އިދިކޮޅު ޕީޕީއެމުން ސިލްސިލާ ގޮތެއްގައި ބާއްވާ އިހްތިޖާޖުގެ ތެރެއިން، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ ލޯޔަރު އާދަމް އާސިފާ އެކު 12 މީހަކު ރޭ ހައްޔަރުކޮށްފިއެވެ.

ކްރިމިނަލް ކޯޓުން ކުރީގެ ރައީސް ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވުމާ ގުޅިގެން އިދިކޮޅު ޕީޕީއެމުން ގެންދަނީ އެ މަނިކުފާނު ދޫކޮށްލުމަށް ގޮވާލައި ސިލްސިލާ އިހުތިޖާޖުތައް ކުރަމުންނެވެ. އެ އިހުތިޖާޖުތަކުގެ ތެރެއިން ކޮންމެ ރެޔަކު ވެސް މީހުން ހައްޔަރު ކުރެއެވެ.

މިގޮތުން، ރޭ އެ ޕާޓީން ކުރިއަށް ގެންދިޔަ އިހްތިޖާޖުގެ ތެރެއިން ލޯޔަރު އާސިފް ހިމެނޭހެން 12 މީހަކު ހައްޔަރުކޮށްފައިވާކަން އެ ޕާޓީން ވަނީ ކަށަވަރު ކޮށްދީފައެވެ. އަދި، އޭނާ ހައްޔަރު ކުރުމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް، އެ ޕާޓީން ވަނީ ބަޔާނެއް ނެރެފައެވެ.

ޕީޕީއެމުން ވަނީ އާސިފް ހައްޔަރު ކުރުމަކީ ދުރާލާ ރޭވިގެން އަމާޒު ކޮށްގެން ކޮށްފައިވާ ކަމެއް ކަމަށް ތުހުމަތުކޮށް، އެ ކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފައެވެ.

"މިފަދަ ފިނޑި އަދި ނާތަހުޒީބު ޢަމަލުތަކަކީ ބަލައިގަނެވޭނޭ ޢަމަލުތަކެއް ނޫނެވެ. އަދި މިއީ ބިރު ދެއްކުމުގެ ޢަމަލެކެވެ." އެ ޕާޓީގެ ބަޔާނުގައި ވެއެވެ.

އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަންކުރަން ގޮވައިލައި އިދިކޮޅުން ބޭއްވި އެއްވުމެއްގެ ތެރެއިން --- ސަން ފޮޓޯ/ ނާއިލް ހުސައިން

އިހްތިޖާޖުތަކުގެ ތެރެއިން މީހުން ހައްޔަރުކުރާ ގޮތާ މެދު ކަންބޮޑުވުން ފާޅުކޮށް، ޕީޕީއެމުން ބުނެފައިވަނީ އިހްތިޖާޖުތަކުގެ ތެރެއިން އެ ކަމުގައި ބައިވެރިނުވެ ދުރުގައި ތިބޭ މީހުން ހައްޔަރު ކުރާތަން ފެންނަމުންދާ ކަމަށެވެ. އަދި، އެ މީހުން ހައްޔަރު ކުރުމުގައި އެކި ވަރުގެ އަނިޔާ ވާކަން ފާހަގަކޮށް، ބުނެފައިވަނީ ރޭގެ އެއްވުމުގެ ތެރެއިން އެ ޕާޓީގެ އަންހެން މެންބަރެއް ހައްޔަރު ކުރަނިކޮށް އަނިޔާވެ، ހޭނެތިގެން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

"މި ފަދަ ލާއިންސާނީ ޢަމަލުތައް ފުލުހުން މެދުވެރިކޮށް ސަރުކާރުން ހިންގަމުން ގެންދާއިރު، މިކަންކަން ބަލާ ފިޔަވަޅު އެޅުމުގެ ޒިންމާ ޤާނޫނުން މަތިކޮށްފައިވާ މުއައްސަސާތައް ނިދާފައި ތިބުމުގެ އިތުރުން ސަރުކާރު ބޭނުންވާ ގޮތަށް ބަޔާންތައް ނެރެމުން ގެންދިޔުމަކީ ވެސް އެ މުއައްސަސާތަކުގެ މުސްތަގިއްލުކަން ގެއްލިފައިވާ މިންވަރު ހާމަކޮށްދޭ ކަންކަމެވެ." އެ ބަޔާނުގައި ވެއެވެ.

ޕީޕީއެމްގެ އެއްވުންތަކުގެ ތެރެއިން މީހުން ހައްޔަރު ކުރަނީ ހާލަތާ ނުބައްދަލު ބާރު ބޭނުން ކޮށްގެން ކަމަށް ބުނެ، އެ ޕާޓީން އަންނަނީ އިންތިހާއަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ.