13 Mar 2023, 21:11
ހެންވޭރު ގެއަކުން ވެއްޓުނު 32 އަހަރުގެ އަންހެން މީހާ މަރުވެއްޖެއެވެ.
ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ އައިޖީއެމްއެޗްއަށް ގެންދިޔައިރު ވެސް އެ މީހާ މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށެވެ.
މިކަމާ ގުޅިގެން ފުލުހުން ކުރިން ބުނީ، ހެންވޭރު ގެއަކުން މީހަކު ވެއްޓިފައިވާކަމުގެ މައުލޫމާތު ލިބުނީ މިރޭ 8:05 ހާއިރު ކަމަށެވެ. މިހާރު ވެސް ފުލުހުން ދަނީ އެ ސީންގައި ހަރަކާތްތެރިވަމުންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ އަންހަން މީހާ ވެއްޓުނީ ހ. ލިލީ ނައިޓް ކިޔާ ގެއެއްގެ ފަސްވަނަ ފަންގިފިލައިންނެވެ.
ސޯޝަލް މީޑިއާގައި ދައުރުވާ ފޮޓޯތަކުން ފެންނަ ގޮތުގައި އޭނާ ވެއްޓިފައި ވަނީ ބަނޑުވަތަށެވެ. އަދި އޭނާގެ ބޮލަށް އަނިޔާވެ ގިނަ އަދަދަކަށް ބިންމަތީގައި ލޭ ހުއްޓެވެ.
މި ހާދިސާއެއް ހިނގާފައި މިވަނީ ހެންވޭރުގައި ހުރި ގެއެއްގެ ފަސްވަނަ ފަންގިފިލާއިން ވެއްޓުނު ކުޑަކުއްޖަކު ނިޔާވި ހާދިސާއަށް 24 ގަޑިއިރު ނުވަނީހެވެ.