މާލޭ ގެއަކުން އަނެއްކާ ވެސް މިރޭ މީހަކު ވެއްޓިއްޖެއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، ހެންވޭރު ގެއަކުން މީހަކު ވެއްޓިފައިވާކަމުގެ މައުލޫމާތު މިރޭ 8:05 ހާއިރު ލިބިފައިވާކަމަށެވެ. ފުލުހުން ދަނީ މި ސީންގައި ހަރަކާތްތެރިވަމުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ވެއްޓިފައި ވަނީ ހ. ލިލީ ނައިޓް ކިޔާ ގެއެއްގެ ފަސްވަނަ ފަންގިފިލައިންނެވެ.

ސޯޝަލް މީޑިއާގައި ދައުރުވާ ފޮޓޯތަކުން ފެންނަ ގޮތުގައި އޭނާ ވެއްޓިފައި ވަނީ ބަނޑުވަތަށެވެ. އަދި އޭނާގެ ބޮލަށް އަނިޔާވެ ގިނަ އަދަދަކަށް ބިންމަތީގައި ލޭ ހުއްޓެވެ. ބެލެވޭ ގޮތުގައި އަނިޔާވީ އަންހެނަކަށެވެ.

މި ހާދިސާއެއް ހިނގާފައި މިވަނީ ހެންވޭރުގައި ހުރި ގެއެއްގެ ފަސްވަނަ ފަންގިފިލާއިން ވެއްޓުނު ކުޑަކުއްޖަކު ނިޔާވި ހާދިސާއަށް 24 ގަޑިއިރު ނުވަނީހެވެ.