19 Apr 2012, 10:03
ވޮޝިންގޓަން (މާޗް 19): އަފްޣާނިސްތާނުގެ މިނިވަން ކަމަށް މަސައްކަތްކުރާ ހަނގުރާމަވެރިން މެރުމަށް ފަހު އެމީހުންގެ ހަށިތައް ހަލާކުކޮށް އެހަށިތަކާ އެކު އެމެރިކާ ސިފައިން ފޮޓޯނަގައި މަޖާކޮށް އުފާކުރަމުންގެންދާ މަންޒަރު ދައްކުވައިދޭ ފޮޓޯތަކެއް ހާމަވުމުން އެކަން ތަހްޤީޤް ކުރުމަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާ ގޮވާލައްވައިފި އެވެ.
އޮބާމާ ވިދާޅުވީ މިއީ އެކަންކުރިބަޔަކު ކުށްވެރިކުރަން ޖެހޭ އަދި މައްސަލަ ތަޙްޤީޤްކޮށް ބަލަންޖެހޭ ވަރުގެ ކަމެއް ކަމުގަ އެވެ. ވައިޓް ހައުސްގެ ތަރްޖަމާން ޖޭ ގާނީ ވިދާޅުވީ މިއީ އެމެރިކާ ސިފައިންގެ ފަރާތުން ފެންނަންބޭނުންނުވާ ލަދުވެތި މަންޒަރުތަކެއް ކަމުގަ އެވެ. އެމެރިކާގެ ދިފާޢީ ވަޒީރު ލިޔޮން ޕެނެޓާ ވިދާޅުވީ އަފްޣާން ހަނގުރާމަވެރިން މެރުމަށް ފަހު އެމީހުންގެ އެމީހުންގެ ހަށިތައް ހަލާކުކޮށް އެހަށިތަކާ އެކު އެމެރިކާ ސިފައިން ފޮޓޯނަގައި މަޖާކޮށް އުފާކުރަމުންގެންދާ މަންޒަރު ދައްކުވައިދޭ ފޮޓޯތަކެއް ހާމަވުމަކީ އެމެރިކާ ލަދުގަންނަން ޖެހޭ ކަމެއް ކަމަށާ މިކަމަށްޓަކައި އަފްޣާން ސަރުކާރާއި ރައްޔިތުންގެ ކިބައިން އެމެރިކާ މަޢާފަށް އެދޭކަމުގަ އެވެ.
ޕެނެޓާ ވިދާޅުވީ ހަނގުރާމައަކީ އިންސާނިއްޔަތުކަމެއް ނެތް ހަޑިމުޑުދާރު ކަމެއްކަމަށް އެމެރިކާ ވެސް ޤަބޫލުކުރާ ކަމަށާއި ޢިރާޤާއި އަފްޣާނިސްތާނުގައި ކުރާ ހަނގުރާމަ ހުއްޓާލުމަށް އެމެރިކާ ނިންމީ މިސަބަބުތަކަށްޓަކައި ކަމުގަ އެވެ. ޕެޓާ ވިދާޅުވީ އެމެރިކާ ސިފައިންގެ ބައެއް ޒުވާނުންނަށް ހަނގުރާމައިގެ ތެރޭގައި ފޯރިއާއި ޖޯޝުގެ ހިނދުކޮޅުތައް އަންނަކަމަށާއި އެ ހިނދުކޮޅުތަކުގައި ކުރެވޭ ނުކުރެވޭ ކަންތައްތައް ޚުދު އެމީހުންނަށް ވެސް ނޭނގޭކަމުގަ އެވެ. ނަމަވެސް މިއީ މިފަދަ ހަޑިކަންތައްތައް ކުރުމުގެ އުޒުރެއްކަމަށް ދެކެވަޑައިނުގަންނަވާ ކަމުގަ އެވެ.
އަފްޣާނިސްތާނުގެ މިނިވަން ކަމަށް މަސައްކަތްކުރާ ހަނގުރާމަވެރިން މެރުމަށް ފަހު އެމީހުންގެ ހަށިތައް ހަލާކުކޮށް އެހަށިތަކާ އެކު އެމެރިކާ ސިފައިން ފޮޓޯނަގައި މަޖާކޮށް އުފާކުރަމުންގެންދާ މަންޒަރު ދައްކުވައިދޭ ފޮޓޯތައް ހާމަކޮށްފައި ވަނީ އެމެރިކާގެ ނޫހެއް ކަމަށްވާ ލޮސްއެންޖޮލަސް ޓައިމްސް އިންނެވެ. ނަމަވެސް އެމެރިކާގެ ހުތުރުސޫރަ ދައްކުވައިދޭ ފޮޓޯތައް މިނޫހުން ނެރުމުން އެކަން ކުށްވެރިކުރައްވާ ކަމަށް އެމެރިކާގެ ދިފާޢީ ވަޒީރު ވިދާޅުވި އެވެ.
ޕެނެޓާ ވިދާޅުވީ މިފަދަ ފޮޓޯތައް ނެރުމުން އެމެރިކާ ލަދުގަންނަން ޖެހުމުގެ އިތުރުން ދުނިޔޭގައި އެމެރިކާއާ މެދު ނަފްރަތު އުފެދި އެމެރިކާއާ ދެކޮޅަށް ބަދަލުހިފުމުގެ ރޫޙު އަފްޣާން ރައްޔިތުންގެ މެދުގައި އުފެދިގެންދާނެ ކަމުގައެވެ.
އަފްޣާނިސްތާނުގެ މިނިވަން ކަމަށް މަސައްކަތްކުރާ ތާލިބާން ހަނގުރާމަވެރިން މެރުމަށް ފަހު އެމީހުންގެ ހަށިތަކަށް އެމެރިކާ ސިފައިން ކުޑަކަމުދާމަންޒަރު ދައްކުވައިދޭ ފޮޓޯތައް ވެސް މި އަހަރުގެ ކުރީކޮޅުވަނީ ހާމަވެފަ އެވެ.
އެމެރިކާ ސިފައިން އަފްޣާން ގެތަކަށްވަދެ އަންހެނުންނާއި ކުޑަކުދިން މަރައި އެމީހުންގެ ހަށިތައް އެންދި މައްސަލައިގެ އިތުރުން ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރު ނާޒީ ޖަރުމަނުގެ ސިފައިންނާއި ޖަޕާނުގެ ސިފައިން ހިންގިފަދަ ލާއިންސާނީ ޢަމަލުތައް ޢިރާޤުގެ ޢާންމުންނާ ދެކޮޅަށް އެމެރިކާ ސިފައިން ހިންގާފައިވާ މަންޒަރު ދައްކުވައިދޭ ފޮޓޯތައްވެސް ވަނީ ހާމަވެފަ އެވެ. ނަމަވެސް މިފަދަ ޢަމަލުތައް ހިންގި އެމެރިކާ ސިފައިން ދެތިން މަސްދުވަހަށް ޖަލަށްލުން ނޫނީ ރޭންކް ދައްކޮށްލުންފަދަ އަދަބެއް ނޫނީ އެމީހުންނަށް ދީފައެއް ނުވެ އެވެ. (ނޫސްއެޖެންސީތައް)