ޕެރިސް (މާޗް 19): ފަރަންސޭސި ރިޔާސީ ރޭހުގެ ފުރަތަމަ ބުރުގައި ރައީސް ނިކޮލައި ސަރކޯޒީގެ މައްޗަށް ސޯސަލިސްޓް ލީޑަރު ފްރާންސްވާ ހޮލާންޑް ކާމިޔާބު ހޯއްދަވާނެކަން ޚިޔާލުހޯދުމުގެ އެންމެފަހުގެ ސާވޭ އިން ހާމަވެއްޖެ އެވެ.

ފަރަންސޭސި ރިޔާސީ އިންތިޚާބަށް އެންމެ ދެތިން ދުވަހަށް ވެފައިވަނިކޮށް ޕީވީއައި އިންސްޓިޓިއުޓުން ކުރި އާންމު ޚިޔާލު ހޯދުމުގެ ސަރވޭއެއްގެ ނަތީޖާ ދައްކާގޮތުން ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ސަރކޯޒީ އަށް 27.5 ޕަސެންޓް ވޯޓު ލިބިވަޑައިގަންނަވާނެ ކަމަށް ބެލެވޭ އިރު ހޮލާންޑަށް 29.5 ޕަސެންޓް ވޯޓު ލިބިވަޑައިގަންނަވާނެ އެވެ.
އިއްޔެ ޝާއިޢުކުރި މި ސާވޭގެ ނަތީޖާ މިގޮތަށް ދައްކާފައިވާ އިރު މީގެ ދެދުވަސްކުރިން ސީއެސްއައި އިންސްޓިޓިއުޓުން ކުރި ސާވޭއެއްގެ ނަތީޖާ ދައްކާގޮތުން ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ސަކޯޒީ އަށް ލިބޭނީ 24 ޕަސެންޓް ވޯޓެވެ. ހޮލާންޑަށް 29 ޕަސެންޓް ވޯޓެވެ. އަދި އިންތިޚާބުގެ ދެވަނަ ބުރުގައި ސަރކޯޒީގެ މައްޗަށް ބޮޑުތަފާތަކުން ހޮލާންޑް ކުރިހޯއްދަވާނެ އެވެ. އެ ގޮތުން ދެ ވަނަ ބުރުގައި ސަކޯޒީ އަށް 44 ޕަސެންޓް ވޯޓު ލިބޭނެ ކަމަށް މިސާވޭގައި ލަފާކޮށްފައިވާ އިރު ހޮލާންޑަށް ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ 56 ޕަސެންޓް ވޯޓެވެ.

އަންނަ އާދިއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ފަރަންސޭސި ރިޔާސީ އިންތިޚާބުގައި އެންމެ ގާތުން ވާދަކުރައް ވަނީ އެ ދެބޭފުޅުންނެވެ. އިންތިޚާބުގެ ދެވަނަ ބުރު ބޭއްވުމަށް ހަމަޖެހިފައި ވަނީ މޭމަހުގެ 6 ގައެވެ. (އަލްޖަޒީރާ)