ރަމަޟާން މަސް ފެށެން ގާތްވެފައިވާއިރު އެ މަހު އެ ސަރަހައްދުގައި ހިނގާނެ އެކިއެކި ކަންކަމާއި ކުށްކުރަން ދެވޭ ފުރުސަތު ކުޑަކުރުމުގެ ގޮތުން މާލޭ ބާޒާރުމަތީ ވިޔަފާރިވެރިން ހޭލުންތެރިކުރުވުމުގެ މަސައްކަތް ފުލުހުން ކޮށްފިއެވެ.

ފުލުހުންގެ ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒްގެ ފުލުހުން ދެ ދުވަހަކަށް ބަހައިލައިގެން ކުރި މި މަސައްކަތުގައި، ބާޒާރުމަތީ ސަރަހައްދުގައި ހުރި ފިހާރަތަކަށް ފުލުހުންގެ ޓީމްތަކުން ވަދެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

މި ހަރަކާތް ފުލުހުން ކުރިއަށް ގެންދިޔައީ ދެ ދުވަހުގެ ވެސް ހެނދުނު 09:00 އިން 11:00 އަށެވެ.

ފުލުހުން މައުލޫމާތު ދިން ކަންކަމުގެ ތެރޭގައި ފިހާރައިން ވައްކަންކުރުން ފަދަ ކަންކަން މަދުކުރުމާއި، މުދާ އުފުލައި ބެހެއްޓުމުގައި ސަމާލުކަން ދޭންވީ ކަންކަން ހިމެނެއެވެ.

ވިޔަފާރިވެރިންގެ އިތުރުން މިކަންކަމަށް އާންމުން ހޭލުންތެރިކުރުމުގެ ގޮތުން އާންމުންނާ ވާހަކަދައްކައި، އެ މީހުންގެ ކަންބޮޑުވުންތައް ވެސް ފުލުހުން އޮޅުންފިލުވާފައިވެއެވެ.

މި ހަރަކާތާ ގުޅޭ ގޮތުން "ސަން"އާ ވާހަކަދައްކަމުން ޕޮލިސް އިންސްޕެކްޓަރު އަހްމަދު ރަމްޒީ ވިދާޅުވީ މިއީ ކޮންމެ ރަމަޟާން މަހަކާ ދިމާކޮށް ހިންގާ ޕްރޮގްރާމެއް ކަމަށެވެ. އެއީ ރަމަޟާން މަހަކީ ބާޒާރު ސަރަހައްދު ބާރުބޮޑުވާ މަހަކަށް ވުމުން މަގު ބޭނުންކުރާ މީހުންނާއި ތަނުގެ ރައްކާތެރިކަން ޔަގީންކުރުމަށް މަސައްކަތްކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.

"އަސްލު ރޯދަ މަހުގެ ކުރިން އެކަމަށް ތައްޔާރުވުމުގެ ގޮތުން އަޅުގަނޑުމެން ކުރާ ކަމެއް. މި ފުރުސަތުގައި އަޅުގަނޑު އިލްތިމާސްކުރަން ހުރިހާ ބޭފުޅުންނަށް ވެސް ކޮންމެ ބޭފުޅެއްގެ ފަރުދީ ޒިންމާ އަދާކުރަން،" ރަމްޒީ ވިދާޅުވިއެވެ.

ޕޮލިސް އިންސްޕެކްޓަރު އަހްމަދު ރަމްޒީ -- ސަން ފޮޓޯ

ރަމްޒީ ވިދާޅުވީ ބާޒާރުމަތީގައި ހިނގާ އެންމެ އާންމު ކުށަކީ ވައްކަން ކުރުން ކަމަށެވެ. ރަމަޟާން މަހާ ދިމާކޮށް އެ ކުށްކުރުން ގިނަވާ ކަމަށް ވެސް ރަމްޒީ ވިދާޅުވިއެވެ.

ފުލުހުންގެ މި މަސައްކަތާ ގުޅިގެން ބާޒާރުމަތީގައި ވިޔަފާރިކުރާތާ 25 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ ހުސައިން ޖަލީލް ބުނީ މިއީ މުހިއްމު މަސައްކަތެއް ކަމަަށެވެ.

"އެހެންވީމާ މި ކަންކަން ރަނގަޅަށް ބެލެހެއްޓިގެން ދަންޏާ ވަރަށް ފަސޭހަވާނެ މި ތަނަަށް ވިޔަފާރި ކުރަން ވަންނަ އާންމުންނަށް ވެސް. ޕާކު ކުރަން ޖެހޭ ތަންތަނުގައި ޕާކުކުރުމާއި، އެ އޮންނަ އުސޫލެއްގެ ތެރެއިން މުދާ ބާލަން ޖެހޭ ތަންތަނަށް މުދާ ބޭލުމާއި މި ކަންކަން އޮގަނައިޒްކޮށް ދާކަމަށް ވަނީ ވިއްޔާ ވަރަށް ފަސޭހަވާނެ. އެކަން ކޮށްދެވޭނީ ހަމަ ޕޮލިހުންނަށް،" އޭނާ ބުންޏެވެ.

ބާޒާރުގައި 25 އަހަރަށްވުރެ ގިނަ ދުވަހު ވިޔަފާރިކުރުމުގެ އުޅޭ ހުސައިން ޖަލީލް -- ސަން ފޮޓޯ

ޖަލީލު އިތުރަށް ބުނީ އޭނާގެ އުއްމީދަކީ މި ރަމަޟާން މަހު ބާޒާރު ސަރަހައްދުގައި އާންމުންނަށް ފަސޭހަކަމާ އެކު ވިޔަފާރިކުރުމުގެ ފުރުސަތު ލިބުން ކަމަށެވެ.

ބާޒާރުމަތީގައި ފުލުހުން ހިންގި ހޭލުންތެރިކުރުމުގެ ޕްރޮގްރާމުގެ އިތުރުން މި ރަމަޟާން މަހާ ގުޅިގެން އާންމުން ހޭލުންތެރިކުރުމުގެ ގިނަ މަސައްކަތްތަކެއް ކުރަން ވަނީ ހަމަޖެހިފައެވެ.