15 Mar 2023, 11:19
ވޮޝިންޓަން (15 މާޗް 2023): ކަޅުކަނޑުގެ މަތިން އުދުހުނު އެމެރިކާގެ އަސްކަރީ ޑްރޯނެއް ރަޝިއާގެ ފައިޓާޖެޓެއްގައި ޖެހިގެން ވެއްޓިއްޖެއެވެ.
އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަން ބުނާގޮތުން ކަޅުކަނޑުގެ މަތިން އުދުހުނު އެމެރިކާގެ އެމްކިޔު-9 މަރުކާގެ އަސްކަރީ ޑްރޯނަކަށް ހުރަސް އަޅަން އުޅުނު ރަޝިއާގެ އެސްޔޫ-27 މަރުކާގެ ފައިޓާޖެޓެއްގެ ފިޔަގަނޑުގައި ޖެހުމުން ޔޫރަޕްގައިވާ އެމެރިކާގެ އަސްކަރީ ކޮމާންޑުން ވަނީ ރިމޯޓްގެ އެހީގައި އެޑްރޯން ކަޅުކަނޑަށް ވައްޓާލާފައެވެ.
ރަޝިއާގެ ޖެޓްގެ ފިޔަގަނޑުގައި ޖެހުމާއެކު އެމެރިކާގެ ޑްރޯނަށް ބޮޑެތި ގެއްލުންތަކެއް ލިބި ރަޝިއާގެ ޖެޓްގެ ފިޔަގަނޑަށް ވެސް ގެއްލުންތަކެއް ލިބުނު ކަމަށް ޕެންޓަގަންއިން ބުނެފައިވެއެވެ.
ކަޅުކަނޑަކީ ރަޝިއާގެ ދެކުނު އައްސޭރިފަށުގައި އޮންނަ ކަނޑެކެވެ. ރަޝިއާގެ އެންމެ ބޮޑު ފްލީޓްގެ މައި މަރުކަޒު ހުންނަނީ ކަޅުކަނޑުގެ އައްސޭރިފަށުގައިވާ ކްރައިމިޔާ ގައެވެ. ރަޝިއާ ބުނާގޮތުން އެމެރިކާގެ ޑްރޯނަކީ ޖާސޫސީ ޑްރޯނެކެވެ. އެޑްރޯންގައި ޖާސޫސީ ވަރަށް ގިނަ އާލާތްތަކެއް ހަރުކޮށްފައިވެއެވެ.
ކަޅުކަނޑުމަތިން އުދުހެމުންދިޔަ އެމެރިކާގެ ޑްރޯންއާ ދިމާއަށް ރަޝިއާއިން އެސްޔޫ -27 މަރުކާގެ ފައިޓާޖެޓެއް ފޮނުވައި އެޑްރޯނަށް ހުރަސްއެޅީ އެޑްރޯން ރަޝިއާއާ ދިމާލަށް މިސްރާބު ޖެހުމުން ކަމަށް ރަޝިއާގެ ދިފާއީ ވުޒާރާ ބުނެއެވެ.

އެމެރިކާގެ ޑްރޯންއާއި ރަޝިއާގެ ފައިޓާޖެޓް
މުސްތަގިއްލު ރިޕޯޓްތައް ބުނާގޮތުން އެމެރިކާއިން އެގައުމުގެ ޑްރޯން ވައްޓާލީއެއް ނޫނެވެ. އެމެރިކާގެ ޑްރޯނަށް ހުރަސްއެޅުމަށް ރަޝިއާގެ ފައިޓާޖެޓުން ހިންގި ހަރަކާތްތަކުގައި އެމެރިކާގެ ޑްރޯން ރަޝިއާގެ ޖެޓްގައި ޖެހި ލިބުނު ގެއްލުންތަކުގެ ސަބަބުން އެމެރިކާގެ ޑްރޯން ކަޅުކަނޑަށް ވެއްޓުނީއެވެ. ނަމަވެސް އެމެރިކާ ބުނިގޮތުން ރަޝިއާގެ ފައިޓާޖެޓްގައި ޖެހުމުން ޔޫރަޕްގައިވާ އެމެރިކާގެ އަސްކަރީ ކޮމާންޑުން ރިމޯޓްގެ އެހީގައި އެޑްރޯން ވައްޓާލީއެވެ. މިހާދިސާގައި ރަޝިއާގެ ފައިޓާޖެޓްވަނީ ސަލާމަތުންގޮސް ރަޝިއާގެ އަސްކަރީ ބޭހެއްގައި ޖައްސާފައެވެ.
މިހާދިސާއާ ގުޅިގެން ރަޝިއާއާއި އެމެރިކާއާ ދެމެދު އަސްކަރީ ހަމަލާއެއް ބަދަލުކޮށްފައިނުވިނަމަވެސް މިއީ އެފަދަ ކަމެއް ހިނގުމުގެ ފުރުސަތު ބޮޑުވެގެންދިޔަ ނުރައްކާތެރި ހާދިސާއެއްކަމަށް މުރާސިލުން ބުނެއެވެ.
އެމެރިކާގައި ހުންނަވާ ރަޝިއާގެ ސަފީރު އެނަތޯލީ އެންތަނޯން ވަނީ ރަޝިއާގެ އަސްކަރީ ހަރަކާތްތައް އެންމެ ބޮޑަށް ހިންގާ އަދި ރަޝިއާގެ ބަނޑުދަށުގައިވާ ކަޅުކަނޑަށް އެސަރަހައްދާ އެތައް ހާސް މޭލެއްގެ ދުރުގައިވާ އެމެރިކާއިން ޖާސޫސީ ޑްރޯނެއް ފޮނުވުމަކީ ރަޝިއާގެ ޖާސޫސީ ޑްރޯނެއް އެމެރިކާގެ ނިޔުޔޯކް އަށް ފޮނުވުންފަދަ ނުރައްކާތެރި އަމަލެއްކަމަށް ސިފަކުރައްވާފައެވެ.
ރަޝިއާއާއި އެމެރިކާއަކީ ދުނިޔޭގެ އެންމެ ބޮޑު އަސްކަރީ ދެބާރެވެ. އަދި ހަތިޔާރުގެ ޓެކްނޮލޮޖީގައި މުޅި ދުނިޔޭންވެސް އެންމެ ކުރިއަރާފައިވާ ދެގައުމެވެ. އަދި ނިއުކްލިޔާ އެންމެ ބޮޑު ދެ ބާރަކީވެސް އެމެރިކާއާއި ރަޝިއާއެވެ. މި ދެ ގައުމުންކުރެ ކޮންމެ ގައުމަކީ އެއްފަހަރަށް ވުރެ ގިނަ ފަހަރު ދުނިޔެ މުޅިން ފަނާކޮށް އިންސާނީ ނަސްލާއި ދިރޭ ކާއިނާތު ވެސް ދުނިޔެއިން ނައްތާލެވޭހާ ބާރު ހުރި ދެގައުމެވެ. އެހެންކަމުން މި ދެމެދުގައި ކުރިމަތިލުމެއް ހިނގާފާނެ ކަމުގެ ބިރަކީ ހަގީގީ ބިރެކެވެ.