އަސްކަރީ ވެރިކަމެއް އޮތް ގައުމެކެވެ.