އިދިކޮޅު ޕީޕީއެމުން ކުރިއަށް ގެންދާ ސިލްސިލާ އެއްވުންތަކުގެ ތެރެއިން ރޭ ހައްޔަރު ކުރި އެންމެން މިހާރު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު "ސަން"އަށް ވިދާޅުވީ އިދިކޮޅު ޕީޕީއެމުން ރޭ ބޭއްވި އެއްވެމުގެ ތެރެއިން ހައްޔަރު ކުރި 13 މީހުން ވެސް މިއަދު ދޫކޮށްލާފައިވާ ކަމަށެވެ.

ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ކްރިމިނަލް ކޯޓުން 11 އަހަރުގެ ޖަލު ހުކުމެއް އިއްވުމާ ގުޅިގެން އެ ހުކުމާ ދެކޮޅަށް އަޑުއުފުލަން ޕީޕީއެމުން ގެންދަނީ ސިލްސިލާ ގޮތެއްގައި މާލޭގެ މަގުތަކަށް އެއްވަމުންނެވެ. އެ އެއްވުންތަކުން ކޮންމެ ދުވަހަކު ވެސް އެތައް މީހުންނެއް ހައްޔަރު ކުރެއެވެ.

ރޭގެ އެއްވުމުގެ ތެރެއިން ހައްޔަރު ކުރި މީހުންގެ ތެރޭގައި ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ގާނޫނީ ވަކީލު އާދަމް އާސިފް ވެސް ހިމެނެއެވެ. އެ ކަމާ ގުޅިގެން ޕީޕީއެމުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އިހްތިޖާޖުތަކުގެ ތެރެއިން މީހުން ހައްޔަރުކުރާ ގޮތާ މެދު ކަންބޮޑުވުން ފާޅުކޮށް، ޕީޕީއެމުން ބުނެފައިވަނީ އިހްތިޖާޖުތަކުގެ ތެރެއިން އެ ކަމުގައި ބައިވެރިނުވެ ދުރުގައި ތިބޭ މީހުން ހައްޔަރު ކުރާތަން ފެންނަމުންދާ ކަމަށެވެ. އަދި، އެ މީހުން ހައްޔަރު ކުރުމުގައި އެކި ވަރުގެ އަނިޔާ ވާކަން ފާހަގަކޮށް، ބުނެފައިވަނީ ރޭގެ އެއްވުމުގެ ތެރެއިން އެ ޕާޓީގެ އަންހެން މެންބަރެއް ހައްޔަރު ކުރަނިކޮށް އަނިޔާވެ، ހޭނެތިގެން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

"މި ފަދަ ލާއިންސާނީ ޢަމަލުތައް ފުލުހުން މެދުވެރިކޮށް ސަރުކާރުން ހިންގަމުން ގެންދާއިރު، މި ކަންކަން ބަލާ ފިޔަވަޅު އެޅުމުގެ ޒިންމާ ޤާނޫނުން މަތިކޮށްފައިވާ މުއައްސަސާތައް ނިދާފައި ތިބުމުގެ އިތުރުން ސަރުކާރު ބޭނުންވާ ގޮތަށް ބަޔާންތައް ނެރެމުން ގެންދިޔުމަކީ ވެސް އެ މުއައްސަސާތަކުގެ މުސްތަގިއްލުކަން ގެއްލިފައިވާ މިންވަރު ހާމަކޮށްދޭ ކަންކަމެވެ." އެ ބަޔާނުގައި ވެއެވެ.

ޕީޕީއެމްގެ އެއްވުންތަކުގެ ތެރެއިން މީހުން ހައްޔަރު ކުރަނީ ހާލަތާ ނުބައްދަލު ބާރު ބޭނުން ކޮށްގެން ކަމަށް ބުނެ، އެ ޕާޓީން އަންނަނީ އިންތިހާއަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ.