އާޓިފިޝަލް އިންޓެލިޖެންސްގެ ދުނިޔޭގައި އެންމެ ކާމިޔާބު ކުންފުނި އޯޕަންއޭއައިގެ އެންމެ ފަހުގެ ނެޗުރަލް ލޭންގުއޭޖް ޕްރޮސެސިން މޮޑެލް ކަމަށްވާ ޖީޕީޓީ-4 ތައާރަފުކޮށްފިއެވެ.

މި މޮޑެލްއަކީ, ވަރަށް ކާމިޔާބު ޖީޕީޓީ-3އަށް ފަހު އަންނަ މޮޑެލް ކަމަށްވާއިރު، މިއީ އޭއައި ލޭންގުއޭޖް މޮޑެލް ދާއިރާއަށް އިންގިލާބު ގެންނާނެ މޮޑެލްއެއްކަމަށް އޮންލައިން ރިޕޯޓްތައް ބުނެއެވެ.

އޯޕެން އޭއައިއިން ހާމަކޮށްފައިވާ ގޮތުގައި ފަހުގެ ވާޝަންގައި ލިބޭ ޖަވާބުތަކުގެ ސައްހަކަން ކުރިއާއަޅާ ބަލާއިރު 40 ޕަސެންޓް ރަނގަޅުވާނެއެވެ. އަދި "ހުއްދަނުކުރެވޭ ކޮންޓެންޓް ރިކުއެސްޓްތަކަށް ޖަވާބުދިނުމުގެ" ފުރުސަތު 82 ޕަސެންޓް ދަށްވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ޖީޕީޓީ-4 އަށް ލިބުނު އެންމެ ބޮޑު އެއް ކުރިއެރުމަކީ މަދު މިސާލުތަކުން ދަސްކުރުމުގެ ގާބިލްކަމެވެ. މާނައަކީ މިހާރު މި މޮޑެލްއަށް މާގިނަ މައުލޫމަކާ ނުލައި ވެސް ކަންތައްތައް ވިސްނި، ދަސްކުރެވޭނެއެވެ. މިއީ ނެޗުރަލް ލެންގުއެޖް ޕްރޮސެސިންގެ ދާއިރާއިން ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް އޯޕަން އޭއައިއިން ބުންޏެވެ.

ޖީޕީޓީ-4ގެ އަނެއް ޚާއްޞަ ސިފައަކީ ކޯޑް ވިސްނައި އުފެއްދުމުގެ ގާބިލްކަމެވެ. އެގޮތުން މިހާރު މި މޮޑެލްއަށް ޑީބަގިން އާއި ކޯޑް ފުރިހަމަކުރުން ފަދަ ކޯޑިން ޓާސްކްތައް ކުރިއަށް ވުރެ ސައްހަކޮށް ކުރެވޭނެއެވެ. މި ގާބިލުކަމަކީ ޑިވެލޮޕަރުންނަށް ލިބޭ ވަރަށް ބޮޑު ފަސޭހައަކަށް ވާނެ ކަމަށް ބެލެވެއެވެ.

މި އާ ފީޗާތަކުގެ އިތުރުން ޖީޕީޓީ-4ގައި ވާހަކަ ދެއްކުމުގެ ގާބިލުކަން ވެސް ރަނގަޅުކޮށްފައިވާއިރު، މިހާރުގެ ވާޝަންގައި 25،000 ބަސް އެއްފަހަރާ ޕްރޮސެސް ކުރުމުގެ ކުޅަދާނަކަން ހުންނާނެއެވެ. މިވާޝަންގައި ވެބްސައިޓެއްގެ ލިންކެއް ވެސް ބޭނުންކުރެވިދާނެއެވެ. އެލިންކުގައި ހިމެނޭ ހުރިހާ ލިޔުންތަކެއް އެސެސްކޮށް އެއަށް ބިނާކޮށް ޗެޓްޖީޕީޓީއަށް ދިގުކޮށް ވާހަކަ ދެއްކިދާނެއެވެ.

މީގޭއިތުރުން ޖީޕީޓީ-4 ގައި އިމޭޖް (ފޮޓޯ ނުވަތަ ތަސްވީރު) ބޭނުންކޮށްގެންވެސް މުއާމަލާތްކުރެވޭނެއެވެ. ޖީޕީޓީ-4ގެ ވެބްސައިޓްގައިވާ މިސާލުގައި ޗެޓްބޮޓަށް ފުރަތަމަ ފީޑްކުރަނީ އެއްޗެއް ކައްކަން ބޭނުންކުރެވިދާނެ ދެތިން އެއްޗެއް ހިމެނޭ ފޮޓޯއެކެވެ. އަދި އެފޮޓޯއަށް ބަލާފައި އޭގައި ހިމެނޭ ތަކެތި ދެނެގަނެ ތައްޔާރުކުރެވިދާނެ ކާއެއްޗެއްގެ ވާހަކަ ޖީޕީޓީ-4އިން ދައްކައެވެ.

ޖީޕީޓީ-4 ނެރުމާއެކު އޭއައި ކޮމިއުނިޓީގެ ގިނަ ބަޔެއްގެ ސަމާލުކަން ވަނީ ލިބިފައެވެ. ގިނަ ތަޖުރިބާކާރުން ގަބޫލުކުރާ ގޮތުގައި މި މޮޑެލްގެ ސަބަބުން ނެޗުރަލް ލެންގުއެޖް ޕްރޮސެސިންއިން ކުރެވޭނެ ކަންކަން ގިނަވެ، އާ އެޕްލިކޭޝަންތަކާއި އުފެއްދުންތަކަށް އެ މޮޑެލް ބޭނުން ކުރެވޭނެ ގޮތްތައް އިތުރު ކުރެވޭނެއެވެ.

ނަމަވެސް މިފަދަ ވަރުގަދަ އޭއައި މޮޑެލްތަކުގެ ސަބަބުން ކުރިމަތިވެދާނެ ނޭދެވޭ ނަތީޖާތަކާ މެދު ވެސް ބައެއް ތަޖުރިބާކާރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އޭއައި ކުރިއަރާ ވަރަކަށް އޭއައިގެ ބޭނުން ނުބައިކޮށް ބޭނުން ކުރާނެ ކަމުގެ ބިރު އެބައޮތެވެ. އޯޕަންއޭއައިއިން ވަނީ މި ކަންބޮޑުވުންތައް ގަބޫލުކޮށް، އޭއައި ޓެކްނޮލޮޖީތައް ޒިންމާދާރުކަމާއެކު ތަރައްގީ ކުރާނެ ކަމުގެ ޔަގީންކަން ދީފައެވެ.