ބްރޯޑްކާސްޓިން ކޮމިޝަނުން ބީލަން އުސޫލުން ދިނުމަށް ކަނޑައަޅާފައިވާ ޓެރެސްޓީރިއަލް ފްރީކްއަންސީ، ހައި ކޯޓުން ވަކި ގޮތަކަށް އަންގަންދެން ދިނުން މަޑުޖައްސާލުމަށް ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

ހައިކޯޓުން މިއަދު ނެރުނު ވަގުތީ އަމުރުގައި ބުނަނީ ޓެރަސްޓީރިއަލް ފްރިކްއެންސީ ދޫކުރުމުގައި ބްރޯޑް ކާސްޓިން ކޮމިޝަނުން ގެންގުޅޭ އުސޫލުތަކާ ގުޅޭ ގޮތުން މ. ކުޑަވެޔޮމަތީގޭ، އިބްރާހިމް ފަލާހު އެ ކޯޓަށް ހުށަހަޅާފައިވާ މައްސަލައާ މެދު ކޯޓުން ވަކިގޮތެއް ކަނޑައެޅުމުގެ ކުރިން ފުރިކްއެންސީ ދޫކޮށްފި ނަމަ އެކަމުގެ ސަބަބުން ފަލާހުއަށް އިޔާދަ ނުކުރެވޭވަރުގެ ކަމެއް ކުރިމަތިވެދާނެ ކަމަށް ފެންނާތީ ކޯޓުން ވަކިގޮތެއް އަންނަގަންދެން ޓެރެސްޓްރިއަލް ފްރިކްއެންސީ ދޫކުރުމުގައި އިތުރު އެއްވެސް ކަމެއް ނުކުރުމަށް ބްރޯޑްކާސްޓިން ކޮމިޝަންގެ މައްޗަށް އަމުރުކުރާ ކަމަށެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ވަނީ އެ މައްސަލައިގެ އަޑުއެހުންތައް ވެސް ނިންމާލައިފަ އެވެ. އެ މައްސަލައިގެ އަޑުއެހުންތައް ނިންމަވާލެއް ވިކަން އިއުލާން ކުރައްވަމުން ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗްގެ ރިޔާސަތު ބެލެހެއްޓެވި ޝުއައިބް ހުސެއިން ޒަކަރިއްޔާ ވިދާޅުވީ ދެ ފަރާތުން ވެސް އެކަށީގެންވާ ވާހަކަތަކެއް ދެއްކިފައިވާތީ އެ މައްސަލައިގެ އަޑުއެހުންތައް ނިންމަވާލެއްވީ ކަމަށެވެ. އަދި ވިދާޅުވީ މި މަސް ނިމުމުގެ ކުރިން އެ މައްސަލައިގެ ހުކުމްކުރައްވާނެ ކަމަށެވެ.

ފްރިކްއެންސީ ދޫކުރުމުގައި ތަޖުރިބާ އަށާއި މިހާތަނަށް ކޮށްފައިވާ މަސައްކަތާއި އިންވެސްޓްމަންޓަށް މާކްސް ދިނުމަށް ހަމަޖައްސާފައި އޮތުމަކީ ގާނޫނު އަސާސީން ކަށަވަރުކުރާ ހަމަހަމަ ކަމުގެ އުސޫލާ ޚިލާފުކަމެއް ކަމަށް ކުރީގެ ޝަރީއަތުގެ މަޖިލީހުގައި ފަލާހުގެ ވަކީލު އަލީ ހުސެއިން ވިދާޅުވެފައި ވާތީ އޭގެ ރައްދުގައި ބްރޯޑްކާސްޓިން ކޮމިޝަންގެ ވަކީލު ވިދާޅުވީ ފްރިކްއެންސީ ދޫކުރެވޭ ފަރާތަކީ ރައްޔިތުންނަށް އިޚުލާސްތެރިކަމާ އެކީ ޚިދުމަތް ދޫކުރެވޭ ބަޔަކަށް ވާން ޖެހޭނެ ކަމަށެވެ. އެހެންކަމުން ތަޖުރިބާއަށާއި މިހާތަނަށް ކޮށްފައިވާ މަސައްކަތަށާއި އިންވެސްޓްމެންޓަށް ބަލަން ޖެހޭނެ ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.

ވަކީލު ވިދާޅުވީ ތަޖުރިބާއަށް ބެލުމަށް ފަހު ބީލަންތައް ދޫކުރުމަކީ އާންމު އުސޫލެއްކަމަށާއި ވަޒީފާތަކަށް މީހުން ހޮވަނީ ވެސް ތަޖުރިބާއަށް ބެލުމަށް ފަހު ކަމަށެވެ. އެހެންކަމުން ހަމަހަމަ ނޫންކަމަށް ބެލެވޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.

ފްރިކްއެންސީ ދޫކުރުމުގެ ލައިސަންސާ، ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސަކީ ތަފާތު ދެ އެއްޗެއްކަމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ކުރީގެ ޝަރީއަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށް ފަލާހުގެ ވަކީލު މިއަދު ވަނީ ރައްދު ދެއްވާފަ އެވެ.
ފަލާހުގެ ވަކީލު އަލީ ހުސެއިން ވިދާޅުވީ ފްރިކުއެންސީ ބޭނުންކޮށްގެން ވެސް ކުރާކަމަކީ ބްރޯޑުކާސްޓު ކުރުން ކަމަށާއި އެހެންކަމުން ފްރިކުއެންސީ ދޫކުރުމުގެ ލައިސަސްސާއި ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސް އެއްގޮތް ދޭއެއްޗެއް ކަމަށެވެ.