19 Apr 2012, 11:51
ދިރާގުން މުއާސަލާތީ ހިދުމަތް ދިނުމަށް ބޭނުންކުރާ މައި ސަބް މެރިން ކޭބަލްގައި މައްސަލައެއް ދިމާވެ އިންޓަނެޓް ބޭނުން ކުރުމުގައި ބޮޑަތި މައްސަލަތަކެއް ދިމާވާން ފަށައިފި އެވެ.
ދިރާގުން މިއަދު ބުނީ އިންޓަނެޓްގެ ހިދުމަތްތަކަށް ރޭ 10:30 އެހާކަން ހާއިރުން ފެށިގެން ބުރޫ އެރީ ސްރީލަންކާގެ 60 ކިލޯމީޓަރު ބޭރުން ކަނޑުގެ 40 މީޓަރު އަޑިން އަޅާފައިވާ ކޭބަލަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށާއި ކޭބަލް މަރާމާތުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.
"ކޭބަލަށް ލިބިފައިވާ ގެއްލުން މަރާމާތު ކުރުމަށް ހާއްސަކޮށްފައިވާ އުޅަދު އިންޑިއާގެ ކޮޗިންއިން ކޭބަލް އޮތް ތަނަށް އައުމަށް ދަނީ ތައްޔާރުވަމުންނެވެ،" ދިރާގުން އާންމު ކުރި ނޫސްބަޔާނުގައިވެ އެވެ.
ދިރާގުގެ އިންޓަނެޓްގެ ހިދުމަތް މިއަދު ކޮންމެވެސް ވަރަކަށް ލިބުނު ނަމަވެސް އިންޓަނެޓްގެ ސްޕީޑް ވަރަށް ދަށެވެ. އަދި ގިނަ ބޮޑަތި ސައިޓްތަކަށް އެއްގޮތަކަށްވެސް ނުވަދެވެ އެވެ. އިންޓަނެޓްގެ ހިދުމަތް ފިޔަވާ އެހެން ހިދުމަތްތަކަށް ބުރޫ އަރާފައި ނުވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
ދިރާގުން ބުނީ ސަބް މެރިން ކޭބަލް ހަލާކުވުމާ އެކު މިހާރު އިންޓަނެޓްގެ ހިދުމަތް ދެމުން އަންނަނީ ޑައިވާސިޓީ ރޫޓްތައް މެދުވެރުކޮށް ކަމަށާއި އެ ރޫޓްތައް އިތުރުކުރުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށެވެ. އަދި މުވަގުތު އިސްކަން ދޭނީ އިންޓަނެޓް ބްރޯޒް ކުރުމަށާއި އީމެއިލް ހިދުމަތް ފޯރުކޮށް ދިނުމަށް ކަމަށްވެސް ދިރާގުން ބުންޏެވެ.
ދިރާގުގައި ހޮސްޓްކޮށްފައި ހުރި ސައިޓްތަކަށް ވަނުމުގައި މާބޮޑު މައްސަލަތަކެއް ދިމައެއް ނުވެ އެވެ. ނަމަވެސް ބޭރުގެ ސައިޓްތަކަށް ވަނުން ވަނީ ދަތިކަމަކަށްވެފަ އެވެ.