13 Mar 2023, 20:01
ފަރެސްމާތޮޑާގައި ތަރައްޤީކުރި އެއާޕޯޓަށް މިއަދު ހަވީރު ފުރަތަމަ ފަހަރަށް ޓެސްޓް ފްލައިޓެއް ކާމިޔާބުކަމާއިއެކު ޖައްސައިފިއެވެ.
ފަރެސްމާތޮޑާ އެއަރޕޯޓަށް ޓެސްޓް ފްލައިޓް ޖައްސާފައިވަނީ މިއަދު ހަވީރު 17:28 ގައެވެ. ޓެސްޓް ފްލައިޓެއްގެ ގޮތުގައި ފަރެސްމާތޮޑާ އެއަރޕޯޓްގެ ރަންވޭއަށް ޖައްސާފައިވަނީ ރާއްޖޭގެ ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ޑޭޝް 8 މަރުކާގެ ބޯޓެކެވެ.
ފަރެސްމާތޮޑާއަށް ޖެއްސި ޓެސްޓް ފްލައިޓުގައި މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރަރސްޓްރަކްޗަރ މުހައްމަދު އަސްލަމާއި، މޯލްޑިވިއަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އައިޝަތު ޖެނިފަރ އާއި ރީޖަނަލް އެއަރޕޯޓުގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ރިޒްވީ ވަނީ އެ ރަށަށް ވަޑައިގަންނަވާފައެވެ.

ފަރެސްމާތޮޑާއަށް ޓެސްޓް ފްލައިޓް ޖެއްސުމުގެ ތެރެއިން--- ފޮޓޯ/ ނެޝަނަލް ޕްލޭނިން
ފަރެސްމާތޮޑާ އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫއުއަކީ ސަރުކާރުން 144 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްގެން ކުރިއަށްގެންދާ މަޝްރޫއުއެކެވެ. ފަރެސްމާތޮޑާ އެއަރޕޯޓްގައި 1200 މީޓަރު ދިގު ރަންވޭއެއް ހިމެނޭއިރު، މި އެއަރޕޯޓް ތަރައްޤީކުރަނީ ރޭގަނޑު ވެސް ފްލައިޓް ޖެއްސޭ ގޮތަށެވެ.
ފަރެސްމާތޮޑާ އެއަރޕޯޓް ރަސްމީކޮށް ހުޅުވުމަށް ސަރުކާރުން ތާވަލްކޮށްފައިވަނީ އަންނަ ބުދަ ދުވަހުއެވެ. އެއަރޕޯޓް ހުޅުވުމަށް ވާންޖެހޭ ތައްޔާރީތައް ވަމުން އަންނައިރު، ފަރެސްމާތޮޑާ އެއަރޕޯޓް ހުޅުވައިދެއްވާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހެވެ.

ފަރެސްމާތޮޑާއަށް ޓެސްޓް ފްލައިޓް ޖެއްސުމުގެ ތެރެއިން--- ފޮޓޯ/ ނެޝަނަލް ޕްލޭނިން
ފަރެސްމާތޮޑާ އެއަރޕޯޓް ހުޅުވުމަށް ތައްޔާރުވަމުންދާއިރު، އެ އެއަރޕޯޓަށް ބޭނުންވާ މުއައްޒަފުން ހޯދުމަށްވެސް މިހާރު ވަނީ އިއުލާނުކޮށްފައެވެ. މިގޮތުން އެ އެއަރޕޯޓުން ވަނީ، 15 ދާއިރާއަކުން 45 މުވައްޒަފުން ހޯދުމަށް އިއުލާނުކޮށްފައެވެ.
ފަރެސްމާތޮޑާ އެއާޕޯޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ބިން ހިއްކުމުގެ މަސައްކަތް ފެށި އެއާޕޯޓެކެވެ. އެ އެއާޕޯޓްގެ ބިން ހިއްކުމުގެ މަސައްކަތް އެންމެ ފުރަތަމަ ހަވާލުކުރީ ގަލްފް ކޮބްލާ ކުންފުންޏާ 2.5 މިލިއަން ޑޮލަރަށެވެ. ނަމަވެސް އެ މަސައްކަތް 2019 ވަނަ އަހަރު ގަލްފް ކޮބްލާ ކުންފުނީގެ އަތުން ނެގުމަށްފަހު ހަވާލު ކުރީ އެމްޓީސީސީއާއެވެ.