15 Mar 2023, 12:04
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ސަރުކާރުގައި ދެ ރިޔާސީ ކެންޑިޑޭޓުން ތިބެގެން ކުރިއަށްދިއުން ދަތިވާނެ ކަމަށް ސަރުކާރުން މިއަދު ބުނެފިއެވެ.
ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ބޮޑު އެއް ޕާޓީ ކަމަށްވާ ޖުމްހޫރީ ޕާޓީން ރޭ ބޭއްވި އެ ޕާޓީގެ ކައުންސިލް ބައްދުލުވުމުގައި ވަނީ ޖޭޕީން އިސްވެ އޮވެ އިންތިޚާބުގައި ވާދަކުރަން ނިންމައިފައެވެ.
އެކަމާ ގުޅިގެން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު "ސަން"އަށް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވާނީ، ކޯލިޝަން އެކުލަވާލަން މިހާރުގެ ސަރުކާރުގެ ކޯލިޝަން ޕާޓްނަރުންނަށް ދައުވަތު ފޮނުއްވާފައި ކަަމަށެވެ. އަދި އެއަށް ޖުމްހޫރީ ޕާޓީއިން ޖަވާބެއް ދީފައި ނުވާ ކަމަށް ވެސް މިއުވާން ވިދާޅުވިއެވެ.
"އެކަމަކު ރައީސްއާ އެކު ކުރިއަށްދާން އަދާލަތު ޕާޓީއާއި އެމްޑީއޭއިން އެވަނީ މިހާރު ނިންމާފައި،" މިއުވާން ވިދާޅުވިއެވެ.
މިއުވާން ވިދާޅުވި ގޮތުގައި ޖުމްހޫރީ ޕާޓީއިން ރިޔާސީ ކެންޑިޑޭޓަކު ނެރޭނަމަ ސަރުކާރުގައި ދެ ރިޔާސީ ކެންޑިޑޭޓުން ތިބެގެން ކުރިއަށް ދިއުމަށް ދަތިވާނެއެވެ. އަދި އެފަދަ ހާލަތެއް އަތުވެއްޖެނަމަ، ދެން ކަންތައް ކުރާނެ ގޮތަކާ މެދު ރައީސް ޖުމްހޫރީ ޕާޓީގެ ލީޑަޝިޕާއި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއާ އެކު މަޝްވަރާކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބުގައި ވާދަކުރާނެ ކެންޑިޑޭޓެއް ޖޭޕީން ނެރެން ނިންމާފައިވާއިރު މިހާރު ސަރުކާރުގެ އިސް މަގާމުތަކުގައި ޖޭޕީގެ މެމްބަރުން ހިމެނިވަޑައިގަންނަވައެވެ. އޭގެ ތެރޭގައި ގާސިމްގެ އަނބިކަނބަލުން ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވެސް ހިމެނިވަޑައިގެންނަވައެވެ.
ޖޭޕީގެ ކައުންސިލްގެ ނިންމުން އިއުލާންކުރި ފަހުން، ވެރިކަން ކުރާ މައި ޕާޓީ ކަމަށްވާ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުން ވަނީ ޖޭޕީގެ މަޖިލިސް މެމްބަރުންނާ ގުޅިގެން ޖޮއިންޓް ޕާލިމަންޓްރީ ގްރޫޕެއް އެކުލަވައިލުމުގެ މަސައްކަތް ރޭ ފަށައިފައެވެ.