މާލޭގައި އަދިވެސް އިތުރު ސިލްސިލާ މާރާމާރީތައް ހިންގަން ގޭންގުތަކުން ރާވަމުން ގެންދާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން އެފަދައިން ބުނެފައިވަނީ މާފަންނު ބީޖީ ގަރާޖު ކައިރީ ހުރި ފިހާރައެއްގެ ތެރޭގައި ވަޅި ޖަހާ މީހަކު މަރާލި މައްސަލައިގައި ހައްޔަރުކޮށްފައިވާ ސިރުޚާން އަލީ، 20,ގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުންނެވެ.

ސިރުޚާން އަކީ މި މައްސަލައިގައި އަމަލީ ގޮތުން ބައިވެރިވި ދެ މީހުންގެ ތެރެއިން ފުލުހުން މިހާތަނަށް ހައްޔަރުކޮށްފައިވާ މީހާއެވެ.

މިދިޔަ މަހު ހިނގި އެ މާރާމާރީގައި ޒަޚަމްވި 30 އަހަރުގެ މުހައްމަދު އަހްމަދު ދީދީ މަރުވީ ލިބުނު ޒަޚަމްތަކަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށެވެ. މާފަންނު ބީޖީ ގަރާޖު ކައިރީގައި ހުންނަ ކްރާސާ ނަމަކަށް ކިޔާ ފިހާރައަކަށް އެ ޒުވާނާ ވަނީ، ފަހަތުން އައި ބަޔަކަށް ފިލުމަށެވެ. ފިހާރައިގެ ތެރޭ ހުއްޓައި ސައިކަލެއްގައި އައި ދެ މީހަކު އެ ފިހާރައަށް ވަދެ، އޭނާއަށް ހަމަލާ ދިނީއެވެ.

މި މައްސަލައިގައި ސިރުޚާން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރުގައި ގާޒީ ވިދާޅުވެފައިވަނީ ހާދިސާ ހިނގި ވަގުތު އެ ސަރަހައްދުގެ ސީސީޓީވީ ފޫޓޭޖާއި ކްރައިމް ސީން ފޮޓޯތަކާއި އެ ނޫން ވެސް ހެކިތަކަށް ބަލާއިރު، އެކަށީގެންވާ މިންވަރަށް ހެކި ހުށަހެޅިފައިވާ ކަމަށެވެ.

އެހެންވެ، ބިރުދެއްކުމާއި ތޫނު ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން، މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އޭނާ ބަންދުގައި ބަހައްޓަން ގާޒީ ވަނީ ކަނޑައަޅައިފައެވެ.

މި މައްސަލައިގައި ބަންދާ ބެހޭ ގޮތުން ގޮތެއް ނިންމުމަށް ބޭއްވި އަޑުއެހުމުގައި ފުލުހުން ބުނެފައިވަނީ އަދި ވެސް އިތުރު ސިލްސިލާ މާރާމާރީތައް ހިންގަން މާލޭގައި ހަރަކާތްތެރިވާ ގޭންގުތަކުން ރާވާ ކަމުގެ މައުލޫމާތު އެ އިދާރާއަށް ލިބިފައިވާ ކަމަށެވެ.

މިދިޔަ މަހުގެ 24ވަނަ ދުވަހުގެ ރޭ މި ހާދިސާ ހިނގާފައިވަނީ, ހުޅުމާލޭގައި ހުންނަ ޖޫސްޓައިމް ނަމަކަށް ކިޔާ ފިހާރާއަކަށް ވެސް ހަމަލާދީފައި ވަނިކޮށެވެ.