14 Mar 2023, 21:31
ކޮވިޑް-19 ބަލިމަޑުކަން ފެތުރުނު ފަހުން ފުރަތަމަ ފަހަރަށް ޗައިނާއިން ބޭރު ފަތުރުވެރިންނަށް ބޯޑަރު ހުޅުވާލަން ނިންމައިފިއެވެ.
ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ޗައިނާއިން އެޅި ފިޔަވަޅުތައް މިހާރު އުވާލަމުންދާއިރު، މިދިޔަ ޖެނުއަރީ މަހުގެ އެގައުމުން ވަނީ ވިޔަފާރީގެ ބޭނުމަށާއި އާއިލާ މެމްބަރުންނާ ބައްދަލުކުރުމަށް ބޭރު މީހުންނަށް އެގައުމަށް އެތެރެވާން ވިސާ ދޭން ފަށާފައެވެ. ނަމަވެސް އޭރު ޓޫރިސްޓު ވިސާ ދޫކުރަން ނިންމާފައިނުވެއެވެ.
ޗައިނާގެ ފޮރިން މިނިސްޓްރީއިން މިއަދު ނެރުނު ބަޔާނެއްގައިވާ ގޮތުން، މާދަމާއިން ފެށިގެން އެގައުމުން ހުރިހާ ބާވަތެއްގެ ވިސާއެއް ދޫކުރަނެއެވެ. އަދި 2020 ވަނަ އަހަރުގެ މާޗު މަހުގެ 28ގައި އެގައުމު ބަންދު ކުރުމުގެ ކުރިން ޗައިނާގެ ވިސާ ހޯދާފައިވާ މީހުންގެ ވިސާގެ މުއްދަތު ހަމަނުވާ ނަމަ، އެ ވިސާތައް ވެސް މާދަމާއިން ފަށައިގެން ބަލައިގަންނާނެ ކަމަށް އެ ބަޔާނުގައިވެއެވެ.
ހަމައެއާއެކު، ކޮވިޑްގެ ކުރިން އޮތް ގޮތަށް، ހޮންކޮންއާއި މަކާއުގެ ޓުއާ ގްރޫޕުތަކަށް ވިސާއާ ނުލައި ދެން އެގައުމަށް ދޭވެނެ ކަމަށް ވެސް އެ މިނިސްޓްރީއިން ބުންޏެވެ.
ޗައިނާގެ ރައްޔިތުންނަށް ފަތުރުވެރިންގެ ގޮތުގައި އެހެން ގައުމުތަކަށް ޒިޔާރަތްކުރުމަށް ވެސް އެގައުމުން ހުއްދަ ދިނީ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައެވެ. އެގޮތުން ޗައިނާއިން ގްރޫޕް ޓުއާތަކުގައި ދަތުރުކުރަން މިހާތަނަށް ރައްޔިތުންނަށް ހުއްދަ ދީފައި އޮތީ 20 ގައުމަކަށެވެ. ނަމަވެސް އެގައުމުތަކުގެ އަދަދު 60އަށް އިތުރު ކުރަން މިހާރު އެގައުމުން ވަނީ ނިންމާފައެވެ.
ކޮވިޑާ ގުޅިގެން ޗައިނާއިން ބޯޑަރު ބަންދުކޮށް، ބަލި ފެތުރުން ހުއްޓުވުމަށް ހަރުކަށި ފިޔަވަޅުތައް އެޅުމުން ފަތުރުވެރިކަމުގެ ސިނާއަތަށް ލިބުނު ގެއްލުމުން އަރައިގަތުމަށް އެގައުމުން މިހާރު ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
މިދިޔަ އަހަރު ޗައިނާގެ ބޯޑަރު ހުރަސް ކުރި މީހުންގެ އަދަދު 115.7 މިލިއަނަށް އަރައެވެ. އޭގެ ތެރޭގައި ބޭރު ގައުމުތަކުގެ 4.5 މިލިއަން މީހުން ހިމެނެއެވެ.
އެއާ އަޅާބަލާއިރު 2019 ވަނަ އަހަރު އެގައުމުގެ ބޯޑަރު ހުރަސްކުރި މީހުންގެ އަދަދު 670 މިލިއަނަށް އަރައެވެ. އޭގެ ތެރޭގައި ބޭރު ގައުމުތަކުގެ 97.7 މިލިއަން މީހުން ހިމެނުނެވެ.