ސެމްސަންގް ފޯނުގެ ކެމެރާގެ ޒޫމް ފީޗާ ބޭނުންކޮށްގެން ނުނެގޭ ފެންވަރުގެ ފޮޓޯތައް އިޝްތިހާރުކޮށް، ކަސްޓަމަރުންނަށް އޮޅުވާލާފައިވާ ކަމަށް ތުހުމަތުކޮށްފިއެވެ.

ދަ ވާޖްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލަ ފެށުނީ، ސެމްސަންގް ގެލެކްސީ އެސް21 އަލްޓްރާ ބޭނުންކުރާ ބަޔަކު، އެމީހުންގެ ޑިވައިސްތަކުން ޒޫމްކޮށްގެން ނަގާފައިވާ ހަނދުގެ ފޮޓޯތައް އެކަކު އަނެކަކާ ޝެއާކޮށް ބެލިބެލުމުގައި ޝައްކު ކުރެވޭ ގޮތްތަކެއް ހުރުމުންނެވެ. މިކަމުގެ ސަބަބުން އެމީހުން އިތުރަށް ބެލިއިރު، އެ ފޮޓޯތަކަކީ ސެމްސަންގުން އިޝްތިހާރުކުރި ގޮތަށް 100x ސްޕޭސް ޒޫމް ފީޗާ ބޭނުންކޮށްގެން ނަގާފައިވާ ފޮޓޯތަކެއް ނޫންކަން އެނގުނެވެ.

މި މައްސަލައާ ގުޅިގެން ތަޖުރިބާކާރުންގެ ގްރޫޕަކުން ފޮޓޯތަކުގެ މެޓަޑޭޓާ ތަހުލީލު ކުރިއިރު، ގެލެކްސީ އެސް21އިން ހަނދަށް ޒޫމްކޮށްފައިވާ ކަމަށް ދައްކާފައިވާ އިރު އެ ފޯނުން އާޓިފިޝަލް ގޮތަކަށް އިމޭޖް ޕްރޮސެސިން ސޮފްޓްވެއާ ބޭނުންކޮށްފައިވާ ކަމަށް ބެލެވުނެވެ. އެ ސޮފްޓްވެއާ އިން ތަސްވީރު ބޮޑުކޮށް، ކޮލިޓީ އިތުރުކޮށް، އަސްލު ޒޫމް ފޮޓޯއެއް ފަދައިން ފެންނަ ގޮތަށް ހަދާ ކަމަށް އެ ތަހުލީލުން ދެއްކިއެވެ.

އެހެންކަމުން ސެމްސަންގްއިން އިޝްތިހާރުކޮށްފައިވާ ޒޫމް ފީޗާ ބޭނުންކޮށްގެން އެހާ ސާފު ފޮޓޯތައް ނުނެގޭ ކަމަށާއި އޭގެ ބަދަލުގައި ފޯން ބަރޯސާވެފައިވަނީ ސޮފްޓްވެއާއެއް މެދުވެރިކޮށް ހަނދުގެ ފޮޓޯތަކަށް ބަދަލު ގެނައުމަށް ކަމަށް ތަޖުރިބާކާރުން ބުންޏެވެ.

މި ހާދިސާއާ ގުޅިގެން ސްމާޓްފޯން ކެމެރާ ޓެކްނޮލޮޖީއަށް އިތުބާރު ކުރެވޭ މިންވަރާއި ޒޫމް ފޮޓޯތަކުގެ ސައްހަކަމާ މެދު ވެސް ވަނީ ސުވާލު އުފެދިފައެވެ.

އެ ތުހުމަތުތަކަށް ރައްދުދީ ސެމްސަންގްއިން ވަނީ، ސޮފްޓްވެއާ މެނިޕިއުލޭޝަން ހެދީ ފޮޓޯތަކުގެ ފެންވަރު ރަނގަޅުކޮށް، ޔޫޒަރުންނަށް ރަނގަޅު ތަޖުރިބާއެއް ހޯދައިދިނުމަށް ކަމަށް ބުނެފައެވެ. އަދި ކެމެރާގެ ސްޕެސިފިކޭޝަންގައި ސޮފްޓްވެއާ ޕްރޮސެސިން ބޭނުން ކުރުމުގެ ވާހަކަ ހިމަނާފައިވާނެކަން އެ ކުންފުނިން ފާހަގަކުރިއެވެ.

ނަމަވެސް ފާޑުކިޔާ ފަރާތްތަކުން ވަނީ، އެކުންފުނިން 100x ޒޫމް ވަރަށް ބޮޑަށް އިޝްތިހާރުކޮށްފައިވާ ކަމަށާއި އެ އިޝްތިހާރުތަކުގައި ސޮފްޓްވެއާ މެނިޕިއުލޭޝަންގެ އެއްވެސް ވާހަކައެއް ނުދައްކާ ކަމަށް ބުނެފައެވެ. މިހާދިސާގެ ސަބަބުން، ޓެކް ކުންފުނިތަކުން އިޝްތިހާރު ކުރުމުގައި އޮޅުވާލާ ކަމުގެ ކަންބޮޑުވުންތަކެއް ވަނީ އުފެދިފައެވެ.

އޭގެ ފަހުން ސެމްސަންގުން ވަނީ މައާފަށް އެދި، މާކެޓިން އަދި ޕްރޮޑަކްޓް ޑިސްކްރިޕްޝަންތަކުގައި ހާމަކަން ބޮޑު ގޮތެއްގައި ކަންކަން ކުރިއަށް ގެންދިއުމަށް ވައުދުވެފައެވެ. އަދި ބައެއް ތަސްވީރުތައް ޑިޖިޓަލްކޮށް ރަނގަޅު ކޮށްފައިވާނެ ކަމަށް ބުނެ އެކަން އަންގައިދޭ ނޯޓެއް ނުވަތަ 'ޑިސްކްލެއިމާ'އެއް ހިމެނޭ ސޮފްޓްވެއާ އަޕްޑޭޓެއް ވަނީ އާންމުކޮށްފައެވެ.

ދަ ވާޖްގައި ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ޔޫޒަރުން ވަނީ ސެމްސަންގްގެ އަމަލުތަކާ ގުޅިގެން ރުޅިވެރިކަން ފާޅުކޮށްފައެވެ. ބައެއް ޔޫޒަރުން ސެމްސަންގްގެ އުފެއްދުންތައް ބޮއިކޮޓް ކުރުމަށް ވެސް ގޮވާލާފައިވާއިރު، އަނެއް ބަޔަކު ވަނީ ޓެކް އިންޑަސްޓްރީގައި ދޮގު އިޝްތިހާރު ކުރުމުގެ ބޮޑު މައްސަލައާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.