ހއ. ދިއްދޫ މިޑްލް ސްޕޯޓްސް ކްލަބް އިން އިންތިޒާމް ކޮށްގެންބާއްވާ "ދިއްދޫގެ އެންމެ އަލިގަދަ ތަރި" ގުރުއާން މުބާރާތް އެސްއެސްޓީވީން ދެއްކުމަށް، ސަން ސިޔާމް މީޑިއާ އާއި މިޑްލް ސްޕޯޓްސް ކްލަބާ ދެމެދު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ސަން ސިޔާމް މީޑިއާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ޗީފް ކޮންޓެންޓް އޮފިސަރު މުހައްމަދު ޒަހީނެވެ. މިޑްލް ސްޕޯޓްސް ކޮލަބްގެ ފަރާތުން ސޮއިކުރެއްވީ އެ ކްލަބްގެ ޑެޕިއުޓީ ސެކެޓްރީ ޖެނެރަލް އަހްމަދު ޝަމްވީލް އިބްރާހީމެވެ.

"ދިއްދޫގެ އެންމެ އަލިގަދަ ތަރި" ގުރުއާން މުބާރާތް އެސްއެސްޓީވީން ދެއްކުމަށް އެއްބަސްވުމުގައި ސޮއިކުރުން -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު

ސޮއިކުރުމަށް ފަހު އެއްބަސްވުމާ ގުޅިގެން ވާހަކަ ދައްކަވަމުން ޝަމްވީލް ވިދާޅުވީ، މި މުބާރާތް މުޅި ރާއްޖެއަށް ފެންނަ ގޮތަކަށް އިންތިޒާމްތައް ހަމަޖެހުމުން އުފާކުރާ ކަމަށެވެ. އަދި އުންމީދުކުރަނީ، ކުރިއަށް އޮތް ތަނުގައި މުބާރާތް ފުޅާކުރުންކަމަށް އޭނާ ބުންޏެވެ.

"އަދި އެއްއަހަރު ރަށު ފެންވަރުގެ މުބާރާތް ބާއްވާފަ އަޅުގަނޑުމެން މިއަށްވުރެ ބޮޑުކޮށް މުބާރާތް ބާއްވަން ވިސްނަނީ،" ޝަމްވީލް ވިދާޅުވިއެވެ.

މި އެއްބަސްވުމާ ގުޅިގެން ޒަހީން ވިދާޅުވީ، އެސްއެސްއެޓީވީން މި މުބާރާތް ދައްކަން ނިންމީ، މިއީ ވަރަށް މާތް މަގުސަދެއްގައި ބާއްވަ މުބާރާތަކަށް ވުމުން ކަމަށެވެ.

"ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރާ މިކަހަލަ ކަންކަން އަޅުގަނޑުމެން އެސްއެސްޓީވީން ގެނެސްދޭނަން،" ޒަހީން ވިދާޅުވިއެވެ.

ދިއްދޫގެ އެންމެހާ ރައްޔިތުންނަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ ދިއްދޫގެ ވިޔަފާރި ކުންފުންޏެއް ކަމަށްވާ ކޭޑީ އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑެވެ. މިއީ މި މުބާރާތް ދިއްދޫގައި ބާއްވަ ދެވަނަ ފަހަރެވެ. މި މުބާރަތުގެ މަގުސަދަކީ ދިއްދޫ ރައްޔިތުންގެ ހިތްތަކުގައި ގުރުއާނަށް ލޯބި ޖެއްސުން ކަމަށް ޝަމްވީލް ވިދާޅުވިއެވެ.

މި މުބާރާތުގައި 33 މީހުން ބައިވެރިވި އިރު މުބާރާތުގެ އޮޑިޝަން މިހާރު ވަނީ ނިންމާފައެވެ. މުބާރާތުގައި ވާދަކުރުމަށް އޮޑިޝަނުން ވަނި ގަދަ 20 މީހުން ހޮވާފައެވެ. މުބާރާތުގެ ކިޔެވުން ކުރިއަށް ގެންދާނީ ތިން ބުރަކަށް ބަހާލައިގެން ކޮންމެ ހަފުތާއެއްގެ ބުރާސްފަތި އަދި ހުކުރު ދުވަހުއެވެ.

މުބާރާތުގެ ވަނަތަކަށް ދާ ފަރާތްތަކަށް އަގުބޮޑު އިނާމުތަކެއް ވަނީ ހުށަހަޅާފައެވެ. އެގޮތުން މުޅި މުބާރާތުން އެއްވަނައަށްދާ ފަރާތަކަށް ދެ އުމްރާ ދަތުރު އަދި ދެވަނައަށް ދާ ފަރާތަކަށް އުމްރާ ދަތުރެއް ދޭން ވަނީ ނިންމާފައެވެ. މުބާރާތުގެ ވަނަތަކަށް ދާ ފަރާތްތަކަށް އިނާމު ހުށަހެޅުމުގެ ފުރުސަތު މިހާރު ވެސް ވަނީ ހުޅުވާލާފައެވެ.