ދައުލަތުގެ މާލިއްޔަތުގެ ގާނޫނަށް ހަތް ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ތަސްދީގުކުރައްވައިފިއެވެ.

މިބިލަކީ މިދިޔަ މަހުގެ 27ގައި ބޭއްވި، ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 10 ވަނަ ޖަލްސާގައި ފާސްކުރިވި ބިލެކެވެ.

މިބިލްގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ، ދައުލަތުން ދަރަންޏަށް ފައިސާ ނެގުމާއި ގެރެންޓީ ދިނުމާގުޅޭ އުސޫލުތަކާއި، ދައުލަތުގެ ފައިސާއިން ޚާއްސަ އެހީ ދިނުމާގުޅޭ އުސޫލުތަކާއި، ދައުލަތުގެ ފައިސާ ހިސާބުކުރުމާއި އަހަރީ ބަޖެޓު އެކުލަވާލުމާ ގުޅޭ އުސޫލުތައް އިތުރަށް ހަރުދަނާކުރުމެވެ.

އޭގެ އިތުރުން، ދައުލަތުގެ ސޮވްރިން ޑިވެލޮޕްމަންޓް ފަންޑާއި އެ ފަންޑު ހިންގުމާގުޅޭ އުސޫލުތައް ގާނޫނުގައި ބަޔާންކުރުމާއި، ދައުލަތުގެ ޕްރޮކިއުމަންޓުގެ ނިޒާމު ހިންގާނެ ގޮތުގެ އުސޫލުތައް ގާނޫނުގައި ބަޔާންކުރުމާއި ތަންފީޒުކުރުމުގައި ހުރި ދަތިތައް ނައްތާލުމަށް ޓަކައި ކަމާގުޅޭ ޚާއްސަ އުސޫލުތަކެއް ގާނޫނުގައި ހިމެނުން އެ ބިލްގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެއެވެ.

އަދި ގާނޫނާ ޚިލާފުވާ ހާލަތްތަކުގައި އެ ފަރާތްތަކާމެދު ފިޔަވަޅުއެޅުމާ ގުޅޭގޮތުން ކަނޑައަޅާފައިވާ އުސޫލުތައް އިސްލާހުކުރުމާއި، ގާނޫނު ތަންފީޒުކުރުމުގައި ދިމާވާ ދަތިތައް ހައްލުކުރުން ވެސް ހިމެނެއެވެ.

ދައުލަތުގެ މާލިއްޔަތުގެ ގާނޫނަށް އިސްލާހް ގެނައުމުގެ މިބިލްގައި، ދައުލަތުގެ ނަމުގައި ގެރެންޓީ ދިނުން ވަކި މާއްދާއެއްގެ ގޮތުގައި ވަނީ އިތުރުކޮށްފައެވެ. އަދި ކައުންސިލްތަކަށް ލިބެންޖެހޭ ފައިސާއަށް މައާފުދީ ނުވަތަ ލުއިދެވޭނެ ހާލަތްތައް ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން، ދެމެހެއްޓެނިވި ގޮތެއްގައި ދައުލަތުގެ ފައިސާ އިންވެސްޓް ކުރުމަށާއި، ދައުލަތުގެ ދަރަނި އަދާކުރުމަށާއި، ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމުގެ ބޭނުމަށް ޓަކައި، ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުގެ ގޮތުގައި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި ކަސްޓޯޑިއަން އެކައުންޓެއް ގާއިމްކޮށް ބަލަހައްޓަންޖެހޭނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ. އަދި ދައުލަތުގެ ފައިސާއާއި ހިސާބުގެ ލިޔެކިޔުމުގެ ނިޒާމު ބަލަހައްޓައި ހިންގުމަށް ޓަކައި، އެކައުންޓަންޓް ޖެނެރަލްގެ މަގާމަށް މީހަކު އައްޔަނު ކުރެވޭނެ ގޮތާއި، އެމަގާމުގެ ޝަރުތުތަކާއި މަސްއޫލިއްޔަތައް ވެސް ވަނީ ބިލްގައި ބަޔާންކޮށްފައެވެ.

މިބިލްގައި، ދައުލަތުގެ އިންޓާނަލް އޮޑިޓް ނިޒާމެއް ގާއިމްކުރަންޖެހޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ. އަދި ޗީފް އިންޓާނަލް އޮޑިޓަރުގެ މަގާމުގެ މަސްއޫލިއްޔަތުތައް ބަޔާންކޮށް، ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ އިންޓާނަލް އޮޑިޓް ކޮމިޓީއެއް އުފެއްދުމަށް ވެސް ބިލުގައި ވަނީ ކަނޑައަޅާފައެވެ.

އެ ކަންކަމުގެ އިތުރުން ދައުލަތުގެ ޕްރޮކިއުމެންޓް ނިޒާމްގެ ކަންކަން ކަނޑައެޅުމަށް ޓަކައި މި ބިލުގައި ވަނީ، ވަކި ޗެޕްޓަރެއް ހިމަނާފައެވެ. އޭގެ އިތުރުން ހުއްދަ ނޫން އަމަލެއް އެއްވެސް ފަރާތަކުން ކުރިކަމަށް ތުހުމަތު ކުރެވިއްޖެ ނަމަ ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ ދަށުން އަމަލުކުރަންޖެހޭނެ ގޮތްތައްވެސް މިބިލްގައި ވަނީ ބަޔާންކޮށްފައެވެ.

ދައުލަތުގެ މާލިއްޔަތުގެ ގާނޫނަށް ހަތް ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސް މިއަދު ތަސްދީގުކުރެއްވުމާ ގުޅިގެން މި ގާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރައްވާފައެވެ.

މި ޤާނޫނަށް އަމަލުކުރަން ފަށާނީ މި ގާނޫނު ފާސްވެ ތަސްދީގުކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ދުވަހުން ފެށިގެންނެވެ.