19 Apr 2012, 10:50
ފުލުހުންގެ ތަފާސް ހިސާބުތަކުން ކުށުގެ ރިކޯޑު ހުރީ މަތީގަ އެވެ. މި އަހަރުގެ މިހާތަނަށް ވައްކަމުގެ 2316 މައްސަލަ އަދި ފޭރުމުގެ 294 މައްސަލައެއް ވަނީ ރިޕޯޓް ކުރެވިފަ އެވެ. އަދި މީހުންނަށް ހަމާލާ ދިނުމުގެ 418 މައްސަލައަކާއި މައްސްތުވާތަކެތީގެ 494 މައްސަލައެއް ވަނީ ހުށަހެޅިފަ އެވެ. މި ނޫނަސް މައްސަލަތަކުގެ ރިކޯޑު ގިނަ އެވެ.
ކުށްމަދުކުރުމަށް ފާޅުކުރެވޭ ހިޔާލުތައް ގިނަ އެވެ. އޭގެ ތެރެއިން އަމަލީ ސިފަ ގެނެވެނީ މަދު ކަމަކަށެވެ. ކުށްކުރުން މަދުކުރަން ގާނޫނުތަކެއް ހެދި ގަވާއިދުތަކެއް ބައްޓަން ކުރަން ޖެހޭ ކަމަށް ވާހަކަ ދެކެވޭތާ ވެސް ޒަމާން ގަނޑެއް ވެއްޖެ އެވެ.
ފުލުހުން ވެސް ފާޅުކުރާ ހިޔާލަކީ ކުށްމަދުކުރަން ހުރި ގާނޫނުތައް މަދުކަމުގެ ވާހަކަ އެވެ. އަދި ކޯޓުތަކު ވެސް ޝަކުވާ ވެސް ހުރީ ހަމަ އެގޮތަށެވެ. ފުލުހުންނާއި ކޯޓުތަކުން އިންތިޒާރުކުރާ ގިނަ ގާނޫނުތަކެއް ފުނި ޖެހިފައި ހުރީ ރައްޔިތުންގެ މަޖިލީހުގަ އެވެ. މަޖިލީހުގައި ހުރި އެ ބިލްތަކުގެ ލިސްޓް ދިގެވެ. އެއީ ހެއްކާއި ބެހޭ ބިލާއި، ގާނޫނުލް އުގޫބާތާއި، ޖިނާއީ އިޖުރާއަތުގެ ގާނޫނެވެ.
ހަތްދިހަ ހަތް މެންބަރުންނާ އެކު މަޖިލީހުގެ މެންބަރުން ހުވާކުރުމަށް ފަހު މަޖިލީހުގެ މަސައްކަތްތައް ފެށުނު ހިސާބުން މަޖިލީހަށް ވަނީ ގާނޫނުލް އުގޫބާތުގެ ބިލް ހުށަހެޅިފަ އެވެ. އަދި ހަމަ އެއާ އެކު ހެއްކާ ބެހޭ ބިލާއި ޖިނާއީ އިޖުރާއަތުގެ ބިލްވެސް މަޖިލީހަށް ހުށަހެޅި ކޮމެޓީ މަރުހާލާގައި އޮންނަތާ ވަރަށް ގިނަ ދުވަސްތަކެއް ވެއްޖެ އެވެ.
ކޮންމެ މެންބަރަކު ވެސް ރައްޔިރުންދެކެ ލޯބިވާ ކަމަށް ބުނެ ވަކާލާތު ކުރާއިރު ރައްޔިތުންގެ ރައްކާތެރިކަމާ ގުޅުންހުރި ބިލްތަކެއް ފާސް ނުކުރެވެންވީ ކީއްވެ ބާ އެވެ؟ ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރަނީ އެހެން ބާއެވެ؟
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ވެސް މަސައްކަތް ނުކުރެވޭ ކަމަށް އެބޭފުޅުން ވެސް ގަބޫލުކުރައްވަ އެވެ. ސަބަބުތަކެއް އެބަހުއްޓެވެ. ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު ވިދާޅުވީ މަޖިލީހުގައި ސިޔާސީ ކޯޅުން ބޮޑީ އެވެ. އެއާ އެކު މަޖިލީހުގެ މަސައްކަތް ދާންޖެހޭ ބާރު މިނެއްގައި ނުދެ އެވެ.
"ޚާއްސަ ކޮށް މިދައުރުގައި އަޅުގަނޑެމެންނަށް އެންމެ ޒިންމާދާރުކޮށެއް މަސައްކަތެއް ނުކުރެވޭ. ސިޔާސީ ކޯޅުންތައް އެހާ ބޮޑު. މަސައްކަތްތައް ދާންވާގޮތަކަށް ކުރިއަކަށް ނުދޭ،" އާމިރު ވިދާޅުވި އެވެ.
ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޝިފާގު މުފީދު ވިދާޅުވާ ގޮތުން މަޖިލީހުގެ މެންބަރުން މަސައްކަތް ކޮށްފި ނަމަ ނުނިންމޭނެ ކަމެއް ނޯންނާނެ އެވެ. މަޖިލިސް މެންބަރުން އެކަމުގެ ޝައުގުވެރިކަން ނެތީ އެވެ.
"ޚާއްސަ ގޮތެއްގައި ރައްޔިތުންނާއި ގުޅުން ހުރި ގާނޫނުލް އުގޫބާތާއި، ހެއްކާ ބެހޭ ބިލާއި ޖިނާއީ އިޖުރާއަތުގެ ބިލްފަދަ ގާނޫނުތައް ވުޖޫދަށް އައިސްފައި ނުވުމުގެ ސަބަބުން މުޖުތަމައުގައި ހިނގާ ބޮޑެތި ކުށްތައް ހުއްޓުވިފައިނުވާ އިރު ރައްޔިތުންންގެ ނުރުހުން ކުރިމަތިވެފައިވާ އިރު އެ ކަންކަން އަޅުގަނޑުމެންނަށް ނުކުރެވެބީ އެ ހިތްވަރު ނެތުމުން،" ޝިފާގް ވިދާޅުވި އެވެ.
މަހެއްގެ މައްޗަށް މެންބަރަކަށް ދައުލަތުގެ ބަޖެޓުން 62،000ރ. ވުރެން ގިނައިން ލިބޭ އިރު މަޖިލީހުގެ މެންބަރުން އެ މަސްއޫލިއްޔަތުތަކުން އެއްފަރާތް ވާންވީ އެއްވެސް ސަބަބެއް ނެތެވެ. ރައްޔިތުންގެ ތެރެއިން ރައްޔިތުންނަށް ޓަކައި އައި ކަމަށް ދައުވާ ކުރާ ބަޔަކު ސިޔާސީ ކޯޅުމުގައި އުޅެންވީ ސަބަބެއްވެސް ނޯންނާނެ އެވެ. ރައްޔިތުންގެ ރައްކާތެރިކަމާ މުޖުތަމައުގެ ރައްކާތެރިކަން ކަށަވަރު ނުކުރެވޭ ނަމަ އެއީ ހަގީގަތުގައި މުޅި މަޖިލިސް ފެއިލްވުމެވެ.