ސިވިލް ސާވިސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަގާމުގައި ހުންނެވި އަހުމަދު ޝަފީގު މިއަދު އެ މަގާމުން އިސްތިއުފާދެއްވައިފި އެވެ.

އެ ކޮމިޝަންގެ ރައީސް މުހައްމަދު ފަހުމީ ހަސަން މިއަދު ވިދާޅުވީ ޝަފީގު އިސްތިއުފާގެ ސިޓީ މިއަދު އެ ކޮމިޝަނަށް ހުށަހަޅުއްވާފައިވާ ކަމަށެވެ. އަދި އިސްތިއުފާގެ ސިޓީގައި ވީހާ ވެސް އަވަހަކަށް އޭނާގެ އިސްތިއުފާ ގަބޫލުކޮށްދެއްވުމަށް ވެސް އެދިވަޑައިގެންފައިވާ ކަމަށާއި އެ ކޮމިޝަނުން އޭނާގެ އިސްތިއުފާ ގަބޫލުކުރާނެ ކަމަށް ވެސް ފަހުމީ ވިދާޅުވި އެވެ.

ދޮޅު މަހެއްހާ ދުވަހު އެ ކޮމިޝަންގައި އުޅުއްވުމަށް ފަހު އެވަޒީފާ އިން ޝަފީގު ވަކިވެވަޑައިގެންނެވި ސަބަބެއް ކަމުގައި އެ ސިޓީގައި ބަޔާންކުރައްވާފައި ވަނީ ކޮމިޝަންގެ ވަޒީފާއަށް ވުރެ ރަނގަޅު ގޮތެއް ފެނުމާ ގުޅިގެން ވަޒީފާ އިން ވަކިވެވަޑައިގަތުމަށް ނިންމެވީ ކަމަށެވެ.

"އިސްތިއުފާ ދެއްވި ސަބަބެއް ކަމުގައި ވިދާޅުވެފައި ވަނީ ކޮމިޝަންގެ ވަޒީފާއަށް ވުރެ ރަނގަޅު ގޮތެއް ފެނުމުން ކަމަށް. ޝަފީގުގެ މަސައްކަތުގެ އަހުލާގު މައްސަލައެއް ނޫޅޭ،" ފަހުމީ ވިދާޅުވި އެވެ.

ސިވިލް ސާވިސްއާ ގުޅިވަޑައިގަތުމުގެ ކުރިން ޕޯސްޓް އޮފީހުގެ އިސް މަގާމެއްގައި އުޅުއްވި ޝަފީގު ފޯނަށް ޖަވާބު ނުދެއްވުމުގެ ސަބަބުން ވަނީ އޭނާގެ ބަހެއް ލިބޭ ގޮތް ނުވެފަ އެވެ.