ބަޚުމޫތު (14 މާޗް 2023): ޔުކްރެއިންގެ އިރުމަތީގެ ސިޓީއެއްކަމަށްވާ ބަޚުމޫތު ހިފުމަށް ރަޝިއާ ދެމުންގެންދާ ހަމަލާތައް ދިފާއުކުރުމުގައި ހިތްވަރާއެކު ކުރިއަށްދާކަމަށް ޔުކްރެއިންއިން ބުނެފިއެވެ.

ޔުކްރެއިން ސިފައިން ނެރުނު އަސްކަރީ ބަޔާނެއް ބުނާގޮތުން ކިތަންމެ ބޮޑު ގެއްލުމެއް ލިބުނަސް ޔުކްރެއިން ސިފައިން ތިބީ ބަޚުމޫތު ދޫކޮށްލާ ގޮތަކަށް ނޫނެވެ. ނަމަވެސް ބަޚުމޫތުގެ އިރުމަތީފަޅި މިހާރުވަނީ ރަޝިއާ ސިފައިންނާއި ރަޝިއާގެ ކުލީ ސިފައިންގެ ޖަމާއަތެއް ކަމަށްވާ ވެގްނާ ގްރޫޕްގެ އަތްދަށަށް ގޮސްފައެވެ.

ޔުކްރެއިން ސިފައިން މިހާރު މަސައްކަތްކުރަނީ ބަޚުމޫތުގެ މެދުތެރެއާއި އެސިޓީގެ ހުޅަނގު ފަޅި ރަޝިއާގެ އަތްދަށަށް ދިޔަ ނުދިނުމަށްޓަކައި އެދެތަން ދިފާއު ކުރުމަށެވެ. ބަޚުމޫތަކީ ރަޝިއާގެ ހަމަލާތަކުގައި މިހާރު މުޅިން ހަލާކުވެ ބިމާ ހަމަވެފައިވާ ސިޓީއެކެވެ. އެސިޓީއަށް ރަޝިއާ ސިފައިން ދޭ ހަމަލާތަކުގެ ކުރިމަތީގައި ޔުކްރެއިން ސިފައިންނަށް ހިފަހައްޓާލެވެނީ އެސިޓީގެ އެކިތަންތަނުގައި ބިންގަރާސްތައް ހުރުމުންނެވެ.

މި ބިންގަރާސްތަކަކީ ދުޝްމަނުންގެ ހަމަލާތަކުން ދިފާއުމުގެ ގާބިލްކަން ލިބިފައިވާ ބިންގަރާސްތަކެކެވެ. ބަޚުމޫތުގައި ކަރަންޓާއި ފެން އަދި ގޭހާއި ތެޔޮފަދަ އިންސާނުން ދިރިއުޅުމަށް ބޭނުންވާ އަސާސީ އެއްވެސް އެއްޗެއް މިހާރަކު ނެތިއެވެ. އެސިޓީގެ އިމާރާތްތަކަށް ބެލިނަމަވެސް ގިނައީ އެއްކޮށް ފުނޑުފުނޑުވެފައިވާ އިމާރާތްތަކެވެ. ކޮންމެވެސް ގެއްލުމެއް ނުލިބޭ އަދި ދިރިއުޅެން ކަމުދާ އެންމެ އިމާރާތެއްވެސް މިހާރު ބަޚުމޫތުގައި ނެތްކަމަށް ރިޕޯޓްތައް ބުނެއެވެ.

ބަޚުމޫތުގެ ދިފާއުގައި ޔުކްރެއިން ސިފައިންނާއި ޔުކްރެއިން ސިފައިންނާއެކު ހަނގުރާމަކުރާ ޔޫރަޕްގެ ކުލީ ސިފައިން އާދަޔާ ޚިލާފަށް މަސައްކަތް ކުރަމުންގެންދަނީ އެސިޓީއަކީ ހަނގުރާމައިގެ ސްޓްރެޓެޖީގެ ގޮތުންނާއި ލޮކޭޝަންގެ ގޮތުން އެހާ މުހިއްމު ސިޓީއަކަށްވާތީއެއް ނޫނެވެ.

ޔުކްރެއިންގެ ބޭނުމަކީ ބަޚުމޫތުގައި ރަޝިއާ ސިފައިންނާއި ރަޝިއާގެ ކުލީ ސިފައިންގެ ޖަމާއަތްކަމަށްވާ ވެގްނާ ގްރޫޕް ބަލިކޮށްލުން ނޫނީ ރަޝިއާގެ ގިނަ ބަޔަކު ބަޚުމޫތު ހަނގުރާމައިގާ މަރުވުމުގެ ފުރުސަތު ބޮޑުކޮށް ރަޝިއާއަށް ބޮޑެތި ގެއްލުންތަކެއް ދިނުމެވެ.

ބަޚުމޫތުގައި ބިންގަރާސްތައް ހުރުމުން ފިލައިތިބެ ހަމަލާދޭން ފަސޭހަވުމަކީ މިރަށް ހިފުމުގެ ހަނގުރާމަ ދިގުލައިގެންދާ މައިގަނޑު ސަބަބެވެ. ބަޚުމޫތު ހިފަން ހަނގުރާމަކުރާތާ މިހާރު ހަތަރު މަސްވެއްޖެއެވެ. ބަޚުމޫތު ހިފަން ކުރާ ހަނގުރާމައިގާ ރަޝިއާގެ ސިފައިންނާއި ވެގްނާ ގުރޫޕްގެ 25 ހާހަކަށް ސިފައިން މަރުވެފައިވާނެކަމަށްވަނީ ބެލެވިފައެވެ. ނަމަވެސް މިހަނގުރާމައިގާ ޔުކްރެއިނަށް ލިބޭ ގެއްލުންތައްވެސް ކުޑައެއްނޫނެވެ.

ޔުކްރެއިންގެ 40 ހާހަށްވުރެ ސިފައިންނާއި ޔޫރަޕްގެ ކުލީ ސިފައިން ބަޚުމޫތު ހަނގުރާމައިގާ މަރުވެފައިވާނެކަމަށްވަނީ އަންދާޒާ ކުރެވިފައެވެ. ރަޝިއާވެސް އޮތީ މިހަނގުރާމައިގެ ގެއްލުން ކިތަންމެ ބޮޑުނަމަވެސް ޔުކްރެއިނަށް ދޫދޭގޮތަކަށް ނޫނެވެ. ބާރުގަދަ ހަތިޔާރުތައް ބޭނުންކޮށްގެންވެސް ރަޝިއާ އޮތީ މިހަނގުރާމަ ކާމިޔާބުކުރާ ގޮތަށެވެ. ބަޚުމޫތުގެ ބޮޑުބައި މިހާރު ކޮންޓްރޯލް ކުރަނީ ރަޝިއާއިންނެވެ. ހިތްވަރުކުރި ނަމަވެސް ޔުކްރެއިން ދަނީ މަޑުމަޑުން ފަހަތަށް ޖެހެމުންނެވެ.